ވޯލްޑްކަޕް 2026 ގައި ބާކީ އޮތް ހަމައެކަނި ކޯ-ހޯސްޓް ގައުމު އެމެރިކާ މުބާރާތުން ކަޓައިފިއެވެ. އެމެރިކާ މުބާރާތުން ކެޓީ މިއަދު ފަހިތު ގަދަ 16 ގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗުން 1-4 އިން ބަލިވުމުންނެވެ.

މިމެޗުގެ ކުރިން އެންމެ ގިނައިން ދެކެވުނު ވާހަކަ އަކީ ދެވަނަ ބުރުގައި އެމެރިކާއިން ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އެމެރިކާގެ ފޯވަޑް ފްލޯރިއަން ބަލޮގަންއަށް ދެއްކި ރަތް ކާޑާއެކު އައި އެއް މެޗުގެ ބޭން ފީފާއިން ފަސްކޮށްދީ މިމެޗަށް އޭނާއަށް އެރޭނެ ގޮތް ހަދާދިން ވާހަކައެވެ. މެޗަށް އެމެރިކާއިން އެރުވި ފުރަތަމަ 11 ގައި އެމެރިކާއަށް އެންމެ ގިނަ ލަނޑު ޖަހާ ދިން ބަލޮގަން ހިމެނުނު ނަމަވެސް މިއަދުގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބެލްޖިއަމްގެ ފޯވަޑް ޗާލްސް ޑި ކަޓަލާރާއެވެ.

ބެލްޖިއަމްއިން ފުރަތަމަ ލަނޑު ޖެހީ މެޗުގެ 9 ވަނަ މިނެޓްގައެވެ. އެހެން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން އެމެރިކާއިން ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކުރިއެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ލިބުނު ހިލޭ ޖެހުމަކުން މަލީކް ޓިލްމަންއެވެ.

އެމެރިކާއަށް އެއްވަރުކޮށް ދިން ލަނޑު ޖަހާ ދިން ޓިލްމަން/ފޮޓޯ: އެކްސް

އެމެރިކާއިން ނަތީޖަ އެއްވަރުކުރިތާ މާ ގިނަ އިރުތަކެއް ނުވެ އަނެއްކާވެސް ބެލްޖިއަމްއިން ލަނޑެއް ޖަހާ ލީޑު ނެގިއެވެ. މިލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށް ދިނީ ޑި ކަޓަލާރާއެވެ.

ބެލްޖިއަމްގެ ޑި ކަޓަލާރާ މިމެޗުގައި ދެ ލަނޑު ޖެހި/ފޮޓޯ: އެކްސް

މެޗުގެ ފުރަތަމަ ހާފް ބެލްޖިއަމް ކުރީގައި އޮވެގެން ނިމުނު އިރު ދެވަނަ ހާފް ފެށިތަނާހެން ބެލްޖިއަމްއިން އިތުރު ލަނޑެއް ޖަހާ ނަތީޖާ 1-3 އަކަށް ހެދިއެވެ. މިލަނޑަކީ އެމެރިކާގެ ކީޕަރަށް ހެދުނު މިސްޓޭކަކުން ބެލްޖިއަމް ކާމިޔާބުކުރެވުނު ގޯލެކެވެ.

މެޗުގެ ސްކޯލައިން އެމެރިކާ ލަދު ގަންނަވާލާ ހިސާބަށް ގެންދިޔައީ ފަހު ހާފްގައި ކުޅެން ނިކުތް ރޯމަލޫ ލުކާކޫއެވެ. މި ގޮތުން، މެޗުގެ ނުވަ ދިހަ މިނެޓްގައި ލުކާކޫ ޖެހި މިލަނޑަށް ފަހު ބެލްޖިއަމްގެ ކުޅުންތެރިން ވަނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އާއްމު ތަންތަނުގައި ނަށާ ގޮތަށް ނަށާ އުފާ ފާޅުކޮށްފައެވެ.

ޓްރަމްޕްގެ ނެށުން ބެލްޖިއަމް ކުޅުންތެރިން ނަކަލު މި ކުރީ ޓްރަމްޕް ފީފާގެ ރައީސްއަށް ގުޅުއްވާ އެމެރިކާ ކުޅުންތެރިޔާއަށް ދެއްކި ރަތް ކާޑު އަލުން ރިވިއުކުރުމަށް އެދުމުން އެކަމާ ދެކޮޅަށް ހިޔާލުފާޅުކުރުމުގެ ގޮތުން ކަމަށް ބެލެވެއެވެ.

މި މޮޅާއެކު ބެލްޖިއަމް މިވަނީ ކުއާޓާއަށް ދަތުރުކޮށްފައެވެ. އަދި ކުއާޓާގައި އެޓީމުން ވާދަކުރާނީ ސްޕެއިންއާއެވެ.