މާލެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކޮށް، ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންދާ މެދުކެނޑުމެއްނެތް މަސައްކަތްތަކުގެ ތެރެއިން ހަފްތާއެއްގެ ތެރޭގައި 15،700 އަށްވުރެއް ގިނަ ތަންތަން ބަލައި ފާސްކޮށް އެކި ކުށްތަކުގައި 50 އަށްވުރެއް ގިނަ މީހުން ފުލުހުންގެ ބެލުމުގެ ދަށް ގެނެސްފިއެވެ.

ފުލުހުން މިއަދު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ޖޫން މަހުގެ 7 އިން 13 އަށް ފުލުހުން ކުރިއަށް ގެންދިޔަ "ޕްރޯއެކްޓިވް ޕޮލީސިން" ހަރަކާތްތަކުގެ ތެރެއިން، ގްރޭޓާ މާލެ ސަރަހައްދުގެ އެކި ސަރަހައްދުތަކުން ޖުމްލަ 15,700 އަށްވުރެ ގިނަ ލޮކޭޝަން ޗެކްކޮށްފައިވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި އެކި މައްސަލަތަކާ ގުޅިގެން 325 އަށްވުރެ ގިނަ ރިޕޯޓް ލިބިފައިވާއިރު، ޖުމްލަ 59 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ފުލުހުން ހާމަކޮށްފައިވާ ތަފްސީލުތަކަށް ބަލާއިރު:

  • މާލޭގެ ފްރަންޓްލައިން ޕޮލިސް (ހެންވޭރު، ގަލޮޅު، މާފަންނު): މާލޭގެ ތިން އަވަށެއް ކަމަށްވާ ހެންވޭރު، ގަލޮޅު އަދި މާފަންނު ސްޓޭޝަންތަކުން ގުޅިގެން 6,519 ސަރަހައްދެއް ބަލައި ފާސްކޮށްފައިވާއިރު، 172 ހާދިސާއަކަށް ވަނީ އެޓެންޑްވެފައެވެ. މި ސަރަހައްދުތަކުން އެކަނިވެސް 22 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
  • ހުޅުމާލެ ފްރަންޓްލައިން ޕޮލިސް (ފޭސް 1 އަދި ފޭސް 2): ހުޅުމާލޭގެ ދެ ފޭސް ހިމެނޭހެން 6,486 ލޮކޭޝަން ޗެކްކޮށް، 18 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
  • ވިލިމާލެ، ތިލަފުށި، ގުޅީފަޅު ސަރަހައްދު: މި ސަރަހައްދުތަކުގައި 2,249 ލޮކޭޝަން ޗެކްކޮށް، ރިޕޯޓު ކުރި 9 މައްސަލައަކަށް އެޓެންޑްވެފައިވެއެވެ.
  • އިންވެސްޓިގޭޝަން ކޮމާންޑް (ޑްރަގް އެންފޯސްމަންޓް އަދި ގޭންގް ކްރައިމް): މަސްތުވާތަކެއްޗާއި ގޭންގް ކުށްތަކާ ދެކޮޅަށް ކުރި މަސައްކަތްތަކުގެ ތެރެއިން 544 ލޮކޭޝަން ޗެކްކޮށް، ރިޕޯޓު ކުރި 16 މައްސަލައަކަށް އެޓެންޑްވެފައިވެއެވެ. މި ދާއިރާއިން 19 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
  • މީގެ އިތުރުން، ޓްރެފިކް ޕޮލިސް އަދި ރޯޑް މެނޭޖްމަންޓް ޓީމުތަކުން ވަނީ މަގުމަތީގެ ސަލާމަތާ ގުޅޭ 45 ހާދިސާއަކަށް އެޓެންޑްވެފައެވެ.

ފުލުހުން ދަނީ މާލެ ސަރަހައްދަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ފުލުހުންގެ ޓީމުތަކުން ރޭދުވާލު މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.