މިހާރު ކުރިއަށްދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީގެ ފަހު ޖާގަ ޗެމްޕިއަން އާޖެންޓީނާ ކަށަވަރުކޮށްފިއެވެ. އާޖެންޓީނާ ސެމީއަށް ދިޔައީ ކުއާޓާ ފައިނަލްގެ ފަހު މެޗުގައި 3-1 އިން ސުވިޓްޒަލޭންޑް ބަލިކޮށްގެންނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް އާޖެންޓީނާއިންނެވެ. އެއީ މެޗުގެ 10 ވަނަ މިނެޓްގައި ކެޕްޓަން ލައިނަލް މެސީ ނަގާ ދިން ކޯނަރަކުން ލިވަޕޫލްގެ އެލެކްސިސް މެކްއެލިސްޓާ ޖަހާ ދިން ލަނޑެކެވެ.
މިލަނޑަށް ފަހު ސުވިޓްޒަލޭންޑުން ކުޅުން ވަރުގަދަ ކުރި ނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-0 އިން އާޖެންޓީނާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފަށައިގެން އައި އިރު ސުވިޓްޒަލޭންޑުން މޮޅަށް ކުޅުނެވެ. އަދި މެޗުގެ 67 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކުރިއެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ޑޭން އެންޑޯއީއެވެ.
މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައީ ސުވިޓްޒަލޭންޑްގެ ފޯވަޑް ބްރީލް އެމްބޯލޯއަށް ދެއްކި ރަތް ކާޑާއެކުއެވެ. އާޖެންޓީނާގެ ކުޅުންތެރިއަކު ފައުލުކުރި ކަމަށް ހަދާ އަމިއްލައަށް ވެއްޓިގަތުމުން މެޗުގެ ރެފްރީ ވަނީ އެ ކުޅުމުގެ ރީޕްލޭ ބަލާ އޭނާއަށް ރީނދޫ ކާޑެއް ދައްކާފައެވެ. މެޗުގައި ކުރިން އޭނާއަށް ރީނދޫކާޑެއް ދައްކާފައިވުމާއެކު ދެ ރީނދޫ ހަމަވެ ރަތްކާޑަކާއެކު އެމްބޯލޯ ދަނޑުން ފޮނުވާލިއެވެ.
އެއް ކުޅުންތެރިއަކު މަދުން ކުޅެން ޖެހުމުން ސުވިޓްޒަލޭންޑަށް ފަހަށް ފައިބައިގެން ޑިފެންޑް ކުރަން މަޖްބޫރުވީ އިރު އާޖެންޓީނާއިން ވަނީ މެޗުގެ ނޯމަލް ޓައިމްގައި ލަނޑެއް ޖަހާ ނަތީޖާ ކަށަވަރުކުރަން މަސައްކަތްކޮށްފައެވެ.
އެހެން ނަމަވެސް 90 މިނެޓް ހަމަވެ އިތުރު ވަގުތު ކުޅެން ޖެހި އިރު އިތުރު ވަގުތުގެ ފުރަތަމަ 15 މިނެޓްގެ ހާފްގައި ވެސް ދެ ޓީމަށް ލަނޑެއް ނުޖެހެއެވެ. މެޗުގައި އާޖެންޓީނާއިން އަނެއްކާވެސް ލަނޑެއް ޖަހާ ލީޑު ނެގީ ފަހު 5 މިނެޓެގެ ތެރޭގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މުޅި މެޗުގައި މޮޅަށް ކުޅުނު ހޫލިއަން އަލްވަރޭޒްއެވެ. ސުވިޓްޒަލޭންޑްގެ ގޯލުގެ ކަނަށް ވައްދާލި މިލަނޑަކީ އަލްވަރޭޒް މިމުބާރާތުގައި ޖެހި ފުރަތަމަ ލަނޑެވެ.
މެޗުގެ ބާކީ އޮތް ބައިގައި ސުވިޓްޒަލޭންޑުން ލަނޑެއް ޖަހަން ހިފާލިތަނުން އާޖެންޓީނާއިން އަނެއްކާވެސް ކައުންޓާގައި އަރާ ލަނޑެއް ޖެހިއެވެ. މިލަނޑު ކާމިޔާބުކުރީ ލަޓޫރޯ މާޓިނޭޒްއެވެ. މިމެޗުގައި ކެޕްޓަން ލައިނަލް މެސީއަށް ލަނޑެއް ޖެހިފައި ނުވާ އިރު މިއީ މުބާރާތުގައި ލަނޑެއް ނުޖެހި މެސީ ނިންމާލި ފުރަތަމަ މެޗެވެ.
މިމެޗުން މޮޅުވުމާއެކު އާޖެންޓީނާ މުބާރާތުގެ ގަދަ 4 އަކަށް ގޮސްފައިވާ އިރު ސެމީގައި ކުޅެން ޖެހޭނީ އިންގްލެންޑާއެވެ.
