މިހާރު ކުރިއަށްދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގެ ދެ ޖާގަ އަދި ބާކީ އޮތް އިރު އޭނގެ ތެރެއިން އެއް ޖާގަ ކަށަވަރުކުރުމަށް މިރޭ އާޖެންޓީނާއާ އިޖިޕްޓް ނިކުންނާނެއެވެ.
ގަދަ 16 ގެ މި ކުރިމަތިލުން ފަށާނީ ރާއްޖޭ ގަޑިން މިރޭ ނުވައެއް ޖަހާ އިރުއެވެ. މިއީ މި މުބާރާތުގައި މިގަޑީގައި ކުޅޭނެ އެންމެ ފަހު މެޗެވެ.
އިޖިޕްޓް މިރޭ އާޖެންޓީނާއާ ދެކޮޅަށް ނިކުންނާނީ ތާރީހު ބަދަލުކުރާށެވެ. މިމުބާރާތަކީ އިޖްޕްޓް ޓީމު މުޅިން ވެސް ތާރީހު ބަދަލުކުރަމުންދާ މުބާރާތަކަށް ވެފައި މިހާރުގެ ޗެމްޕިއަން ބަލިކޮށްގެން މުބާރާތުގައި ކުރިއަށް ދިއުން ވާނީ އިޖިޕްޓަށް ލިބޭ ބޮޑު ކުރިއެރުމަކަށެވެ.
މި މުބާރާތުގައި މިހާތަނަށް އިޖިޕްޓުން ހޯދި ގައުމީ ފެންވަރުގެ ކާމިޔާބީތަކަށް ބަލާ އިރު މިއީ އިޖްޕްޓުން ވޯލްޑްކަޕް މެޗަކުން މޮޅުވި ފުރަތަމަ މުބާރާތެވެ. އަދި މިއާއެކު ދެވަނަ ބުރަށް ގޮސް މުބާރާތުގެ ގަދަ 16 އަށް ވެސް އިޖިޕްޓް މިދިޔައީ އަލަށެވެ. މިހާ ހިސާބަށް އިޖިޕްޓް އައި ދެވަނަ ބުރުގައި ޕެނެލްޓީ ޖަހައިގެން އޮސްޓްރޭލިޔާ ބަލިކުރުމަށް ފަހުއެވެ.
އެހެން ކަމުން ލައިނަލް މެސީގެ އާޖެންޓީނާއާ ދެކޮޅަށް މުހައްމަދު ސަލާހްގެ އިޖިޕްޓް ނިކުންނާނީ އާ ހިތްވަރަކާ ޖޯޝަކާއެކުއެވެ. އަދި އާޖެންޓީނާއަކީ ބަލި ނުކުރެވޭނެ ޓީމެއް ނޫން ކަން މުބާރާތުގައި އަލަށް ވާދަ ކުރި ކާބޯ ވާޑޭއިން ވަނީ ދެވަނަ ބުރުގައި ދައްކުވައިދީފައެވެ.
އެރޭގެ މެޗުން 3-2 އިން އާޖެންޓީނާ މޮޅުވެ ގަދަ 16 އަށް އަޔަސް ހުރިހާ ތައުރީފެއް ދިޔައީ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއާ ކޮނޑާކޮނޑު ޖައްސާ ވާދަކުރި ކާބޯ ވާޑޭއަށެވެ.
މުބާރާތުގެ ފައިނަލަށް ދާން އޮތް އެންމެ ފަސޭހަ މަގު ލައްވާލީ އާޖެންޓީނާއަށް ކަމަށް ފުޓްބޯޅަ ފޭނުން ބުނާ އިރު އިޖިޕްޓް ބަލިކޮށް ކުއާޓާއަށް ދެވިއްޖެނަމަ އާޖެންޓީނާއަށް ކުޅެން ޖެހޭނީ ސުވިޓްޒަލޭންޑް ނުވަތަ ކޮލަމްބިއާއެވެ.
އެހެން ނަމަވެސް، މުބާރާތުގެ މިހާ ހިސާބުގައި ކުޅޭ އެއްވެސް މެޗަކީ ފަސޭހަ މެޗެއް ކަމަށް ނިންމައިގެން ނުވާނެ ކަން އާޖެންޓިނާގެ ކޯޗާ ކުޅުންތެރިންނަށް ވިސްނެއެވެ.
