ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ރ. އިފުރަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.
މެޓް އޮފީހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އިފުރަށް 50.0 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭވެހުނު ބ. ދަރަވަންދޫ އަށް 44.0 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ށ. ފުނަދޫއަށް 32.8 މިލިމީޓަރު އަދި ކ. ދިއްފުއްޓަށް 31.4 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. މާލެ ސަރަހައްދަށް ބަލާއިރު މާލެއަށް 15.0 މިލިމީޓަރު، ހުޅުލެއަށް 12.8 މިލިމީޓަރު އަދި ހުޅުމާލެއަށް 9.0 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހިފައިވާއިރު، ފ. ނިލަންދޫއަށް 24.6 މިލިމީޓަރު އަދި އދ. މާމިގިއްޔަށް 21.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑުކުރެވިފައިވެއެވެ. މީގެ އިތުރުން ރ. އަލިފުއްޓަށް 16.9 މިލިމީޓަރު އަދި ހދ. ކުޅުދުއްފުއްޓަށް 16.8 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އަދި ލ. ކައްދޫއަށް 5.6 މިލިމީޓަރުގެ ވާރޭ ވެހުނުކަމަށް ރިކޯޑްކޮށްފައިވެއެވެ.
މެޓް އޮފީހުން އިރުޝާދު ދޭ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ވައިގަދަވެ ކަނޑުތައް އާދަޔާ ހިލާފަށް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ. ހާއްސަކޮށް ވިލާގަނޑުގައި ވައި ގަދަވެގެންދާނެތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމަށް ދަތުރަށް ފެށުމުގެ ކުރިން މޫސުމީ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ފުރިހަމައަށް ހުރިތޯ ކަށަވަރުކުރުމަށް ފުލުހުންނާއި އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.
މި ދުވަސްވަރު މުޅި ދެކުނު އޭޝިއާ ސަރަހައްދުގައިވެސް ހުޅަނގު މޫސުމުގެ ބާރު ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ.
