ފީފާ ވޯލްޑްކަޕް 2026 ގެ ސެމީ ފައިނަލަށް ދިޔަ ފުރަތަމަ ޓީމަކަށް ފްރާންްސް ވެއްޖެއެވެ. ފްރާންސް ސެމީއަށް ދިޔައީ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި 2-0 އިން މޮރޮކޯ ބަލިކުރުމަށް ފަހުއެވެ.
މެޗުގައި ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތައް އުފެއްދީ ފްރާންސުންނެވެ. މި ގޮތުން، ފުރަތަމަ ހާފްގައި އެޓީމުން ނުރައްކާތެރި ތިން ހަމަލާ ފޮނުވާލި އިރު މޮރޮކޯގެ ޑިފެންސް އަދި ހާއްސަކޮށް ކީޕަރު ޔަސީން ބޯނޯ ވަނީ ހުޝިޔާރު ސޭވްތަކެއް ކޮށްފައެވެ. ފުރަތަމަ ހާފްގައި ފްރާންސަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. ކެޕްޓަން ކިލިއަން އެމްޕާބޭ ޖެހި މި ޕެނަލްޓީ ބޯނޯ ސޭވްކުރިއެވެ.
ފުރަތަމަ ހާފް 0-0 ގައި އޮވެގެން ނިމުނު އިރު ފްރާންސްއިން ދެވަނަ ހާފް ފެށި ވަރުގަދަކޮށެވެ. އަދި 6 މިނެޓްގެ ތެރޭގައި 2 ގޯލު ޖަހައިގެން މެޗުގެ ނަތީޖާ ކަށަވަރުކުރިއެވެ.
އެޓީމުގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 60 ވަނަ މިނެޓްގައި އެމްޕާބޭއެވެ. މިއީ މިމުބާރާތުގައި އޭނާ ޖެހި 8 ވަނަ ލަނޑެވެ. މިއާއެކު އޭނާ މިވަނީ މިމުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ޗާޓުގައި އާޖެންޓީނާގެ ލައިނަލް މެސީއާއެކު އެއްވަނައަށް އަރާފައެވެ.
އެމްޕާބޭ ލަނޑު ޖެހިތާ 6 މިނެޓް ފަހުން ފްރާންސްގެ އަނެއް ވިންގަރު އުސްމާން ޑެމްބެލޭ ވަނީ ލަނޑެއް ޖަހާ ސްކޯ 2-0 އަކަށް ހަދާފައެވެ. މިއާއެކު، މިފަހަރުގެ މުބާރާތުގެ ސެމީގެ ފުރަތަމަ ޖާގަ ފްރާންސުން ކަށަވަރުކުރިއެވެ.
މިއީ ފްރާންސް ވޯލްޑްކަޕްގެ ސެމީއަށް ޖެހިޖެހިގެން ދަތުރުކުރި 3 ވަނަ ފަހަރެވެ. މީގެ ކުރިން ސެމީއަށް ދިޔަ ދެ ފަހަރު ވެސް ފްރާންސުން ފައިނަލަށް ދަތުރުކޮށްފައިވާ އިރު 2018 ވަނަ އަހަރުގެ ފައިނަލްގައި ތަށި ކާމިޔާބުކުރިއެވެ. އަދި 2022 ވަނަ އަހަރުގެ ފައިނަލްގައި އާޖެންޓީނާއާ ކުޅެ ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލިވީއެވެ.
ސެމީގައި ފްރާންސް ކުޅެން ޖެހޭނީ މާދަމާ ރޭ ކުއާޓާގައި ފައިނަލްގެ ދެވަނަ މެޗުގައި ސްޕެއިންއާ ބެލްޖިއަމް ކުޅެ މޮޅުވާ ޓީމަކާއެވެ. މިމެޗު އޮންނަނީ މާދަމާ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާ އިރެވެ.
