ނިމިދިޔަ ފީފާ ވޯލްޑްކަޕްގެ 'ޓީމް އޮފް ދަ ޓޯނަމަންޓް' ނުވަތަ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި ކާބޯ ވާޑޭގެ ކީޕަރު ވޮޒްނިޔާ ހިމެނިއްޖެއެވެ.

އެމެރިކާ، ކެނެޑާ، އަދި މެކްސިކޯގައި ބޭއްވި ވޯލްޑްކަޕްގެ އޮފިޝަލު ޓީމު އޮފް ދަ ޓޯނަމަންޓް ހޮވާފައިވަނީ ފީފާއިންނެވެ. ފީފާގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި ސްޕެއިންގެ ތިން ކުޅުންތެރިންނާ ފްރާންސްގެ ތިން ކުޅުންތެރިންގެ އިތުރުން އާޖެންޓީނާ، އިންގްލޭންޑް، އަދި ނޯވޭގެ ކުޅުންތެރިން ވެސް ހިމެނެއެވެ.

ގޯލް ކީޕަރު

މުބާރާތުގެ އެންމެ ފާހަގަކޮށްލެވޭ ގޯލު ކީޕަރަކަށް ހޮވިފައިވަނީ މިމުބާރާތުގެ ތާރީހުގައި ވެސް ވޯލްޑްކަޕްގައި އަލަށް ވާދަކުރި ކާބޯ ވާޑޭ ކީޕަރު ވޮޒިންޔާއެވެ. މިމުބާރާތުގެ ދެވަނަ ބުރުން ޖާގަ ކަށަވަރު ކުރި ކާބޯ ވާޑޭއިން ވަނީ މުބާރާތުގައި ހަނދާނުން ފޮހެލަން ދަތި ކުޅުމެއް ދެއްކި އިރު އުމުރުން 40 އަހަރުގެ ކީޕަރު ވަނީ ހުޝިޔާރު އެތަށް ސޭވެއްކޮށްފައެވެ.

ކާބޯ ވާޑޭގެ ދެ ކުޅުންތެރިން މެޗަށް ފަހު/ފޮޓޯ: އެކްސް

ޑިފެންޑަރުން

ފީފާއިން ހޮވި ގަދަ 11 ގައި ހިމެނޭ ޑިފެންޑަރުންގެ ތެރޭގައި ސްޕެއިންގެ ދެ ކުޅުންތެރިން ފާހަގަކުރެވެއެވެ. އެއީ ސްޕެއިންގެ ޑިފެންސްގެ ދެ އަރިމަތިން ކުޅޭ މާކް ކުކުރެއާއާ ޕެޑްރޯ ޕޯރޯއެވެ. މީގެ އިތުރުން ފްރާންސްގެ އުޕަމަކާނޯ އަދި އާޖެންޓީނާގެ ވަރުގަދަ ޑިފެންޑަރު ލިސާންޑްރޯ މާޓީނޭޒް ވެސް ޑިފެންސްގައި ހިމެނެއެވެ.

ސްޕެއިންގެ ޑިފެންޑަރު ޕެޑްރޯ ޕޯރޯ/ފޮޓޯ: އެކްސް

މިޑްފީލްޑަރުން

މުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދެއްކި މިޑްފީލްޑަރުންގެ ގޮތުގައި ހޮވިފައިވާ އެއް ކުޅުންތެރިއަކީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށްވާ ސްޕެއިންގެ ކެޕްޓަން ރޮޑްރީއެވެ. މީގެ އިތުރުން އިންގްލޭންޑްގެ ޖޫޑް ބެލިންގްހަމް އަދި ފްރާންސްގެ މައިކަލް އޮލީސޭ ވެސް ހިމެނެއެވެ. އޮލީސޭއަކީ މި މުބާރާތުގައި އެންމެ ގިނަ ލަނޑު އެސިސްޓްކޮށްދިން ކުޅުންތެރިޔާއެވެ.

ވޯލްޑްކަޕްގެ އެންމެ މޮޅު 11 ކުޅުންތެރިން/ފޮޓޯ: އެކްސް

ފޯވަޑުން

މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ފޯވަޑްގެ ލައިންގެ ފަރާތުން މިމުބާރާތުގައި 25 ގޯލު ޖަހާފައިވެއެވެ.

މިއީ ވޯލްޑްކަޕް މެޗެއްގައި ހާލެންޑްގައި ކުޅުނު ފުރަތަމަ ފަހަރު/ފޮޓޯ: އެކްސް

މިގޮތުން، ނޯވޭގެ އާލިންގް ހާލަންޑް 7 ލަނޑު ޖެހި އިރު މިއީ އޭނާ ވޯލްޑްކަޕްގައި ކުޅުނު ފުރަތަމަ ފަހަރެވެ. މުބާރާތުގެ ދެވަނައަށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށްވާ އާޖެންޓީނާގެ ލައިނަލް މެސީ ވަނީ މުބާރާތުގައި 8 ލަނޑު ޖަހާފައެވެ. އަދި މިމުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހާފައިވަނީ ފްރާންސްގެ ކިލިއަން އެމްބާޕޭއެވެ. އޭނާ މިމުބާރާތުގައި 10 ގޯލު ޖެހި އިރު ވޯލްޑްކަޕްގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރިކޯޑް ވެސް މިހާރު އޮތީ އޭނާގެ އަތުގައެވެ.