ގަވާއިދާ ހިލާފަށް ބޭރުފައިސާގެ މުއާމަލާތް ކޮށް، ސައްހަނޫން ލިޔެކިޔުން ބޭނުން ކޮށްގެން ފައިސާ، ރާއްޖެއިން ބޭރުކުރާ މައްސަލައިގައި ހައްޔަރު ކުރި 4 ބިދޭސީން ޑީޕޯޓް ކޮށްފިއެވެ.

މި މައްސަލާގައި ޑީޕޯޓްކޮށްފައި ވަނީ ބަންގްލަދޭޝްގެ ރޮބީއުﷲ އާއި މުހައްމަދު ފިރުދައުސް އާއި މުހައްމަދު އިގްބާލު ހޮސައިން އަދި ޝޮހެލްއެވެ. އެ ހަތަރު މީހުން ރާއްޖެ ނާދެވޭ ގޮތަށް ޑާކާއަށް ފޮނުވާލާފައި ވަނީ މިމަހު 10 ވަނަ ދުވަހުއެވެ.

ރޮބީއުﷲ އާއި މުހައްމަދު ފިރުދައުސް ހައްޔަރު ކޮށްފައި ވަނީ މިދިޔަ މަހު 28 ވަނަ ދުވަހުއެވެ. މި މައްސަލާގައި ރޮބީއުﷲ، 10 ދުވަހުގެ މުއްދަތަކަށް ބަންދުކުރަން ކޯޓުން އަމުރުކުރި އިރު ފިރްދައުސް 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރު ކުރިއެވެ. ބަންދުގެ އަމުރުތަކުން އެނގޭ ގޮތުގައި ރޮބީއުﷲ އަށް ފުލުހުން ތުހުމަތު ކޮށްފައި ވަނީ ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކެއް ބޭނުން ކޮށްގެން ކަޅު ބާޒާރުގައި ގަވައިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތް ހިންގި ކަމުގެ ތުހުމަތެވެ.

އޭނާގެ އަމިއްލަ އެކައުުންޓުން، ފައިސާގެ ބޮޑެތި މުއާމަލާތްތަކެއް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވާއިރު އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބަކީ ފިލައިފާނެ ކަމުގެ ބިރު އޮތުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާއަކީ ކަޅުބާޒާރުގައި ޑޮލަރުގެ މުއާމަލާތް ކުރުމުގައި އިސްކޮށް އުޅޭ އެ ވިޔަފާރީގެ ބޮޑެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފިރުދައުސާ ގުޅޭ ކޯޓު އަމުރުގައި ބުނެފައި ވަނީ އޭނާއަކީ ވިއުގައެއް ހަދައިގެން ޖަމާއަތެއް މެދުވެރިކޮށް ކަޅުބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރާ މީހެއް ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. ފުލުހުން ވަނީ އޭނާ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވަނީ ބޭންކު މެދުވެރިކޮށް ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ހަދައިގެން ކަމަށް ބުނެފައެވެ.

އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލައި ދޭން އޭނާގެ ވަކީލުން އެދުނު ނަމަވެސް ކޯޓުން ވަނީ އޭނާ ބަންދުގައި ބަހައްޓަން ނިންމާފައެވެ.

މީގެ އިތުރުން މިމަހު 1 ވަނަ ދުވަހު ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެ، ދިވެހިރާއްޖޭގައި ބޭރު ފައިސާ ގަނެ ވިއްކުމަށް ކަނޑައަޅާފައިވާ ގަވާއިދާ ހިލާފަށް ބޭރުފައިވާ ގަނެ ވިއްކާ، ސައްހަނޫން ލިޔެކިޔުން ބޭނުން ކޮށްގެން ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް ފޮނުވާ ކަމަށް ތުހުމަތުގައި މުހައްމަދު އިގްބާލު ހޮސައިން އަދި ޝޮހެލް ހޯދަން ފުލުހުން އިއުލާނު ކުރުން އެ ދެމީހުން ފުލުހަށް ދިޔައީ އަމިއްލައަށެވެ.