ފީފާ ވޯލްޑްކަޕް 2026 ގެ ފައިނަލް މެޗު މިރޭ އޮންނަ އިރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދަން މިރޭ ނިކުންނާނީ ޔޫރަޕިއަން ޗެމްޕިއަން ސްޕެއިންއާ ވޯލްޑްކަޕް ތަށި ދިފާއުކުރަން ނިކުންނަ އާޖެންޓީނާއެވެ.

ދެ ޓީމު ވެސް ފައިނަލަށް އައިސްފައިވަނީ ވަރުގަދަ ޓީމުތަކާ ކުޅެ ފައިނަލުން ޖާގަ ހައްގުވާ ފަދަ ނަތީޖާތަކެއް ނެރެގެންނެވެ. ދެ ޓީމުން ވެސް ޕެނަލްޓީ ޝޫޓްއައުޓްއަކާ ނުލާ ފައިނަލުން ޖާގަ ހޯދި އިރު މި މުބާރާތުގައި އާޖެންޓީނާ މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ވަނީ މޮޅުވެފައެވެ.

އާޖެންޓީނާގެ ނުގުނޑާ އަޒުމް

ގްރޫޕް ސްޓޭޖް ނިންމާ މުބާރާތުގެ ދެވަނަ ބުރު، ތިން ވަނަ ބުރު، ކުއާޓާ ފައިނަލް އަދި ސެމީ ފައިނަލާ ހިސާބުން ވެސް އާޖެންޓީނާއާ ވާދަކުރީ އިދިކޮޅު ފޭނުން ބުނާ ގޮތުން 'ފަސޭހަ' ޓީމުތަކެވެ. އެހެން ނަމަވެސް މީގެ އެއްވެސް މެޗެއް ހަގީގަތުގައި އާޖެންޓީނާއަކަށް ފަސޭހައެއް ނޫނެވެ. ހާއްސަކޮށް ތިން ވަނަ ބުރުގައި އިޖިޕްޓާ ދެކޮޅަށް ކުޅުނު މެޗާ އިންގްލޭންޑާ ކުޅުނު ސެމީ ފާހަގަކޮށްލެވެއެވެ. މިގޮތުން، މި ދެމެޗުގެ ފަހު 10 މިނެޓާ ހިސާބަށް ދިޔަ އިރު ވެސް އާޖެންޓީނާ ބަލިވެފައި އޮތް ނަމަވެސް ދެ މެޗު ވެސް ނިމުނީ އެއް ގޯލުގެ ތަފާތުން އާޖެންޓީނާ މޮޅުވެގެންނެވެ. ކުއާޓާގައި ސުވިޓްޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗުގެ 90 މިނެޓް ހަމަވެ އިތުރު ވަގުތަށް ދިޔަ އިރު 1-1 ގައި އޮތް ނަމަވެސް އިތުރު ވަގުތުގެ ތެރޭގައި ދެ ލަނޑު ޖަހާ އާޖެންޓީނާ މެޗު ކާމިޔާބުކުރީ 3-1 އިންނެވެ.

މެޗު ނިމެން ދަނިކޮށް އާޖެންޓީނާ އެއްވަރުކުރި ލަނޑު ޖެހި އެންޒޯ ފަނާންޑޭޒް/ފޮޓޯ: އެކްސް

ނޮކް އައުޓް ސްޓޭޖްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު އެއްވެސް ޓީމަކަށް ފަހު ވަގުތު އެޓީމުން މި ނެރޭ ހިތްވަރާ ފޯރި ގެއްލުވާ ނުލެވެއެވެ. އެހެން ނަމަވެސް، އެޓީމުތަކާ ސްޕެއިންއާ ހާސް ބައި ތަފާތެވެ. ސްޕެއިންގެ ކުޅުމުން ފެންނަނީ ރޭވުންތެރިކަމާ ޖަޒުބާތާ ނުލާ ދައްކާ ހިތްވަރެވެ. އެހެން ކަމުން އާޖެންޓީނާއިން މިރޭ ޖެހޭނީ އާ އުކުޅެއް ދައްކާށެވެ.

އާޖެންޓީނާގެ ކުޅުމާ ރޫހުގެ ވެސް މައިސްތިރިއަކީ މެސީ

2018 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ގަދަ 16 އިން ފްރާންސް އަތުން އާޖެންޓީނާ ކެޓި މެޗަށް ފަހު ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނީ އެއީ އޭރު 31 އަހަރުގެ ލައިނަލް މެސީގެ ފަހު ވޯލްޑްކަޕް ކަމަށެވެ. އޭނގެ ފަހުން ދެ ވޯލްޑްކަޕްގައި އާޖެންޓީނާއިން ކުޅެފައިވާ އިރު މެސީ މިވަނީ އާޖެންޓީނާ ދެ ފަހަރު ފައިނަލަށް ގެންގޮސްދީފައެވެ. މި މުބާރާތުގައި އާޖެންޓީނާއަށް މެސީ 8 ގޯލު ޖަހާ ދީފައިވާ އިރު މި ނޮކް އައުޓް ސްޓޭޖްގައި ކުޅުނު މެޗުތަކުގައި އާޖެންޓީނާއަށް އެންމެ މުހިއްމުވީ ވަގުތު ލަނޑުތައް އެސިސްޓްކޮށްފައިވަނީ ވެސް ހަމަ މެސީއެވެ.

މެސީ މުބާރާތުގައި ޖެހި 8 ވަނަ ލަނޑު/ފޮޓޯ: އެކްސް

މިހާރު މެސީގެ އުމުރުން 39 އަހަރު ވެފައިވާ އިރު މި އާޖެންޓީނާގެ ޖާޒީގައި އޭނާ ދައްކާ ކުޅުމާ ހުނަރާ ތަޖުރިބާއިން ހިތްވަރު ނެރެނީ އެޖާޒާގައި މެސީއާއެކު ދަނޑުގައި ކުޅޭ އަނެއް 10 ކުޅުންތެރިންނެވެ. 2-1 އިން އިންގްލޭންޑް ބަލިކުރި ސެމީގެ މެޗަށް ފަހު އާޖެންޓީނާގެ ޖިއުލިއާނީ ސިމިއޯނީ ބުނީ އާޖެންޓީނާގެ ޓީމުން ހިތްވަރު އެލުވާނުލާ ދަނޑުމަތީގައި ދުވަނީ 39 އަހަރުގެ މެސީވެސް ހިތްވަރު އެލުވާލާ ނުލާ އެމީހުންނާއެކު ދުވެ ކުޅެ ހަދާތީ ކަމަށާ އެދައްކާ ހިތްވަރަކީ މެސީއަށްޓަކައި ދައްކާ ހިތްވަރު ކަމަށެވެ.

ފަހު ވަގުތު ޓީމަށް ގެންނަ ބަދަލުވެސް ހަމަ މޮޅީ

އާޖެންޓީނާއިން ނޮކް އައުޓް ސްޓޭޖްގައި ކުޅުނު މެޗުތަކުގެ ތެރެއިން ފަހު ވަގުތު ކާމިޔާބުކުރި ތިން މެޗުގައި ވެސް ޓީމަށް ގެނައި އެންމެ މުހިއްމު އެއް ބަދަލަކީ ފޯވަޑް ލަޓޫރޯ މާޓީނޭޒް ދަނޑަށް އަރުވަން ގެންނަ ބަދަލެވެ.

އިންގްލޭންޑް ކޮޅަށް މާޓިނޭޒް ލަނޑު ޖަހަނީ/ފޮޓޯ: އެކްސް

އިޖިޕްޓާ ދެކޮޅަށް ކުޅުނު މެޗުގައި ސްކޯ 3-2 އަކަށް ހެދި ލަނޑު މާޓީނޭޒް އެސިސްޓް ކުރި އިރު ސުވިޓްޒަލޭންޑް ކޮޅަށް ލަނޑެއް ޖަހާ 3-1 އަކަށް ސްކޯ ހަދާ ނަތީޖާ ކަށަވަރުކުރީ ވެސް ހަމަ އޭނާއެވެ. އަދި މީގެ އިތުރުން މެޗުގެ ފަހު ވަގުތު އިންގްލޭންޑް ކޮޅަށް ގޯލެއް ޖަހާ ފައިނަލްގެ ޖާގަ ވެސް ކަށަވަރު ކުރީ ހަމަ މާޓިނޭޒްއެވެ. އެހެން ކަމުން އިންޓާ މިލާންގެ ފޯވަޑް މާޓިނޭޒް މިރޭގެ މެޗުގެ ފުރަތަމަ 11 އިން ނުފެނުނަސް އޭނާ ފައިނަލްގައި މުހިއްމު ރޯލެއް އަދާކުރާނެ ކަމަށް ބެލެވެއެވެ.