މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ތެރެއިން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ފަސް ސެގްމެންޓުގެ ތެރެއިން، ހަތަރުވަނަ އަދި ފަސްވަނަ ސެގްމެންޓުގައި ތާރުއަޅަން ފެށީ ރޭގެ ވަގުތެއްގައެވެ. މި މަސައްކަތް މިއަދު ހެނދުނަށް ނިމިފައިވާއިރު، މިއީ މަޝްރޫއަށް ލިބުނު މުހިންމު ކުރިއެރުމެކެވެ. މަގުގެ މި ބައިގައި ތާރުއަޅާފައިވަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށެވެ.
މަސައްކަތުގެ ތާވަލާ އެއްގޮތަށް، ސެގްމެންޓް 2 އަދި 3 ގެ މަސައްކަތްތައްވެސް ހަލުވިކަމާއެކު ކުރިއަށްދާކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. އެގޮތުން މި ހަފުތާގެ ތެރޭގައި އެ ސަރަހައްދުތަކުގެ ކާބްސްޓޯން ޖެހުމާއި، މަގުގެ ބިންގަނޑު އެއްވަރުކޮށް އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. އެމްޓީސީސީން ބުނީ މި މުޅި މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ.
މި މަޝްރޫއުގެ ދަށުން ފޮރިން މިނިސްޓްރީއިން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮތް ސަރަހައްދުގައި ތާރުއެޅުމުގެ މަސައްކަތް އަންނަ ހަފުތާގައި ފެށޭނެކަމަށްވެސް އެމްޓީސީސީން ހާމަކޮށްފައިވެއެވެ.
މަގު އާންމުންނަށް ހުޅުވާލަން ހަމަޖެހިފައިވަނީ ތާރުއެޅުމުގެ ހުރިހާ މަރުހަލާއެއް ނިމުމުންނެވެ.
މާލޭގެ ތޮއްޖެހުމަށް ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، އެއްގަމު ތޮށި ބޭރަށް ޖައްސައި މަގު ވަނީ އިތުރަށް ފުޅާކޮށްފައެވެ. އަދި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ޒަމާނީ ފެން ހިންދާ ނިޒާމެއްވެސް މި މަގުގައި ގާއިމުކުރެވޭނެއެވެ. ކުރިން ޖޫން މަހަށް މަސައްކަތް ނިންމަން އަމާޒު ހިފި ނަމަވެސް، ދިމާވި އެކި ސަބަބުތަކާހުރެ މިހާރު އަމާޒުހިފާފައި ހުރީ މި މަހުގެ 26 ވަނަ ދުވަހަށް މުޅި މަޝްރޫއު ނިންމާލެވޭނެ ކަމަށެވެ.
މި މަޝްރޫއު އެއްކޮށް ނިމުމުން، ހެންވޭރު ޓާމިނަލުން ފެށިގެން މާލޭ އުތުރު ބަނދަރާ ހަމައަށް އޮންނަ މަގުގެ ބައި އޮންނާނީ ތާރުއަޅައި، ދަތުރުފަތުރަށް ފަސޭހަވާނެހެން ތަރައްގީކުރެވިފައެވެ.
