ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ދީފައިވާ ބެލިސްޓިކް މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ނެރުނު ބަޔާނެއްގައި ބުނީ، ސައުދީ އަރަބިއްޔާގެ ސިޔާދަތާއި އިސްތިގުލާލަށް އުނިކަން ލިބޭ ގޮތަށް ދީފައިވާ މި ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު، ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށެވެ. އަދި މިއީ އެ ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ދިވެހި ސަރުކާރުން ވަނީ ސިފަ ކޮށްފައެވެ.

ހަމަ އެހެންމެ ދިވެހި ސަރުކާރުން ވަނީ ސައުދީ އަރަބިއްޔާގެ ސަރުކާރާއި އެ ގައުމުގެ އަހުވަންތަ ރައްޔިތުންނާއެކު ރާއްޖެ ސާބިތުކަމާއެކު އޮތްކަން ހާމަކޮށްފައެވެ. މީގެ އިތުރުން، ސައުދީގެ ސިޔާދަތާއި ސަލާމަތްތެރިކަން ދެމެހެއްޓުމަށްޓަކައި އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އަދި ސަރަހައްދީ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ގާއިމުކުރުމަށްޓަކައި މަޝްވަރާގެ މަގު އިހްތިޔާރު ކުރުމުގެ މުހިންމުކަމުގެ އިތުރުން ދޭދޭ ގައުމުތަކުގެ މެދުގައި އުފެދޭ ނުތަނަވަސްކަން ހައްލުކޮށް، ސަރަހައްދީ ރައްކާތެރިކަން ކަށަވަރުކުރުމަށް ޑިޕްލޮމެޓިކް ވަސީލަތްތަކުގެ ބޭނުން ހިފުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

ސައުދީ އަރަބިއްޔާގެ ދެކުނުގައި އޮންނަ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށް ޔަމަނުގެ ހޫތީން ޑްރޯން އަދި މިސައިލް ބޭނުންކޮށްގެން އިއްޔެ ރޭ ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާ ދީފައިވަނީ ޔަމަނުގެ ވެރިރަށް ސަންއާގައި އޮންނަ ސަންއާ އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ހަމަލާތަކެއް ދިންތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.