ރާއްޖޭގައި މިޔަރުގެ ދިރާސާތައް ކުރުމަށްޓަކައި ގާއިމުކުރި ފުރަތަމަ މަރުކަޒު، "ޝާކް ރިސާޗް އެންޑް ކޮންޒަވޭޝަން ހަބް" ފުވައްމުލަކު ސިޓީގައި ރަސްމީކޮށް ހުޅުވައިފިއެވެ.

މި ހަބު ހުޅުވައިދެއްވީ ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގެވެ. މިއީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ދަ މިޔަރު ޕްރޮގްރާމް" އިން އިސްނަގައިގެން ގާއިމުކުރި ތަނެކެވެ.

މި ހަބުން ކުރިއަށްދާނެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ ކަނޑުފަޅުތަކުގައިވާ މިޔަރުގެ ބާވަތްތައް ސައިންޓިފިކް ގޮތުން ދިރާސާކުރުމާއި އެ ސަރަހައްދުގެ ކަނޑުގެ ދިރުންތަކާ ގުޅޭގޮތުން ކިޔަވައިދިނުމާއި ހޭލުންތެރިކަން އިތުރުކުރުން ހިމެނެއެވެ. މީގެ އިތުރުން މިޔަރު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް ސައިންސްވެރިންނާ، ތިމާވެށި ރައްކާތެރިކުރާ ފަރާތްތަކުގެ އިތުރުން ރަށްރަށުގެ މުޖުތަމައުތަކާ ގުޅިގެން މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޖެނުއަރީ 2023 ގައި އުފެއްދި "މިޔަރު ޕްރޮގްރާމް" އިން ދަނީ ރާއްޖެ އާއި ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު، މިޔަރުތައް ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ވަކާލާތު ކުރަމުންނެވެ. ފުވައްމުލަކު ސަރަހައްދަކީ މުޅި ދުނިޔޭގެ ނިސްބަތުން ބެލިޔަސް ފާހަގަކޮށްލެވޭ ފަދަ ގިނަ އަދަދަކަށް ފެހުރިހި މިޔަރު އެއްވާ ސަރަހައްދެކެވެ.

"ދަ މިޔަރު ޕްރޮގްރާމް" އިން މީގެ ކުރިން ކުރިއަށް ގެންދިޔަ "މޮައްމަ ޝާކް ޕްރޮޖެކްޓް" ގެ ދިރާސާތަކުން ދައްކާގޮތުގައި، ފުވައްމުލަކު ކައިރިން ސްކޭންކުރެވުނު އަންހެން ފެހުރިހި މިޔަރުގެ 93 އިންސައްތައަކީ ބަނޑުބޮޑު މިޔަރެވެ. މީގެ އިތުރުން، ފުވައްމުލަކު ޑައިވް ސްކޫލްތަކާ ގުޅިގެން އެ ޖަމިއްޔާއިން ވަނީ 300 އަށްވުރެ ގިނަ ފެހުރިހި މިޔަރު ވަކިވަކިން ދެނެގަނެ، ފޮޓޯ އައިޑީ ކެޓަލޮގެއް އެކުލަވާލާފައެވެ.

2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޭޝިއާގެ އެންމެ ބޮޑު ޑައިވިން އެކްސްޕޯގައި ފުވައްމުލަކަށް ވަނީ 'ބެސްޓް ޝާކް ޑައިވިން ޑެސްޓިނޭޝަން' އެވޯޑު ލިބިފައެވެ.