72 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު ސުވިޓްޒަލޭންޑް ވޯލްޑްކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. ސުވިޓްޒަލޭންޑް ކުއާޓާ ފައިނަލަށް ދިޔައީ ގަދަ 16 ގައި ރޭ ކޮލަމްބިއާއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން މެޗު ކާމިޔާބުކޮށްގެންނެވެ. ޕެނަލްޓީގައި ސުވިޓްޒަލޭންޑުން ކުރި ހޯދީ 3-4 އިންނެވެ.
މެޗުގެ ނޯމަލް ޓައިމްގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. ދެ ޓީމަށް ވެސް މާގިނަ ހަމަލާތަކެއް ހެދިފައި ނުވާ އިރު ލިބުނު ރަނގަޅު ފުރުސަތުތައް ނިންމާނުލެވުނެވެ. ނޯމަލް ޓައިމްގެ ދެ ހާފްގެ ކުޅުން ވެސް މިގޮތަށް ދިޔަ އިރު 90 މިނެޓް ހަމަވީ އިރު މެޗުގެ ނަތީޖާ 0-0ގައި އޮތުމުން އިތުރު ވަގުތުގެ 30 މިނެޓް (15 މިނެޓްގެ ދެ ހާފް) ވެސް ކުޅުނެވެ.
އެހެން ނަމަވެސް އެވަގުތުގައި ވެސް ލަނޑު ނުޖެހުމުން ދެން ދިޔައީ ޕެނަލްޓީ އަށެވެ.
ޕެނަލްޓީ ޝޫޓް އައުޓްގައި ދެ ޓީމުން ވެސް ޖެހި ފުރަތަމަ ޕެނަލްޓީ ކާމިޔާބުކުރިއެވެ. އެއަށް ފަހު ސުވިޓްޒަލޭންޑް އެޓީމުގެ ދެވަނަ ޕެނަލްޓީ ކާމިޔާބުކުރި އިރު ކޮލަމްބިއާގެ ސަންޗޭޒް ޖެހި ޕެނަލްޓީ ޖެހުނީ ދަނޑީގައެވެ. އެއަށް ފަހު ސުވިޓްޒަލޭންޑަށް އެޓީމުގެ ތިން ވަނަ ޕެނަލްޓީ ވެސް މިސްވިއެވެ. ޖެހިގެން އައި ދެ ޕެނަލްޓީ ވެސް ދެ ޓީމުން ކާމިޔާބުކުރި ނަމަވެސް، ކޮލަމްބިއާގެ 4 ވަނަ ޕެނަލްޓީ ސުވިޓްޒަލޭންޑްގެ ކީޕަރު ކޯބެލް ހުޝިޔާރު ކަމާއެކު ސޭވް ކުރިއެވެ. ދެން ދެ ޓީމުން ޖެހި ދެ ޕެނަލްޓީ ކާމިޔާބުކުރެވުނު ނަމަވެސް މުބާރާތުގައި ކުރިއަށް ދިޔައީ ސުވިޓްޒަލޭންޑެވެ.
1954 ވަނަ އަހަރުގެ ފަހުން ސުވިޓްޒަލޭންޑުން ފުރަތަމަ ފަހަރަށް ކުޅޭ ވޯލްޑްކަޕް ކުއާޓާ ފައިނަލް މެޗުގައި ވާދަކުރާނީ މިހާރުގެ ޗެމްޕިއަންސް އާޖެންޓީނާއެވެ.
