ސަރުކާރު ހިއްސާވާ ކުންފުނިތަކުން (އެސްއޯއީ) މުވައްޒަފުން މަދުކުރުމަށް ހިންގާ "ރައިޓްސައިޒިން" ޕްރޮގްރާމަކީ އިގްތިސާދު ހަމައަކަށް އަޅުވަން ކުރާ ކަމެއްގެ ބަދަލުގައި، ސިޔާސީ ބަދަލުހިފުމެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަން ފަށައިފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރު ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން ވަކިކުރަމުން ދަނީ އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލު އިންތިހާބުގައި ސަރުކާރަށް ނާކާމިޔާބީއާ ކުރިމަތިވުމުން، އޭގެ އަދަބެއްގެ ގޮތުން ކަމަށެވެ.
އިތުރަށް ޒިޔާދު ވިދާޅުވީ، ވޭތުވެދިޔަ އެމްޑީޕީ ސަރުކާރުގައި ވެސް ކުންފުނިތަކަށް ބޭނުންވާ ވަރަށްވުރެ ގިނައިން މުވައްޒަފުން ނެގިފައިވާކަން ގަބޫލުކުރައްވާކަމަށެވެ. ނަމަވެސް، މި ސަރުކާރުން ވެސް ވޭތުވެދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެކަން އިސްލާހުކުރުމުގެ ބަދަލުގައި، ފެނަކަ ފަދަ ކުންފުނިތަކަށް އިންތިހާއަށް މުވައްޒަފުން އިތުރުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"އިންތިހާބަކުން ބަލިވެ އޭގެ އަދަބެއްގެ ގޮތުގައި މިކަން މިކުރަނީ މި ޒާތުގެ ކޮންމެ ކަމެއްގައި ސަރުކާރުން ކޮންމެވެސް ރީތި ނަމެއް މި ކިޔަނީ. މިއަދު މުވައްޒަފުންތަކެއް ގަނޑުކޮށް ވަކިކުރަން ވީމާ މި ކިޔަނީ ރައިޓް ސައިޒްކުރަނީއޭ،" ޒިޔާދު ވިދާޅުވިއެވެ.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ބަޔާންކޮށްފައިވަނީ ސަރުކާރާއި ދެކޮޅަށް ޝުއޫރު ފާޅުކުރާ އަދި އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވާ މުވައްޒަފުން ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާ ފަދަ އެކަށީގެންވާ ސަބަބެއް ނެތި، އަދި ވަކި އުސޫލެއް ނެތި މުވައްޒަފުން ކަނޑަމުންދާ ކަމަށެވެ. މީގެ އިތުރުން މުސާރައަށް ކުރާ ހަރަދު ބިލިއަނަކަށް ވުރެ އިތުރުވެފައިވާއިރު، ސަރުކާރުތަކުން ސިޔާސީ ބޭނުމަށް މުވައްޒަފުން ނެގުމުގެ ގެއްލުން ސީދާ ރައްޔިތުންނަށް ފޯރަމުންދާ ކަން ވަނީ ފާހަގަކޮށްފައެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސިޔާސީ ގޮތުން މުވައްޒަފުން ވަކިކުރާ ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވައި، މިއީ ކުންފުނިތަކުގެ ހަރަދުތައް ކުޑަކޮށް، ހިންގުން ހަރުދަނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށް ވިދާޅުވެފައެވެ.
