އެސްޓީއޯއަށް 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓާގައި 280 މިލިއަންގެ ސާފު ފައިދާއެއް ލިބިއްޖެއެވެ.
މިކަމާ ގުޅިގެން އެސްޓީއޯއިން ބުނީ އެސްޓީއޯގެ 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓާގެ އާމްދަނީ އަކީ 6.98 ބިލިއަން ރުފިޔާކަމަށާއި، މިއީ މީގެ ކުރީ ކުއާޓާއާއި އަޅާ ބަލާއިރު 27 އިންސައްތައިގެ އިތުރުވުމެއްކަމަށެވެ.
އެސްޓީއޯއިން ބުނީ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީ ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވުން ކަމަށެވެ.
ތެލުގެ އަގު މަތިވުމާއިއެކު އާމްދަނީ އިތުރުވި ނަމަވެސް، ދިވެހިރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ކޮންޓްރޯލް ކުރުމުގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭ ތެލުގެ އަގުތައް ނިސްބަތުން މަތިނުކޮށް ހިފެހެއްޓިފައިވާކަމަށާއި، މި ކަމުގެ ސަބަބުން ތެލުގެ މާޖިން ކުޑަވެ ތެލުގެ ވިޔަފާރިން ލިބުނު ޖުމްލަ ފައިދާ ދަށްވެފައިވާކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
ކުންފުނީގެ އެހެނިހެން ވިޔަފާރިން ލިބުނު ފައިދާ އިތުރުވުމާއިއެކު، ޖުމްލަ ފައިދާ އަށް ކުރި އަސަރު ކުޑަކުރެވިފައިވާކަން ފާހަގަކޮށް އެސްޓީއޯއިން ބުނީ މި ކުއާޓާގައި ޖުމްލަ ފައިދާގެ ގޮތުގައި 757 މިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ.
އެސްޓީއޯއިން ބުނީ ޖުމްލަ ފައިދާ ދަށްވި ނަމަވެސް އިދާރީ ހިންގުމާއި ފައިނޭންސް ކުރުމަށް ކުރެވުނު ހަރަދު މެނޭޖްކުރުމާއެކު ދެވަނަ ކުއާޓާގައި ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި ވަނީ 335 މިލިއަން ރުފިޔާ ލިބިފައިކަމަށެވެ.
އަދި ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓާގެ ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
