ރާއްޖޭގައި ހުއްދަ ނުނަގާ ގާނޫނާ ހިލާފަށް ޑޮލަރު މާރުކުރުމުގެ ކަޅު ބާޒާރުގެ ތެރެއަށް ސިޔާސީ ފަރާތްތަކެއް ވަދެ، މާކެޓް މެނިޕިއުލޭޓް ކުރަމުންދާ ކަމަށާއި އެކަން ހުއްޓުވުމަށް ގާނޫނު ތަންފީޒު ކުރަން ފަށާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ހުއްދަ ނުނަގާ ގާނޫނާ ހިލާފަށް ބޭރު ފައިސާ މާރުކުރުމަކީ ޖިނާއީ ކުށެއް ކަމަށެވެ. އަދި ބައެއް ފަރާތްތަކަށް މިއީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ދެކެވިގެން މި އަމަލު ހިންގަމުންދާ ކަން ފާހަގަކުރައްވައި، މީގެ ތެރޭގައި ރިސޯޓުތަކާއި ވަކިވަކި ފަރުދުން ވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން މުސާރަ ޑޮލަރުން ލިބޭ މީހަކު، އެ ޑޮލަރު ކަޅު ބާޒާރުގައި ވިއްކުމަކީ ވެސް ހުއްދަނެތި ބޭރު ފައިސާ މާރުކުރުން ކަމުގައި މިނިސްޓަރު ބަޔާންކުރެއްވިއެވެ.
އިހުސާން ވިދާޅުވީ، ޑޮލަރުގެ އަގު ކަނޑައެޅުމުގައި ހިނގަނީ އާދައިގެ މާކެޓް އުސޫލުތައް ނޫން ކަމަށެވެ. އެގޮތުން ހެނދުނު ހޭލައިގެން އެންމެ ގިނައިން ފައިސާ މާރުކުރާ ފަރާތްތަކަށް ގުޅައި، އެ ދުވަހެއްގެ ރޭޓަކީ މިއީއޭ ބުނެ މާކެޓް ކޮންޓްރޯލް ކުރަން ބަޔަކު އުޅޭ ކަމަށާއި، މީގެ ތެރެއަށް ސިޔާސީ ފަރާތްތަކެއް ވަދެގެން މިކަން ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ހާމަކުރެއްވި ގޮތުގައި ފާއިތުވި ނުވަ މަސްދުވަހުގެ ތެރޭގައި ޑޮލަރު މާރުކުރާ ހަތް ފަރާތަކުން ކަޅު ބާޒާރުގައި 76 މިލިއަން ޑޮލަރު މާރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހުއްދަނެތި މި ވިޔަފާރިކުރާ ފަރާތްތަކާއި މަޝްހޫރު ބައެއް ރިސޯޓުތައް ހިމެނޭ ކަމަށާއި، މިއީ މަނީ ލޯންޑަރިން ފަދަ ސީރިއަސް ޖިނާއީ ކުށްތައް ކަމަށް ވިދާޅުވިއެވެ. އަދި އައު ގަވާއިދާ އެއްގޮތަށް ބޭންކުތަކަށް ޑޮލަރު މާރުކުރަން ދަތި ކަމަށް ބައެއް ރިސޯޓުތަކުން ބުނަމުންދާއިރު، ކަޅު ބާޒާރަށް ގިނަ އަދަދެއްގެ ޑޮލަރު ދޫކުރަމުންދާ މައްސަލަ ސަރުކާރުން ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
"މިފަދަ ގާނޫނުތައް ޒަމާންތަކެއް ވަންދެން ތަންފީޒު ނުކުރެވި އޮތް ނަމަވެސް، އެގޮތަށް ދެން ކުރިއަށްދާނެ ކަމަށް ނުވިސްނެވުމަށް އެދެން. މިހާރު މިވަނީ މި ގާނޫނުތައް ތަންފީޒު ކުރަން ފަށާފައި. ގާނޫނު ތަންފީޒު ކުރުމުގައި ވަކި މީހަކަށް ވަކި މީހެއްގެ މޫނަކަށް ނުބަލައި ގާނޫނުތައް ތަންފީޒު ކުރާނީ،" އިހުސާން ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އެމްއެމްއޭގެ ހުއްދަ އޮންނަ ތަންތަނުން ވެސް ކަނޑައެޅިފައިވާ ރޭޓަށް ވުރެ މަތިން ޑޮލަރު މާރުކުރާ ނަމަ އެއީ ހުއްދައާ ހިލާފުވުން ކަމަށެވެ. އަދި އެފަދަ ކޮންމެ މުއާމަލާތަކަށް 5،000 ރުފިޔާ އާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ގާނޫނީ ޖާގަ އެބައޮތް ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން ނޭނގި ނަމަވެސް މިފަދަ ޖިނާއީ ކުށްތަކުގެ ތެރެއަށް ނުވަނުމަށާއި، ބޭރު ފައިސާ މާރުކުރަން ވާނީ އެމްއެމްއޭ އިން ހުއްދަ ދީފައިވާ ރަސްމީ ރޭޓުގައިކަން ހަނދާންކޮށްދެއްވައި، ހުރިހާ ފަރާތްތަކުން ވެސް ގާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް މިނިސްޓަރު އިހުސާން ވަނީ އިލްތިމާސްކުރައްވާފައެވެ.
