2026 ވަނަ އަހަރުގެ ފީފާ ފުޓްބޯޅަ މުބާރާތުގެ ތަށި ރޭ ސްޕެއިން އުފުލާލި އިރު ސްޕެއިން ކާމިޔާބީ މުޅި ދުނިޔެ ކަހަލަ ގޮތަކަށް ފާހަގަކުރިއެވެ. 2022 ވަނަ އަހަރުގެ ތަށި ހޯދި އާޖެންޓީނާ 1-0 އިން ބަލިކޮށް ސްޕެއިންއިން ހޯދި ކާމިޔާބީ ގިނަ މީހުން ސިފަ ކުރީ ފުޓްބޯޅައަށް ލިބުނު ނަސްރެއްގެ ގޮތުގައެވެ.

ވާނީ ވެސް އެހެން ނޫން ހެއްޔެވެ. މުޅި މުބާރާތުގެ ތެރޭގައި އާޖެންޓީނާއަށް ލިބުނު އެޑްވާންޓޭޖްތަކުގެ ނިވާފަތްގަނޑުގައި އޮވެގެން ފައިނަލާ ހިސާބަށް އެޓީމު ބަޔަކު ގެނެސްދިނީ ކަމަށް ސަޕޯޓަރުންގެ އިތުރުން އެޓީމާ ދެކޮޅަށް ކުޅުނު އިދިކޮޅު ޓީމުތަކުން ތުހުމަތުކުރި އިރު ރޭގެ ފައިނަލްގައި ފެނުނީ މުބާރާތުން މީގެ ކުރިން ނުފެންނަ ފަދަ އާޖެންޓީނާއެކެވެ.

މެޗުގެ 90 މިނެޓްގައި އެންމެ ހަމަލާއެއް ވެސް އެންމެ ޝޮޓެއް ވެސް ހަދާ ނުލެވުނު

ފައިނަލް މެޗުގެ ކުރިން ސްޕެއިންގެ ޑިފެންސްގެ ވަރުގަދަ ވާހަކަ އެތަށް ގޮތަކަށް ދެކެވުނެވެ. މުޅި މުބާރާތުގައި ސްޕެއިންގެ ކޮޅަށް ލަނޑެއް ޖެހުނީ އެންމެ ޓީމަކަށް އެންމެ ފަހަރަކު އެވެ. އެހެން ކަމުން، ރޭގެ މެޗުގައި އާޖެންޓީނާއަށް ސްޕެއިންގެ ޑިފެންސް ފޫއަޅުވާލާ ލަނޑެއް ޖަހާން އުނދަގޫވާނެކަން ގިނަ ބަޔަކު ބުންޏެވެ.

އެހެން ނަމަވެސް، ރޭގެ މެޗު ފެށި އިރު ދުނިޔޭގެ ޗެމްޕިއަން ޓީމުގެ ގޮތުގައި އޮތް އާޖެންޓީނާ އަދި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހާފައި އޮތް އެއް ޓީމު އިދިކޮޅު ޓީމުގެ ގޯލަށް 90 މިނެޓްގައި އެންމެ ހަމަލާއެއް ވެސް ފޮނުވާ ނުލާނެ ކަން އެއްވެސް މީހަކަށް އަންދާޒާ ނުކުރެވުނެވެ.

މެޗުގެ 90 މިނެޓްގައި މުޅިހެން ކުޅުނީ ސްޕެއިންއެވެ. އާޖެންޓީނާގެ ކުޅުންތެރިން ގިނަ ވަގުތު ހޭދަ ކުރީ އަމިއްލަ ހާފްގައި ޑިފެންޑްކުރުމުގައެވެ. ކެޕްޓަން މެސީ ވެސް މެޗު ނިންމާލީ ގޯލާ އަމާޒުކޮށް އެންމެ ޝޮޓެއް އަދި އެންމެ ހަމަލާއެއް ވެސް ހަދާ ނުލާއެވެ. އާޖެންޓީނާގެ ފުރަތަމަ ހަމަލާތައް މެޗު ނިމެން 5 މިނެޓަށް ވީ އިރު ފެނިގެން ދިޔައެވެ. އެހެން ނަމަވެސް އޭރު އޮތީ ވަގުތު ފާއިތުވެފައެވެ.

މެޗުގައި ދެއްކި ހުރިހާ ކާޑެއް ރޭ ދެއްކީ އާޖެންޓީނާގެ ކުޅުންތެރިންނަށް

ނިމިގެން ދިޔަ ވޯލްޑްކަޕްގައި އާޖެންޓީނާއަށް ރެފްރީން ތަފާތު ކުރާ ވާހަކަތައް ސޯޝަލް މީޑިއާގައި އެކި ސިފަ ސިފައިގައި ފެނިގެން ދިޔައެވެ. އާޖެންޓީނާގެ ކުޅުންތެރިން ކުރާ ނުރައްކާތެރި ފައުލްތައް ރެފްރީންނަށް 'ނުފެންނަ' ވާހަކައާ އާޖެންޓީނާ ކުޅުންތެރިންނަށް ކުރާ ފައުލަށް އިދިކޮޅު ކުޅުންތެރިންނަށް އާދިޔާ ހިލާފު ފިޔަވަޅުތައް އަޅާ ވާހަކައެވެ. މުބާރާތުގެ ގަދަ 16 ގައި އިޖިޕްޓާ ދެކޮޅަށް ކުޅުނު މެޗުގައި އިޖިޕްޓުން ޖެހި ދެވަނަ ލަނޑު ކެންސަލްކޮށް ލީ އިޖިޕްޓްގެ ޕެނެލްޓީ އޭރިއާގެ ކައިރީގައި އާޖެންޓީނާގެ ޑިފެންޑަރަކަށް ކުރި ފައުލަކަށެވެ. އޭނގެ ފަހުން އިޖިޕްޓް ކުޅުންތެރިން އަތުން ބޯޅަ އަތުލާނެ ފުރުސަތު އާޖެންޓީނާއަށް ލިބުނު ނަމަވެސް ބޯޅަ ހިފައިގެން މުޅި ދަނޑު ހުރަސްކޮށް ޖެހި އެލަނޑު ކެންސަލްކޮށްލީއެވެ.

އިޖިޕްޓް މެޗުގައި ޖެހި ދެވަނަ ލަނޑުގެ ކުރިން އާޖެންޓީނާގެ ކުޅުންތެރިޔާއަށް ކުރި ފައުލު/ފޮޓޯ: އެކްސް

ކުއަޓާގައި ސުވިޓްޒަލޭންޑްގެ ކުޅުންތެރިއަކަށް ދެއްކި ދެވަނަ ރީނދޫކާޑާ ރަތް ކާޑަކީ ވެސް ސުވާލު އުފެދޭ ނިންމުމެކެވެ. އެ ނިންމުމާއެކު މެޗުގެ އޮއިވަރު އާޖެންޓީނާކޮޅަށް ބަދަލުވެގެން ދިޔައެވެ. އެހެން ނަމަވެސް ފައިނަލް މެޗުގައި އާޖެންޓީނާ ކުޅުންތެރިން 'ބޭނުންވާހާ' ފައުލެއް ކުރާކަށް މެޗުގެ ރެފްރީ ފުރުސަތެއް ނުދެއެވެ. އަދި އިދިކޮޅު ކުޅުންތެރިންނަށް ނުރައްކާވާފަދަ ފައުލްތައް ކުރި ފަހަރުތަކުގައި ކާޑު ވެސް ދެއްކިއެވެ. މިގޮތުން، ހަތަރު ކުޅުންތެރިއަކަށް ރީނދޫ ކާޑު ދެއްކި އިރު އެއް ކުޅުންތެރިއަކަށް ދެ ރީނދޫ ކާޑު ހާމަވެ ރަތް ކާޑެއް ދެއްކިއެވެ. އަދި ކޯޗަށް ވެސް ރިނދޫކާޑު ދެއްކި އިރު މެޗު ނިންމާފައި ހިންގި މާރާމާރީގެ ސަބަބުން އާޖެންޓީނާގެ އިތުރު ކުޅުންތެރިއަކަށް ވެސް ރަތް ކާޑެއް ދެއްކިއެވެ.

ނާކާމިޔާބީއަށް ފަހު ފެނުނީ އަދި މާ ހުތުރު އުޅުމެއް

މެޗުގެ 120 މިނެޓް ހަމަވެ ސްޕެއިން މޮޅުވުމާއެކު އެޓީމުގެ ކުޅުންތެރިން ދަނޑަށް އެރި ވަގުތު އާޖެންޓީނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ އަދި މާ ހުތުރު އުޅުމެކެވެ. ސްޕެއިންގެ ކެޕްޓަން ރޮޑްރިީއަށް އިސްވެ ހަމަލާ ދިނީ އާޖެންޓީނާގެ ކުޅުންތެރިއެކެވެ. އެއަށް ފަހު ދެ ޓީމުގެ ދެމެދު ހިނގި ހަމަނުޖެހުންތައް ސޯޝަލް މީޑިއާ ފީޑުތަކުގައި އަދި ވެސް ފެންނަމުންދާ އިރު ތަޅާފޮޅުންތަކުގައި ގިނަ ހަމަލާތައް ދީ ހެދީ ވެސް ހަމަ އާޖެންޓީނާގެ ކުޅުންތެރިންނެވެ. ހާއްސަކޮށް މެޗުގެ ތެރޭގައި ވެސް ރުންކުރު ކުޅުމެއް ދެއްކި ލިއާންޑްރޯ ޕަރަޑޭޒްގެ ފަރާތުން ފެނުނު ބޭއަދަބީ ހަރަކާތްތައް ފާހަގަކުރަން ޖެހެއެވެ.

މެޗަށް ފަހު އާޖެންޓީނާގެ ޕަރަޑޭސްއަށް ވަނީ ރަތް ކާޑެއް ވެސް ދައްކާފައި/ފޮޓޯ: އެކްސް

ފުޓްބޯޅައިގެ ތާރީހުގައި ދުނިޔެ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށްވާ ލައިނަލް މެސީގެ އަގު ވެސް ރޭގައި ވެއްޓިގެން ދިޔައެވެ. އެއީ ސްޕެއިންގެ ކުބާސީއަށް އާޖެންޓީނާގެ އެންޒޯ ފަނާންޑޭޒް ކުރި ނުރައްކާތެރި ފައުލަށް ފަހު އޭނާއަށް ދެ ރީނދޫކާޑު ދައްކާ މެޗުގެ ރެފްރީ ރަތް ކާޑު ދެއްކި ފަހުން، ސްޕެއިންގެ ޑިފެންޑަރު މާކް ކުކުރެއާ، މެސީއާ މުއާމަލާތް ކުރުމުން އަނގައިގައި އަތްލިތަން މެޗުގެ ވީއޭއާރުގެ ސަމާލުކަމަށް ގެންނަން މެސީ އަވަސްވެގަތް މަންޒަރާ ހެދިއެވެ.

ސްޕެއިންގެ ކުކުރެއާއާ މެސީއާ ދެމެދު ހިނގި މުއާމަލާތުގެ ސްރީން ކެޕްޗާއެއް/ފޮޓޯ: އެކްސް

މިމުބާރާތަށް ފީފާއިން ތައާރަފް ކުރި އާ ގަވައިދު ބުނާ ގޮތުން އަނގަ މަތީގައި އަތް އަޅައިގެން އިދިކޮޅު ކުޅުންތެރިއަކާ މުއާމަލާތްކޮށްފި ނަމަ އެކުޅުންތެރިއަކަށް ސީދާ ރަތް ކާޑު ދައްކަން ޖެހެއެވެ. އެހެން ނަމަވެސް ސްޕެއިންގެ ކުކުރެއާ އިޝާރާތުން ދެއްކީ ކުބާސީގެ އަނގަ މައްޗަށް ވެސް އަނިޔާވެފައި އޮތް ތަނެވެ. ކުކުރެއާއަށް ރަތް ކާޑު ދައްކާ ފޮނުވާލަން އާޖެންޓީނާގެ ކުޅުންތެރިން ހާއްސަކޮށް މެސީ އަދި އޭރު ރަތް ކާާޑު ދައްކާފައި ހުރި ފަނާންޑޭޒް މަސައްކަތް ކުރި ނަމަވެސް ވީއޭއާރުން ބަލާ އެއީ ރަތްކާޑެއް ނޫން ކަމަށް މެޗުގެ އޮފިޝަލުން ނިންމިއެވެ.