ފީފާ ވޯލްޑްކަޕް 2026 ގެ ކުއާޓާ ފައިނަލްގެ ޖާގައެއް ސްޕެއިން ކަށަވަރުކޮށްފިއެވެ. ސްޕެއިން މުބާރާތުގެ ގަދަ 8 އަކަށް ދަތުރުކުރީ މިރޭ ޕޯޗުގަލް އާ ކުޅެ 1-0 އިން މެޗު ކާމިޔާބުކޮށްގެންނެވެ.
މި މެޗުން ބަލިވެ ޕޯޗުގަލް މުބާރާތުން ކަޓާފައިވާ އިރު މިއީ ޕޯޗުގަލްގެ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެޓީމުގެ ޖާޒީގައި ފެންނާނެ އެންމެ ފަހު ފަހަރަށް ވުން ވަރަށް ގާތެވެ.
ދެ ޓީމުގެ ފަރާތުން ވެސް އެއްވަރެއްގެ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ސްޕެއިން އަދި ޕޯޗުގަލްއަށް ވެސް މާ ގިނަ ހަމަލާތައް އުފެއްދިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފްގައި ސްޕެއިންގެ ލަމީން ޔަމާލްގެ ޝޮޓެއް ޕޯޗުގަލްގެ ކީޕަރު ޑިއޭގޯ ކޮސްޓާ ސަލާމަތްކުރި އިރު ސްޕެއިންގެ ކީޕަރު އޫނައި ސިމާން ވެސް ވަނީ ރޮނާލްޑޯ ފޮނުވާލި ހަމަލާއެއް ހުޝިޔާރު ކަމާއެކު ސޭވްކޮށްފައެވެ.
0-0 ގެ ސްކޯލައިނަކުން މެޗުގެ ފުރަތަމަ ހާފް ނިމުނު އިރު ދެވަނަ ހާފްގައި ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތައް އުފެއްދީ ސްޕެއިނުންނެވެ. އެހެން ނަމަވެސް ދެ ޓީމަށް ވެސް ގޯލެއް ނުޖެހި މެޗުގެ 90 މިނެޓް ހަމަވީ އިރު ސްޕެއިންއިން ލަނޑު ޖެހީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 6 މިނެޓްގެ ފުރަތަމަ މިނެޓްގައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ފަހު ހާފް ނިމެންދަނިކޮށް ކުޅެން އެރުވި މިކެލް މެރީނޯއެވެ. މެރީނޯގެ މި ލަނޑަށް ފަހު ޕޯޗުގަލްއަށް ނަތީޖާ ހަމަހަމަކުރާނެ ރަނުގެ ފުރުސަތެއް ލިބުނު އިރު ބަނާޑޯ ސިލްވާ ބޮލުން ޖަހާ ފޮނުވާލި ހަމަލާ ދިޔައީ ސްޕެއިންގެ ގޯލުގެ ދަނޑިމަތިން ބޭރަށެވެ.
މެޗު ނިމުނީ 1-0 އިން ސްޕެއިން މޮޅުވެގެންނެވެ. މިއީ 2010 ވަނަ އަހަރުގެ ފަހުން ސްޕެއިން ވޯލްޑްކަޕްގެ ކުއާޓާއަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެފަހަރު ތަށި އުފުލާލީ ސްޕެއިންއެވެ.
ސްޕެއިން މުބާރާތުގެ ކުއާޓާއަށް ދަތުރުކޮށްފައި މިވަނީ ބައިކޮޅަށް ގޯލެއް ވަނަ ނުދީއެވެ. ސްޕެއިން މިވަނީ ޖައްސަ ޖައްސައިގެނ ވޯލްޑްކަޕްގެ 6 މެޗުގައި ބައިކޮޅަށް ގޯލެއް ވަނަ ނުދީ ހިފެހެއްޓި ފުރަތަމަ ޓީމަށް ވެފައެވެ.
