މިހާރު ކުރިއަށްދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ޗެމްޕިއަންސް އާޖެންޓީނާ ޖާގަ ހޯދައިފިއެވެ. އާޖެންޓީނާ ގަދަ 8 އަކުން ޖާގަ ހޯދީ 2-0 އިން މިސްރު ކުރީގައި އޮއްވާ ފަހަތުން އަރާ 3 ލަނޑު ޖަހާ 2-3 އިން މެޗު ކާމިޔާބުކޮށްގެންނެވެ.
މުބާރާތުގެ މިހިސާބަށް އަލަށް ދެވުނު އިޖިޕްޓް ކައިރިން ފަސޭހައިން އާޖެންޓީނާއަށް މޮޅެއް ލިބޭނެ ކަމަށް ބެލެވުނު ނަމަވެސް މެޗުގައި ފުރަތަމަ ލަނޑެއް ޖަހާ ލީޑު ނެގީ އިޖިޕްޓުންނެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ޔާސިރް އިބްރާހިމްއެވެ.
އެލަނޑު ޖެހީތާ މާގިނަ އިރެއް ނުވެ އާޖެންޓީނާއަށް ޕެނަލްޓީއެއް ލިބުނެވެ. އެހެން ނަމަވެސް ލައިނަލް މެސީ ޖެހި މި ޕެނަލްޓީ އިޖިޕްޓްގެ ކީޕަރު ޝުބައިރު ހުޝިޔާރު ކަމާއެކު ސަލާމަތް ކުރިއެވެ. ޝުބައިރު ވަނީ މެޗުގެ ފުރަތަމަ ހާފްގައި ތިން ގޯލު ސަލާމަތްކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފް އިޖިޕްޓް ކުރީގައި އޮވެގެން ނިމުނު އިރު ދެވަނަ ހާފްގައި ވެސް ފުރަތަމަ ލަނޑެއް ޖެހީ އިޖިޕްޓުންނެވެ. ކެޕްޓަން ސަލާހާ އަރިމަތިން ކުޅޭ ހަސަންގެ މަސައްކަތުން ޒީކޯ ޖެހި މިލަނޑު ވީއޭއާރުން ބެލުމަށް ފަހު ކެންސަލް ކޮށްލީ އާޖެންޓީނާގެ ހާފް ތެރެއިން އިޖިޕްޓުގެ ކުޅުންތެރިއަކު ފައުލެއް ކުރި ކަމަށް ނިންމާފައެވެ.
އިޖިޕްޓުން ހިތްވަރު ދޫކޮށް ނުލާ އަނެއްކާވެސް ލަނޑެއް ޖެހިއެވެ. މިލަނޑަކީ ވެސް ސަލާހު އަދި ހަސަންގެ މޮޅު ކުޅުމުން އުފެއްދި ލަނޑަކަށްވާ އިރު ބޯޅަ ގޯލުގެ ތެރެއަށް ވައްދާލީ ވެސް ޒީކޯއެވެ.
0-2 އިން އިޖިޕްޓް އާޖެންޓީނާ ވޯލްޑްކަޕުން ކަޓުވާލުމާ 10 މިނެޓް ކައިރިއަށް ދިޔަ ނަމަވެސް މެޗުގެ ފަހު 11 މިނެޓްގައި އާޖެންޓީނާއިން ތިން ލަނޑު ޖަހާ ނަތީޖާ މުޅިން އަނބުރާލިއެވެ.
ފުރަތަމަ ލަނޑަކީ މެސީ ނަގާ ދިން ހުރަހަކުން ޑިފެންޑަރު ރަމޭރޯ ބޮލުން ޖަހާ ވައްދާލި ލަނޑެކެވެ. އާޖެންޓީނާގެ ދެވަނަ ލަނޑު ޖަހާ ނަތީޖާ ހަމަހަމަކުރީ މެސީއެވެ. އަދި އާޖެންޓީނާ މޮޅުވި ލަނޑު ޖަހާ ދިނީ މިޑްފީލްޑަރު އެންޒޯ ފަނާންޑޭޒްއެވެ.
މިމެޗުން މޮޅުވެ އާޖެންޓީނާ ކުއާޓާއަށް ދަތުރުކޮށްފައިވާ އިރު އެޓީމުން ކުޅެން ޖެހޭނީ ސުވިޓްޒަލޭންޑާ ކޮލަމްބިއާ ކުޅެ މޮޅުވާ ޓީމަކާއެވެ.
