މިހާރު ހިނގަމުންދާ ފީފާ ވޯލްޑްކަޕް 2026 ގެ ސެމީގެ ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ އިންގްލޭންޑް މިރޭ ވާދަކުރާނެއެވެ. މި މެޗު އޮންނަނީ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާ އިރުއެވެ.

މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި އައި އާޖެންޓީނާއަށް މުޅި ދުނިޔޭގެ ނަފްރަތު

މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ސެމީއަށް އައި އާޖެންޓީނާއަށް ދަނޑުމަތިން ކުރިމަތިވާ ހުރަސްތަކަށް ވުރެ ދަނޑުގެ ބޭރުން އަންނަ ފިއްތުންތައް މާ ގިނައެވެ. މިގޮތުން، މުބާރާތުގެ ގަދަ 16 ގައި އިޖިޕްޓާ ދެކޮޅަށް ކުޅުނު މެޗުގައި އާޖެންޓީނާއަށް ފައިދާ ވާ ގޮތަށް މެޗުގެ ރެފްރީ އަދި ވީއޭއާރްގެ ޓީމުން ގިނަ ނިންމުންތަކެއް ނިންމި ކަމަށް ބުނެ ގިނަ ބަޔަކު ބޮޑެތި ތުހުމަތުތަކެއް ކުރިއެވެ. އަދި ދެން ކުއާޓާގައި ސުވިޓްޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އާޖެންޓީނާއަށް ފައިދާވާނެ ގޮތަށް ސުވިޓްޒަލޭންޑްގެ ކުޅުންތެރިއަކަށް ދެއްކި ރަތް ކާޑާއެކު މި ތުހުމަތުތަކުގެ އަޑު ގަދަވިއެވެ.

މެސީ މުބާރާތުގައި ޖެހި 8 ވަނަ ލަނޑު/ފޮޓޯ: އެކްސް

ބައެއް މީހުން ބުނަނީ ފީފާއިން ބޭނުންވަނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އަދި ފުޓްބޯޅައިގެ ލެޖެންޑް ލައިނަލް މެސީ ކޮންމެ ގޮތެއް ހަދާފައި ވިއަސް މުބާރާތުގެ ފައިނަލަށް ގެންދިއުމަށް ކަމަށެވެ. އަދި ސެމީއަށް އާޖެންޓީނާ އައީ ރޫޓަކީ ވެސް އެހެން އެއްވެސް ޓީމަކަށް ނުލިބޭ ފަދަ ފަސޭހަ ރޫޓެއް ކަމަށާ މިއީ ވެސް ފީފާއިން ގަސްތުގައި ކުރި ކަމެއް ކަމަށް ވެސް ތުހުމަތުކުރެއެވެ. އެހެން ނަމަވެސް، ދެވަނަ ބުރުގައި ކާބޯ ވާޑޭ އަތުން 3-2 އިން މޮޅުވެ ގަދަ 16 ގައި އިޖިޕްޓް އަތުން ވެސް 3-2 އިން އާޖެންޓީނާ މޮޅުވި އިރު ކުއާޓާގައި ގިނަ އިރު 10 ކުޅުންތެރިންނާއެކު ކުޅުނު ސުވިޓްޒަލޭންޑް ބަލިކުރެވުނީ އިތުރު ވަގުތުގެ ތެރޭގައެވެ. އެހެން ކަމުން، އެބުނާ ފަސޭހަ މެޗަކީ މިރޭ އިންގްލޭންޑާ ދެކޮޅަށް ކުޅޭ މެޗަށް ވެދާނެއެވެ.

އިންގްލޭންޑް ގެ އަމާޒު ހުރީ 1966 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑްކަޕްގެ ފައިނަލަކަށް ދިއުމަށް

ވަރުގަދަ ސްކޮޑަކާ ތަޖުރިބާ ހުރި ކޯޗަކާއެކު މުބާރާތަށް އައި އިންގްލޭންޑަށް އަދި މި މުބާރާތުގައި މާ ރަނގަޅު ކުޅުމެއް ނުދެކެއެވެ. އެހެން ނަމަވެސް، ޓީމާ ސަޕޯޓަރުން ހިތްވަރު ނަގާ ކަމަކީ އެންމެ ފުރިހަމަ ކުޅުން ނުދައްކާ ވެސް މުބާރާތުގެ ސެމީއާ ހިސާބަށް އެ ޓީމަށް ދެވިފައިވުމެވެ.

ޖޫޑް ބެލިންގްހަމް ވަނީ މިމުބާރާތުގައި 6 ލަނޑު ޖަހާފައި/ފޮޓޯ: އެކްސް

ދެވަނަ ބުރު އަދި ގަދަ 16 ގެ ދެމެޗުގައި ވެސް އިންގްލޭންޑުން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކާފައެވެ. ހާއްސަކޮށް މުބާރާތުގެ ގަދަ 16 ގައި ކޯ-ހޯސްޓް މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުގައި އިންގްލޭންޑްގެ ފަރާތުން ފެނުނީ ޑިފެންސިވް ވަރުގަދަ ޕޯފޯމަންސެކެވެ. އެހެން ކަމުން، މިރޭ ވެސް އެފަދަ ގޮތަކަށް ޓީމު ރާވާލަން ކޯޗު ތޯމަސް ޓުކުލް ތައްޔާރުވާނެ ކަމަށް ބެލެވެއެވެ.

މިރޭގެ މެޗުން މޮޅުވާ ޓީމެއް ފައިނަލްގައި ކުޅެން ޖެހޭނީ ސްޕެއިންއާއެވެ. އަދި ބަލިވާ ޓީމެއް މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި ވާދަކުރާނީ ފްރާންސާއެވެ.