ސަރުކާރުގެ ކުންފުނިތައް އިސްލާހުކުރުމުގެ ބޮޑު މަޝްރޫއެއްގެ ދަށުން، ފެނަކަ ކޯޕަރޭޝަނާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާން ކުރައްވާފައެވެ. މި ނިންމުމުގެ ދަށުން، މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ ގިނަ ރަށްރަށުގައި ފެނަކައިން ދެމުންގެންދާ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އަށް ބަދަލުކުރާނެއެވެ. އަދި އާރުޑީސީން ކުރަމުންދާ މަގުހެދުމުގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރާނެއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، މި ބަދަލުތަކުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމާއި، އެއް މަސައްކަތްތަކެއް ތަކުރާރުވުން ހުއްޓުވައި ކުންފުނިތައް ހިންގުން ހަރުދަނާކުރުމެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ރިޕޯޓުތަކުން ދައްކާ ގޮތުގައި ކުރީގެ ސަރުކާރުގައި މި ދެ ކުންފުނި ވަނީ ވަރަށް ބޮޑަށް މިސްމެނޭޖް ކޮށްފައެވެ. ދަރަނި ބޮޑުވެ، ދައުލަތުގެ ބަޖެޓަށް ބަރޯސާވާ ކުންފުނިތައް މަދުކުރުމަކީ މުހިންމު ކަމެއް ނަމަވެސް، މިފަދަ ބޮޑެތި އިގުތިސާދީ ނިންމުންތައް ތަކުރާރުކޮށް އިއުލާންކޮށް، ފަހުން ބަދަލުކުރަމުންދާތީ ސަރުކާރުގެ ސިޔާސަތުގެ ހަރުދަނާކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. ހާއްސަކޮށް، މީގެ ކުރިން އިއުލާންކުރި ބައެއް ނިންމުންތައް ތަންފީޒުނުކުރެވި ހުރުމަކީ މި ކަންބޮޑުވުން އިތުރުވާ ސަބަބެކެވެ.
ފެނަކައިގެ މިސްރާބު ބަދަލުވުން
މީގެ ދެ އަހަރު ކުރިން، 26 އޮގަސްޓު 2024 ގައި ސަރުކާރުން ނިންމީ ފެނަކައަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސައްތައިންސައްތަ ހިއްސާވާ ސަބްސިޑިއަރީ ކުންފުންޏަކަށް ހެދުމަށެވެ. އެ އަހަރުގެ ނިޔަލަށް އެ މަސައްކަތް ނިންމުމަށް ފިނޭންސް މިނިސްޓްރީއާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަދި އެސްޓީއޯ ހިމެނޭ ކޮމިޓީއެއްވެސް އެކުލަވާލިއެވެ. އޭރު ސަރުކާރުން ބުނީ އެ ބަދަލުގެ ސަބަބުން ފެނަކައިގެ މާލީ ހާލަތު ރަނގަޅުވެ، ހިންގުން ހަރުދަނާވާނެ ކަމަށެވެ. އަދި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ބަދަލުގައި އެހެން ދާއިރާތަކަށް ބަދަލުކުރެވޭނެ ކަމަށްވެސް ބުންޏެވެ. ނަމަވެސް އޭގެ ތިން މަސް ފަހުން، ނޮވެންބަރު 2024 ގައި ފިނޭންސް މިނިސްޓްރީގެ އެންގުމަކަށް އެސްޓީއޯއިން ވަނީ އެ މަސައްކަތް ހުއްޓާލާފައެވެ.
ވަޒީރުންގެ މަޖިލީހުން ފާސްކޮށްގެން ނިންމި އެ ނިންމުން ދޫކޮށްލި ސަބަބެއް އޭރު ސަރުކާރުން ތަފްސީލުކޮށްދީފައެއް ނުވެއެވެ. މިހާރު ފެނަކަ އުވާލައި ސްޓެލްކޯގެ ދަށަށް ބަދަލުކުރަން ނިންމިއިރު، ކުރީގެ ނިންމުން ބަދަލުކުރަން ޖެހުނު ސަބަބާއި، އެސްޓީއޯގެ ބަދަލުގައި ސްޓެލްކޯ މާ ރަނގަޅުވި ގޮތެއް ސާފެއް ނޫނެވެ. ފެނަކައިގެ ދަރަނި 4 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އަދި 2021 އިން 2023 އަށް 2.2 ބިލިއަން ރުފިޔާގެ މާލީ ގޯސްތަކެއް ހަދާފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފައިވާއިރު، ފުރަތަމަ ނިންމުން ތަންފީޒުކުރަން ދައުލަތުގެ ކިހާ ވަގުތަކާއި ފައިސާއެއް ހޭދަވިކަންވެސް ހާމަކޮށްފައެއް ނުވެއެވެ. މި ސުވާލުތަކަށް ޖަވާބު ނުލިބޭހާ ހިނދަކު، މިއީ ރަނގަޅަށް ދިރާސާކުރެވިގެން ހިންގާ އިސްލާހީ ޕްރޮގްރާމަކަށް ވުރެ ބޮޑަށް، ކުރިން ފޭލިވި ކަމެއް އަލުން ފެށުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަވުމުގެ ފުރުސަތު އެބައޮތެވެ.
ކުރީގެ ނިންމުންތަކާއި އަމަލުކުރެވުނު ގޮތް
ފެނަކައިގެ މައްސަލައަކީ ހަމައެކަނި ހިނގި ކަމެއް ނޫނެވެ. ސެޕްޓެންބަރު 2024 ގައި އިއުލާންކުރި ކުންފުނިތައް އިސްލާހުކުރުމުގެ ޕްރޮގްރާމްގެ ދަށުން، 2020 ވަނަ އަހަރު އުފެއްދި އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އުވާލައި، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީއެފްޒެޑް) ގެ ދަށަށް ބަދަލުކުރަން ނިންމިއެވެ. އެއާއެކު ނޮވެންބަރު 2024 ގައި އެ ކުންފުނީގެ އޮޕަރޭޝަންތައް ހުއްޓާލިއެވެ. އޭގެ ސަބަބުން އެ ކުންފުނީގެ 182 މުވައްޒަފުންނާއި ދަނޑުވެރިންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް ޖެނުއަރީ 2025 ގައި ރައީސް ވިދާޅުވީ އެ ކުންފުނި އުވާލާ ވާހަކައަކީ ދޮގެއް ކަމަށާއި، އެއީ އެމްއައިޑީއެފްޒެޑްގެ ދަށަށް ގެނައި ބަދަލެއް ކަމަށެވެ. އޭގެ ދެ މަސް ފަހުން، މާޗު 2025 ގައި ވަޒީރުންގެ މަޖިލީހުން ވަނީ ކުރީގެ ނިންމުން ބަދަލުކޮށް، އެގްރިކަލްޗާ މިނިސްޓްރީގެ ބެލުމުގެ ދަށުން ވަކި ކުންފުންޏެއްގެ ގޮތުގައި އެގްރޯނެޓްގެ މަސައްކަތްތައް އަލުން ފަށަން ނިންމާފައެވެ.
ހަމަ އެ ޕްރޮގްރާމްގެ ދަށުން، މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުވާލައި، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އާ ހަވާލުކުރަން ނިންމިއެވެ. އެކަމަށް ދިން ސުންގަޑިއަކީ 31 ޑިސެންބަރު 2024 އެވެ. ނަމަވެސް އެ ސުންގަޑި ފަހަނައަޅައި ދިޔައިރުވެސް ކުންފުނި އުވާލެވިފައެއް ނުވެއެވެ. މާޗު 2025 ގައި ފިނޭންސް މިނިސްޓްރީން ބުނީ ލ. ބަރެސްދޫ މަޝްރޫއާ ގުޅޭ ގާނޫނީ މައްސަލަތަކަކާ ހުރެ އެ މަސައްކަތް ލަސްވަމުންދާ ކަމަށެވެ. ޖުލައި 2025 ގައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުންވެސް އެ ކުންފުނި އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ލަފާދީފައިވެއެވެ. ނަމަވެސް ކުންފުނި އުވާލާނެ ލިކުއިޑޭޓަރަކު ހޯދަން އިއުލާންކުރީ ވެސް އޭގެ އަހަރެއް ފަހުން ޖެނުއަރީ 2026 ގައެވެ. މިއިން ދައްކައިދެނީ ކުންފުނިތަކުގެ މާލީ އަދި ގާނޫނީ ހާލަތު ރަނގަޅަށް ވަޒަންނުކޮށް ސުންގަޑިތައް ކަނޑައަޅާ ކަމެވެ.
އާރުޑީސީއާއި އެމްޓީސީސީ އެއްކުރުމުގެ ގޮންޖެހުންތައް
އާރުޑީސީ އުވާލައި އެމްޓީސީސީއާ މަސައްކަތްތައް ހަވާލުކުރުމަކީވެސް ހަރަދު ކުޑަކުރުމުގެ ނިޔަތުގައި ނިންމި ނިންމުމެކެވެ. މި ދެ ކުންފުންޏަކީވެސް އުމްރާނީ ތަރައްގީގެ މަސައްކަތްކުރާ ދެ ކުންފުނި ކަމަށް ވުމުން، އެއްކޮށްލުމަކީ ބުއްދިވެރި ގޮތެއް ކަމަށް ބެލެވިދާނެއެވެ. އަމީނީމަގު ހެދުމުގެ މަޝްރޫއު 84.4 މިލިއަން ރުފިޔާއަށް އާރުޑީސީއާ ހަވާލުކޮށްގެން ނިންމިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މައްސަލަތައް ނުކުމެ، އެމްޓީސީސީ މެދުވެރިކޮށް އެ މަގު އަލުން ހަދަން ޖެހުމަކީ މި ދެ ކުންފުނީގެ މަސައްކަތް ފުށުއަރާކަމުގެ އަލިގަދަ ހެއްކެކެވެ. ނަމަވެސް ކުންފުންޏެއް އެއްކޮށްލަން އިއުލާންކުރުމާއި އެކަން ކާމިޔާބުކަމާއެކު ތަންފީޒުކުރުމަކީ ތަފާތު ދެ ކަމެކެވެ.
މި ބަދަލު ގެންނާނެ ސީދާ ތާރީހެއް، ސަލާމަތްކުރެވޭނެ ފައިސާގެ އަދަދެއް، އަދި އާރުޑީސީގެ ދަރަންޏާއި މުދަލާއި މުވައްޒަފުންނަށް ހަދާނެ ގޮތެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ. ބޭނުންވާ ވަރަށް މުވައްޒަފުން ބައިތިއްބާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، އެކަން ކުރާނެ މިންގަނޑެއް ނުވަތަ ވަޒީފާ ގެއްލޭނެ މީހުންގެ އަދަދެއް އާންމުކޮށްފައެއް ނުވެއެވެ. މީގެ އިތުރުން، އެމްޓީސީސީއަކީ އާންމުންގެ ހިއްސާ އޮންނަ ޕަބްލިކް ކުންފުންޏަކަށް ވާއިރު، ސަރުކާރުގެ ހިއްސާ އިތުރުކުރާނެ ގޮތާއި، ހިއްސާގެ އަގުކުރާނެ ގޮތްވެސް ސާފުކޮށްދޭން ޖެހެއެވެ. އާރުޑީސީ އުވާލަން އިއުލާންކުރުމާ ހަމައަށްވެސް އެ ކުންފުންޏާ ސަރުކާރުގެ މަޝްރޫއުތައް ހަވާލުކުރަމުން ދިޔަކަމީވެސް އާންމުންގެ ކަންބޮޑުވުން އޮތް ކަމެކެވެ.
ސިޔާސަތުގެ ހަރުދަނާކަމާއި ޖަވާބުދާރީވުން
ސަރުކާރެއްގެ ހަރުދަނާކަން މިންކުރެވެނީ ހަމައެކަނި ވެރިކަމުގައި ދެމިއޮންނަ މުއްދަތަކުން ނޫނެވެ. ނިންމާ ނިންމުންތަކުގެ އިތުބާރުކުރެވޭ މިންވަރާއި، އެއްގޮތެއްގައި ހިފެހެއްޓޭ މިންވަރަކީވެސް މުހިންމު މިންގަނޑެކެވެ. ސިޔާސަތުތައް ބަދަލުކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ޒިންމާދާރު ސަރުކާރަކުން ކުރީގެ ނިންމުން ބަދަލުކުރަން ޖެހުނު ސަބަބު ބަޔާންކޮށްދީ، އާ ނިންމުމަށް ބާރުދޭ ހެކިތައް ހާމަކުރާނެއެވެ. އަދި އެ ނިންމުން ތަންފީޒުކުރުމުގެ ޒިންމާ ނަގާނީ ކޮން ފަރާތަކުންކަން ކަނޑައަޅައި، މިންކުރެވޭނެ ސުންގަޑިތަކެއް ކަނޑައަޅާނެއެވެ.
ފެނަކަ، އެގްރޯނެޓް އަދި އެމްއައިޓީޑީސީގެ މައްސަލައިގައި ފެނިގެންދިޔައީ ނިންމުންތައް ތަންފީޒުނުކުރެވި، ސުންގަޑިތައް ފަހަނައަޅައި، އަދި ބައެއް ނިންމުންތައް އަނބުރާ ގެންދިޔަ ތަނެވެ. އެހެންކަމުން، 2024 ވަނަ އަހަރުން ފެށިގެން ކުންފުނިތައް އިސްލާހުކުރުމަށް ނިންމި ހުރިހާ ނިންމުންތަކެއްގެ މިހާރުގެ ހާލަތާއި، ހޭދަވި ފައިސާއާއި، ސަލާމަތްކުރެވުނު ފައިސާ ހިމެނޭ ތަފްސީލީ ރިޕޯޓެއް އާންމުކުރުން މުހިންމެވެ. މިފަދަ މައުލޫމާތު ހާމަނުކޮށް، ކޮންމެ ފަހަރަކު އާ ނިންމުމެއް އިއުލާންކުރުމުން އާންމުންގެ އިތުބާރު ގެއްލުމުގެ ފުރުސަތު ބޮޑެވެ.
ކުރިއަށް އޮތް ތަން
އެންމެ މުހިންމު ސުވާލަކީ ފެނަކައާއި އާރުޑީސީ އުވާލަން ޖެހޭތޯ ނުވަތަ ނޫންތޯއެއް ނޫނެވެ. މައިގަނޑު މައްސަލައަކީ، މި ނިންމުން ދާއިމީ ކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ގާނޫނީ، މާލީ އަދި އޮޕަރޭޝަނަލް މަސައްކަތްތައް ސަރުކާރުން ފުރިހަމަކޮށްފައިވޭތޯ ކުރެވޭ ސުވާލެވެ. އެހެން ނޫންނަމަ، މިއީވެސް އަނެއްކާވެސް ބަދަލުވެދާނެ ނިންމުމަކަށް ވުމުގެ ފުރުސަތު އެބައޮތެވެ. ހެޔޮ ވެރިކަމެއްގެ ނިޒާމެއްގައި ހަމައެކަނި ނިންމުންތައް އިއުލާންކުރުމުން ނުފުދެއެވެ. އެކަންކަން ތަންފީޒުކޮށް، އަމަލީ ގޮތުން ނަތީޖާ ނެރެދޭން ޖެހެއެވެ. މިހާރު އިއުލާންކޮށްފައިވާ ބަދަލުތައް އަމަލީ ގޮތުން ފެންނަން ފަށާނެ ތާރީހެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.
