އަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އެތެރެވެފައިވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އެތެރެވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ. އެގޮތުން ރާއްޖެއަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ 97 ޕަސެންޓު ނުވަތަ 1.2 މިލިއަން ފަތުރުވެރިން އެތެރެވީ ވެލާނާ އެއާޕޯޓުންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އެތެރެވި ގަން އިންޓަރނޭޝަނަލް އެއާޕޯޓުން 4,689 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.
މީގެ އިތުރުން 4,282 ފަތުރުވެރި މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން އެތެރެވެފައިވާއިރު 2,779 ފަތުރުވެރިން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އެތެރެވެފައިވެެއެވެ. މީގެ އިތުރުން ވިލާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ރާއްޖެއަށް އެތެރެވެފައިވަނީ 2,405 ފަތުރުވެރިންނެވެ. އަދި ދާލު އެއާޕޯޓުން 1,063 ފަތުރުވެރިން ވަނީ ރާއްޖެއަށް އެތެރެވެފައެވެ،
ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސްރީލަންކަން އެއާލައިންސްއިން ޝެޑިއުލް ދަތުރުތައް ބާއްވަމުން އަންނައިރު، މިއީ ޕްރައިވެޓް ޖެޓުތައްވެސް ގިނައިން ޖައްސާ އެއާޕޯޓެކެވެ.
ދެކުނު ފަތުރުވެރިކަމުގެ ހަބެއްގެ ގޮތުގައި އައްޑޫ ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނައިރު އައްޑޫގައި "އައްޑޫ އަސޭރި ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭން" އިފްތިތާހުކޮށް، ސިޓީ ހޯޓަލާއި، ގޭސްޓްހައުސް އަދި ރިސޯޓު އެނދުތައް އިތުރުކުރުމުގެ ބޮޑު މަޝްރޫއެއް ވަނީ ރޭވިފައެވެ.
މީގެ އިތުރުން ހިތަދޫ، މަރަދޫ، މަަރަދޫފޭދޫ، ފޭދޫ އަދި މީދޫ އަދި ހުޅުދޫގައި ގޭސްޓްހައުސްތައް އިތުރުވެ، ފަތުރުވެރިން ޝައުގުވެރިވާ ފަދަ މަގްބޫލު މަންޒިލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
