މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް 2026 ގެ ސެމީ ފައިނަލްގެ ދެވަނަ ޖާގަ ޔުރަޕިއަން ޗެމްޕިއަންސް ސްޕެއިން ކަށަވަރުކޮށްފިއެވެ. ސްޕެއިން ސެމީއިން ޖާހަ އެއް ހޯދީ މިރޭ މިމުބާރާތުގެ ކުއާޓާފައިނަލްގެ ދެވަނަ މެޗުގައި ބެލްޖިއަމްއާ ވާދަކޮށް 2-1 އިން މެޗު ކާމިޔާބުކޮށްގެންނެވެ.
މުޅި މެޗުހެން ކޮންޓްރޯލްކޮށްގެން މޮޅަށް ކުޅުނީ ސްޕެއިނުންނެވެ. ހާއްސަކޮށް އެޓީމުގެ ޒުވާން ވިންގަރު ލަމީން ޔަމާލް އަދި ތަޖުރިބާކާރު މިޑްފީލްޑަރު ރޮޑްރީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.
މެޗުގެ ފުރަތަމަ ހާފްގައި ސްޕެއިންއިން ގިނަ ހަމަލާތައް އުފެއްދި ނަމަވެސް ބެލްޖިއަމްގެ ކީޕަރު ޓީބޯ ކޯޓުއާ ވަނީ މީގެ ތެރެއިން ގިނަ ހަމަލާތައް ނާކާމިޔާބުކޮށްލާފައެވެ. އެހެން ނަމަވެސް، ސްޕެއިން ކަނާތުން ލަމީން ޔަމާލް އުފެއްދި ހަމަލާއެއް ކާމިޔާބުކޮށްގެން އެޓީމަށް މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ދިނީ ފަބިއަން ރުއީޒްއެވެ.
ސްޕެއިންއިން ލަނޑު ޖެހިތާ 11 މިނެޓްގެ ތެރޭގައި ބެލްޖިއަމްއިން ލަނޑެއް ޖަހާ ސްޕެއިން ސިއްސުވާލިއެވެ. ބެލްޖިއަމްގެ ފޯވަޑް ޗާލްސް ޑި ކަޓަލާރާ ބޮލުން ޖަހާ ފޮނުވާލި މި ލަނޑަކީ މި މުބާރާތުގައި ސްޕެއިންގެ ކޮޅަށް ވަތް ފުރަތަމަ ލަނޑެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ ދެ ޓީމު އެއްވަރުވެގެން އޮވެއެވެ،
މެޗުގެ ދެވަނަ ހާފްގައި ވެސް ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތައް އުފެއްދީ ސްޕެއިނުންނެވެ. އެހެން ނަމަވެސް ދެން ވެސް ކޯޓުއާގެ މުހިއްމު ސޭވްތަކެއް ފެނިގެން ދިޔަ އިރު މެޗުގެ ހާފްގެ މެދު ތެރެއިން އޭނާއަށް ލިބުނު އަނިޔާއެއްގައި ބެލްޖިއަމްއަށް ކީޕަރު ބަދަލުކުރަން މަޖްބޫރުވިއެވެ. ކޯޓުއާ ބޭލުމަށް ފަހު އެރުވީ މެންޗެސްޓާ ޔުނައިޓެޑްގެ ކީޕަރު ލެމަންސްއެވެ.
އެހެން ނަމަވެސް މެޗުގެ 90 މިނެޓް ހަމަވާން ދަނިކޮށް ސްޕެއިންއިން މޮޅުވި ލަނޑު ޖެހީ ލެމަންސްގެ މިސްޓޭކަކުންނެވެ. މިގޮތުން ސްޕެއިންގެ ކުޅުންތެރިއަކު ދުރުން ފޮނުވާލި ޝޮޓެއް ލެމެންސްއަށް ނުހިފެއްޓިގެން ޕެނަލްޓީ އޭރިއާގެ ތެރެއަށް ނިކުތް ވަގުތު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ މިކެލް މަރީނޯއެވެ. މަރީނޯ ވަނީ ގަދަ 16 ގައި ވެސް މެޗުގެ ފަހު ވަގުތު ޕޯޗުގަލް ކޮޅަށް ލަނޑެއް ޖަހާ ސްޕެއިން ކުއާޓާއަށް ހަމައަށް ގެންގޮސްފައެވެ. އަދި މިރޭ އޭނާ ޖެހި ލަނޑާއެކު ސްޕެއިންއަށް ގަދަ 4 ގެ ޖާގަ ކަށަވަރުވެފައިވާ އިރު މިއީ 2010 ވަނަ އަހަރުން ފަހުން ސްޕެއިން ވޯލްޑްކަޕްގެ ސެމީއަށް ދިޔަ ފުރަތަމަ ފަހަރެވެ.
ސެމީގައި ސްޕެއިން ވާދަކުރާނީ ރޭ 2-0 އިން މޮރޮކޯ ބަލިކުރި ފްރާންސްއާއެވެ. މިމެޗު އޮންނަނީ އަންނަ އަންގާރަ ދުވަހު ދަންވަރު 12 ޖަހާ އިރުއެވެ.
