ހޮޓާތަކާއި، ގެސްޓްހައުސް އަދި އެޕާޓްމަންޓް ކުއްޔަށްދޭ ފަރާތްތަކަށް އަމާޒުކޮށްގެން، ބުކިން ކެންސަލްކުރުމުގެ ނަމުގައި އާ ބާވަތެއްގެ ސްކޭމެއް ހިންގަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިންޒާރު ދީފިއެވެ.

މިދިޔަ ޖުލައި މަހުގެ 19 އިން 25 އަށް އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތައް ހާމަކުރަމުން ފުލުހުން ބުނީ، މިދިޔަ ހަފުތާގައި އެކަނިވެސް ބުކިން ކެންސަލްކުރުން ނުވަތަ ރިފަންޑް ސްކޭމްގެ 7 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ސްކޭމް ހިންގާގޮތް ތަފްސީލުކޮށްދެމުން އެންޓި ސްކޭމް ސެންޓަރުން ބުނީ، ސްކޭމަރުން ސޯޝަލް މީޑިއާ މެދުވެރިކޮށް ހޮޓާ ނުވަތަ ގެސްޓްހައުސްތަކާ ގުޅައި ބުކިންއެއް ހަދާ ކަމަށެވެ. އެއަށްފަހު ފައިސާ ދެއްކިކަމުގެ ސައްހަ ނޫން (ފޭކު) ސްލިޕެއް ފޮނުވައި، ކުޑަވަގުތުކޮޅެއްގެ ތެރޭގައި "ކުއްލި ކަމެއް ދިމާވެގެން" ބުކިން ކެންސަލްކުރަން ބޭނުންވާ ކަމަށް ބުނެ، ފައިސާ އަނބުރާ ދިނުމަށް (ރިފަންޑް ކުރުމަށް) އެދެއެވެ. މިކަމުގެ ސަބަބުން ވިޔަފާރިވެރިންނަށް މާލީ ބޮޑެތި ގެއްލުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.

މިފަދަ ލަނޑުތަކުން ސަލާމަތްވުމަށްޓަކައި ވިޔަފާރިވެރިން ތިރީގައިވާ ކަންކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ:

ފައިސާ ލިބުނުކަން ކަށަވަރުކުރުން: ހަމައެކަނި ފޮނުވާ ޕޭމަންޓް ސްލިޕަށް ބަލައިގެން ރިފަންޑް ނުދިނުން. އޭގެ ބަދަލުގައި ބޭންކް އެކައުންޓްގެ ސްޓޭޓްމަންޓް ޗެކްކޮށް، ފައިސާ އެކައުންޓަށް ވަދެފައިވާކަން ޔަގީންކުރުން.

އުސޫލުތަކަށް ތަބާވުން: ކޮންމެ ވިޔަފާރިއެއްގައިވެސް ބުކިން ކެންސަލްކުރުމާއި ރިފަންޑް ދިނުމަށް ކަނޑައެޅިފައިވާ ރަސްމީ އުސޫލުތަކާއި ވަގުތުތަކަށް ބޯލެނބުން.

ޕްރެޝަރަށް ނުލެނބުން: ސްކޭމް ހިންގާ ފަރާތުން ކިތަންމެ ވަރަކަށް ޕްރެޝަރު ކުރި ނަމަވެސް، އަވަސް އަރުވާލައިގެން ފައިސާގެ މުއާމަލާތް ނުހިންގުން.

ފާއިތުވި ހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެކި ބާވަތުގެ ސްކޭމްތަކުގެ ޖުމްލަ 33 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. މި މައްސަލަތަކުގައި ޖުމްލަ 184,235.00 ރުފިޔާގެ ގެއްލުން އާންމުންނަށް ލިބިފައިވާއިރު، ފުލުހުންގެ މަސައްކަތުން މީގެ ތެރެއިން 72,073.00 ރުފިޔާ ވަނީ އަނބުރާ ހޯދިފައެވެ.

އެންމެ ގިނައިން ރިޕޯޓްކުރެވިފައިވަނީ އޮންލައިން ވިޔަފާރީގެ ސްކޭމްތަކެވެ. މިފަދަ ސްކޭމްތައް މައިގަނޑު ގޮތެއްގައި ހިންގަނީ އޮންލައިން މެސެޖިންގ އެޕްތަކާއި، ފޯނު ކޯލްތަކާއި، އަދި އައިބޭ (iBay) އާއި ފޭސްބުކް މާކެޓްޕްލޭސް ފަދަ ވަސީލަތްތައް މެދުވެރިކޮށް ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.