އިޒްރޭލުގެ ކަނާތުފިޔައިގެ ހަރުކަށި ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމާ ބެން-ގްވީރު، ގާޒާގައި ކޮންމެ ރެޔަކު ފަލަސްތީނުގެ 30 ނުވަތަ 40 މީހުން މެރުމަށް ގޮވާލައިފިއެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބެން-ގްވީރު މިކަމަށް ގޮވާލީ އާދީއްތަ ދުވަހު އާންމުވި ޕޮޑްކާސްޓެއްގައެވެ. މި ޕޮޑްކާސްޓުގައި އޭނާއާއެކު ބައިވެރިވީ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަމާސްއިން ދިން ހަމަލާތަކާ ގުޅިގެން ގާޒާގައި ރަހީނުކޮށްފައި ހުރި އިޒްރޭލުގެ ރޮމް ބްރަސްލަވްސްކީއެވެ.
ބެން-ގްވީރު ބުނި ގޮތުގައި، ހަމައެކަނި އެ ވަގުތަކު ނުރައްކަލެއް ކުރިމަތިކުރާ މީހުންނަށް ހަމަލާދިނުމުގެ ބަދަލުގައި، އަމާޒުކޮށްގެން މީހުން މެރުން ފުޅާކުރަން ޖެހެއެވެ. އަދި ގާޒާގައި ދިރިތިބުން ހައްގުނޫން މީހުން އެބަތިބި ކަމަށާއި، އެއީ އިންސާނުން ނޫން ކަމަށްވެސް އޭނާ ބުނެއެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގައި ހިމެނޭ ބެން-ގްވީރު ވިދާޅުވީ، މިހާރު އޮތް ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމުގެ ދަށުން ގާޒާއަށް ދޭ ހަމަލާތައް މަދުކުރުމަށް ނަތަންޔާހޫ ނިންމި ނިންމުމާ އޭނާ ދެކޮޅު ކަމަށެވެ. ނަމަވެސް، އަސްކަރިއްޔާގެ މައްޗަށް ބެން-ގްވީރުގެ ރަސްމީ އެއްވެސް ބާރެއް ނޯވެއެވެ. އޭނާއަކީ ހަމައެކަނި ހަނގުރާމައާއި ސަލާމަތީ ސިޔާސަތުތައް ކަނޑައެޅުމުގައި ލަފާދޭ އިސް ވަޒީރުންގެ ކެބިނެޓުގައި ހިމެނޭ މީހެކެވެ.
މި ޕޮޑްކާސްޓުގައި ބްރަސްލަވްސްކީ ވަނީ، އިޒްރޭލުގެ އަސްކަރީ ކޯޓުތަކުން މަރުގެ ހުކުމް އިއްވާ ފަލަސްތީނުގެ މީހުންނަށް ހުކުމް ތަންފީޒުކުރުމުގައި އަމަލީގޮތުން ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ބެން-ގްވީރުގެ ކިބައިން އެދިފައެވެ. ބްރަސްލަވްސްކީ ބުނި ގޮތުގައި އޭނާ ބޭނުންވަނީ އަމިއްލަ އަތުން ބަޑިޖަހައި މީހުން މަރާށެވެ. މިކަމަށް ރައްދުދެއްވައި ބެން-ގްވީރު ބުނީ، އެ ފުރުސަތު ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
މީގެ އިތުރުން، ގާޒާގެ ރައްޔިތުން އެ ސަރަހައްދު ދޫކޮށް ދާއިމީކޮށް ދިއުމަށް ބާރުއެޅުމަށާއި، ގާޒާގައި އިޒްރޭލުގެ އާބާދީތައް ހެދުމަށްވެސް ބެން-ގްވީރު ގޮވާލިއެވެ. ބައިނަލްއަގުވާމީ ގާނޫނީ މާހިރުންނާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިފަދަ ގޮތަކަށް މީހުން ގަދަކަމުން ބޭރުކުރުމަކީ ނަސްލު ނައްތާލުމުގެ އަމަލެއް ކަމުގައި ބެލެވިދާނެއެވެ.
ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އޮކްޓޯބަރު މަހު ހަމަލާތައް މެދުކަނޑާލި ފަހުން އިޒްރޭލުން ދިން ހަމަލާތަކުގައި ގާޒާއިން 1،250 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ބެން-ގްވީރުގެ މިފަދަ ހަރުކަށި ވާހަކަތަކާ ގުޅިގެން އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިހާދުގެ ބައެއް ގައުމުތަކުން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅާފައިވީ ނަމަވެސް، އޭނާގެ އަމަލުތަކަށް ބަދަލެއް އައިސްފައެއް ނުވެއެވެ.
