ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރުމުގެ ގޮތުން، އަމިއްލައަށް ވަޒީފާ ދޫކޮށްލާ މީހުންނަށް ވިޔަފާރި ފަށަން އެހީވުމަށް 600 މިލިއަން ރުފިޔާގެ ފަންޑެއް ސަރުކާރުން ގާއިމުކޮށްފިއެވެ.
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވި ގޮތުގައި، "ކުމެވި ފަންޑް"ގެ ނަމުގައި އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ތައާރަފުކުރި މި ފެސިލިޓީގެ ބޭނުމަކީ ކުންފުނިތައް "ރައިޓް ސައިޒް" ކުރާއިރު ވަޒީފާއިން ވަކިވާ މީހުންނަށް އާމްދަނީ ހޯދޭނެ އެހެން މަގުތަކެއް ފަހިކޮށްދިނުމެވެ.
މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ކުންފުނިތައް މާލީ ގޮތުން ހަރުދަނާކޮށް، ރާއްޖޭގެ އިގުތިސާދު އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރަން ޖެހޭ ކަމަށެވެ. އެގޮތުން މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ބަދަލުގައި، އަމިއްލަ މަސައްކަތެއް ފަށަން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުން މި ފަންޑުގެ ދަށުން ލޯނު ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ފެސިލިޓީތައް ދޫކުރުމަށް ބޭނުންކުރާނީ އެސްއެމްއީ ޑިޖިޓަލްގައި މިހާރު ވެސް ހުރި ފައިސާ ކަމަށް ޒަރީރު ފާހަގަކުރެއްވިއެވެ. އަދި މި ލޯނަށް އެދުމަށް ތައްޔާރުކުރަންޖެހޭ ބިޒްނަސް ޕްރޮޕޯޒަލް ހެދުމުގައި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާކަން ފާހަގަކުރައްވައި، ޒަރީރު ވަނީ ތަފާސްހިސާބުތަކެއް ހާމަކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރިކޯޑުތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރު ދައުލަތުގެ ކުންފުނިތަކުގައި ތިބީ 18،676 މުވައްޒަފުންނެވެ. ނަމަވެސް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އިތުރު 18،053 މުވައްޒަފުން ނަގާފައިވާ ކަމަށާއި، އޭގެ ސަބަބުން 2019 އިން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް މުވައްޒަފުންގެ އަދަދު ސައްތައިން ސައްތަ އިތުރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ މުއްދަތު ނިމުނުއިރު މުވައްޒަފުންގެ ޖުމްލަ އަދަދު 36،729 އަށް އަރާފައިވާ ކަމަށް ވެސް އޭނާ ހާމަކުރެއްވިއެވެ.
މިހިނގާ 2024 ވަނަ އަހަރުން ފެށިގެން މިހާތަނަށް މި ސަރުކާރުން ކުންފުނިތަކަށް 4،938 މުވައްޒަފުން ނަގާފައިވާ ކަމަށް ޒަރީރު ވިދާޅުވިއެވެ. މިއާއެކު ދައުލަތުގެ ކުންފުނިތަކުގައި މިހާރު ތިބި މުވައްޒަފުންގެ ޖުމްލަ އަދަދަކީ 41،667 ކަމަށް އޭނާ ހާމަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ޕަބްލިކް ސެކްޓާ މުވައްޒަފުންގެ 53 ޕަސެންޓް ހިއްސާކުރަނީ ސަރުކާރު ކުންފުނިތަކުން ކަމަށް ވާއިރު، މިއީ އިގުތިސާދީ ގޮތުން ބަލާއިރު އޮނިގަނޑު ރޭވިފައިނުވާ ގޮތެއް ކަމަށެވެ. ކުރިއަރާފައިވާ ގައުމުތަކެކޭ އެއްފަދައިން އިގުތިސާދު ހަރުދަނާކުރުމަށް މުވައްޒަފުންގެ އަދަދު މަދުކުރަން މަޖުބޫރުވެފައިވާ ކަމަށާއި، އެކަން ކުރާއިރު ވަކިވާ ކޮންމެ މީހަކީ ވެސް ދިވެހި ދަރިއެއްކަން ދަންނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ވަނީ ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބުނެ ސުވާލުކުރައްވާފައެވެ. މި ސުވާލަށް ޖަވާބުދެއްވަމުން ޒަރީރު ވިދާޅުވީ ސިޔާސީ ޕާޓީއަކަށް ނިސްބަތްވުމުން ނުވަތަ ފާޅުކުރާ ހިޔާލަކާ ގުޅިގެން ވަޒީފާއިން ވަކިކުރުމަކީ ސަރުކާރުން ގެންގުޅޭ ސިޔާސަތެއް ނޫން ކަމަށެވެ. އަދި އެފަދަ ގޮތަކަށް އަމަލުކުރުމަށް އެއްވެސް ކުންފުންޏަކަށް ފިނޭންސް މިނިސްޓްރީން އަންގާފައި ނުވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. ކުންފުނިތަކުގެ ދުވަހުން ދުވަހަށް ހިންގުމުގެ ކަންކަމުގެ ތެރެއަށް ވަދެ، ވަކި މީހަކު ވަކިކުރުމަށް މިނިސްޓްރީން އަންގާފައި ނޯންނާނެ ކަމަށް ވެސް ޒަރީރު ވިދާޅުވިއެވެ.
އެހެންނަމަވެސް، ކުންފުނިތައް ހިންގަންވާނީ ލިބޭ އާމްދަނީއާ އެއްވަރަށް ހަރަދުތައް ހަމަޖައްސައިގެން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ކުންފުނިތަކުގެ ހަރަދުތައް ކުޑަކޮށް، އެކަށީގެންވާ ގޮތެއްގައި ހިންގުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މިނިސްޓްރީގެ ފަރާތުން ކުންފުނިތަކަށް އިރުޝާދު ދެމުން ގެންދާނެއެވެ. މުވައްޒަފުން މަދުކުރާއިރު ވެސް ސިޔާސީ ކުލަޔަކަށް ބެލުމެއް ނެތި، ވަކިވާ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ލޯނު ފަންޑު ފަދަ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް ޒަރީރު ވިދާޅުވިއެވެ.
