ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް ސ. ހުޅުދޫ، ގޯރަންވިލާ އަލްއުސްތާޛާ ފާތިމަތު ދިޔާނާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
މި މަގާމަށް ދިޔާނާ އައްޔަންކުރައްވައި، މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ދިޔާނާއަކީ ތައުލީމީ ގޮތުން މަތީ ކާމިޔާބީތަކެއް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ޓެޒްމޭނިއާއިން ބެޗެލާ އޮފް ލޯސް ހާސިލްކުރައްވާފައިވާއިރު، ޖަޕާނުގެ ޔުނިވާސިޓީ އޮފް އޮސާކާއިން މާސްޓާ އޮފް ލޯސް (ލޯ އެންޑް ޕޮލިޓިކަލް ސައިންސް) އަދި އިނގިރޭސިވިލާތުގެ ލެސްޓާ ޔުނިވާސިޓީން މާސްޓާ އޮފް ލޯސް (އިންޓަނޭޝަނަލް ހިއުމަންރައިޓްސް ލޯ) ވަނީ ފުރިހަމަކުރައްވާފައެވެ.
ދިޔާނާ ވަނީ މީގެ ކުރިން ދައުލަތާއި ސަރުކާރުގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައި ނުފޫޒުގަދަ މަތީ މަގާމުތަކެއް ފުރުއްވާފައެވެ. އޭގެ ތެރޭގައި ސަރަހައްދީ ޖަމްއިއްޔާ، ސާކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާއި، ދިވެހި ދައުލަތުގެ ބަންޑާރަނައިބު ކަމުގެ މަގާމާއި، މިނިސްޓާ އޮފް ޖެންޑާ، ފެމިލީ އެންޑް ހިއުމަންރައިޓްސްގެ މަގާމު ހިމެނެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަންވެސް ވަނީ ކުރައްވާފައެވެ.
