ސަރުކާރުތައް ބަދަލުވި ނަމަވެސް، ކުރިން ހިންގާފައިވާ އުމްރާނީ ތަރައްގީގެ ވަސީލަތްތައް ބެލެހެއްޓުމެއް ނެތި ހަލާކުވާން ދޫކޮށްލުމަކީ ބަލައިގަނެވޭނެ އުސޫލެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ގދ. ތިނަދޫ އަލުން ވަޒަންވެރިވިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، ޔާމީން ފާހަގަކުރެއްވީ އެމަނިކުފާނުގެ ވެރިކަމުގައި ތިނަދޫގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވީ މާޒީގައި އެ ރަށުގެ ރައްޔިތުންނަށް ދިމާވި ހިތާމަތަކަށް ތަސައްލީއެއް ހޯދައިދިނުމުގެ މަގްސަދުގައި ކަމަށެވެ. ނަމަވެސް ވެރިކަން ބަދަލުވުމަށްފަހު އެ ތަރައްގީގެ ބޭނުން ހެޔޮގޮތުގައި ނުހިފައި، ދޯދިޔާވާން ދޫކޮށްލާފައިވާ ކަމަށް ވިދާޅުވެ އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި ކުރިމަގުގައި އެނބުރި ވެރިކަމަށް އާދެވިއްޖެނަމަ އެ ރަށަށް އިސްކަންދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ކަޅުބާޒާރުގައި ޑޮލަރުގެ ރޭޓު 22 ރުފިޔާއިން މައްޗަށް ގޮސްފައިވާއިރު، ގައުމުގެ ރިޒާވް ދަށްވުމުގެ ސަބަބުން ތެލާއި ކާޑު ފަދަ އަސާސީ ތަކެތި އެތެރެކުރުމަށް ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް މަސްތަކުގައިވެސް މިކަމަށް އަވަސް ހައްލެއް ފެންނަން ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ތަކެތީގެ އަގު އުފުލި އާންމުންނަށް ލިބޭ އާމްދަނީއަށް ނުކަތާ ހިސާބަށް ކަންކަން ގޮސްފައިވާތީ، ސީދާ ރައްޔިތުންނާ ބައްދަލުކޮށް މައްސަލަ ހައްލުކުރާނެ ހަގީގީ ސިޔާސަތުތައް ސާފުކޮށްދޭންޖެހޭ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބޭރު ފައިސާގެ އަގުތަކާ ބެހޭގޮތުން މައުލޫމާތު ފެތުރުން ހުއްޓުވުމަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅައި، މީހުން ޖޫރިމަނާ ކުރަން މަޖިލިސް މެދުވެރިކޮށް ކުރާ މަސައްކަތްތަކަށް ވެސް އެމަނިކުފާނު ފާޑުވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ، އަސްލު މައްސަލައަށް ފަރުވާ ނުހޯދައި، ގާނޫނީ ގޮތުން ބިރުދައްކައި، އަޑުއުފުލުންތައް ހުއްޓުވަން އުޅުމަކީ މައްސަލަ އިތުރަށް ގޯސްވާނެ ކަމެއް ކަމަށެވެ.
މީގެއިތުރުން، ރަށްރަށުގައި ހުރި އެންމެ އަގުބޮޑު ވަސީލަތަކީ ބިން ކަމަށްވާއިރު، ކައުންސިލްތަކުގެ ބާރު ކަނޑުވާލުމާ ދެކޮޅަށް ރައްޔިތުން ނުކުމެ މުޒާހަރާ ކުރަންޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވީ ރާއްޖެއަކީ ވަސީލަތްތައް މަދު ގައުމެއް ނޫން ކަމަށާއި، ބޭނުންވަނީ އެ ވަސީލަތްތައް ރައްޔިތުންގެ ފައިދާއަށް ބޭނުންކުރަން ދަންނަ ވެރިކަމެއް ކަމަށެވެ. އަދި އެކަން ނޭނގޭނަމަ ވެރިކަމާ ހަވާލުވެގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، ކައުންސިލްތަކުގެ ބަހެއް ނެތި ސަރުކާރަށް ބިން ނެގޭ ގޮތަށް ގާނޫނު ބަދަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ސަރުކާރުގެ "ލޭންޑް ގްރެބް" ސިޔާސަތެއް ކަމަށެވެ. އަދި ބިމުގެ ބާރު ނެތިއްޖެނަމަ ލާމަރުކަޒީ ނިޒާމުގެ މާނައެއް ނޯންނާނެ ކަމަށް ވިދާޅުވެ، ބިންތައް އަތުލާ މައްސަލައިގައި ކޮންމެ ކައުންސިލަކުން ވެސް ކެރިގެން އަޑުއުފުލައި ބަޔާން ނެރެންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
