މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުން ބް

ހާލަންޑްގެ ފުރަތަމަ ވޯލްޑްކަޕްގައި މިވަނީ 7 ގޯލު ޖަހާފައި/ފޮޓޯ: އެކްސް

ރެޒިލް ކަޓައިފިއެވެ. ބްރެޒިލް ކެޓީ މިރޭ ގަދަ 16 ގައި ނޯވޭއާ ވާދަކޮށް 2-1 އިން ބަލިވުމުންނެވެ. މިއާއެކު ނޯވޭ މިވަނީ ފުރަތަމަ ފަހަރަށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. ނޯވޭގެ ދެލަނޑު ވެސް ކާމިޔާބުކޮށް ދިނީ އާލިންގް ހާލެންޑެވެ.

މުޅި މެޗުގައި ހެން ގިނަ އިރު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ ނޯވޭއިންނެވެ. އަދި މެޗު ފެށުނުތަނާ ހެން އެޓީމުން ލަނޑެއް ޖަހާ ލީޑު ވެސް ނެގިއެވެ. އެހެން ނަމަވެސް މި ލަނޑު އޮފްސައިޑް ކަމަށް މެޗުގެ ރެފްރީން ނިންމިއެވެ.

ދެން ފެނުނީ ނޯވޭގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެޓީމުގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ބްރެޒިލްއަށް ޕެނަލްޓީއެއް ލިބުނު ތަނެއެވެ. އެހެން ނަމަވެސް އިންގްލޭންޑްގެ ނިއުކާސަލްއަށް ކުޅޭ ބްރޫނޯ ގިމަރޭޝް ޖެހި ޕެނަލްޓީ ނޯވޭގެ ކީޕަރު ނީލަންޑް ސޭވްކުރިއެވެ. މުޅި މެޗުގައި ވެސް ނީލަންޑް ވަނީ ފާހަގަކޮށްލެވޭ މޮޅު ސޭވްތަކެއް ކޮށްފައެވެ.

ނޯވޭގެ ކީޕަރު ނީލަންޑް ވަނީ މިމެޗުގައި މޮޅު ކުޅުމެއް ދައްކާފައި/ފޮޓޯ:އެކްސް

މެޗުގެ ފުރަތަމަ ހާފް 0-0ގައި އޮވެގެން ނިމުނު އިރު މެޗުގެ 79 ވަނަ މިނެޓާ ހަމައަށް ވެސް ސްކޯލައިން އޮތީ މިހެންނެވެ. މެޗުގައި ނޯވޭއިން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެއަށް ފަހުއެވެ. ބްރެޒިލްގެ އޭރިއާގެ ތެރެއަށް އައި ބޯޅައެއް ބޮލުން ޖަހާ ގޯލުގެ ކަނަށް ވައްދާލައިގެން މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އާލިންގް ހާލެންޑެވެ.

ބްރެޒިލްއިން މެޗުގެ ނަތީޖާ ހަމަހަމަކުރަން އިތުރަށް މަސައްކަތް ފެށިތަނުން ހާލަންޑް އަނެއްކާވެސް ލަނޑެއް ޖަހާ މެޗުގެ ސްކޯލައިން 2-0 އަކަށް ހެދިއެވެ. މިއީ މިމުބާރާތުގައި އޭނާ ޖެހި 7 ވަނަ ލަނޑެވެ. މިއާއެކު ހާލަންޑް މިވަނީ އޭނާގެ ފުރަތަމަ ވޯލްޑްކަޕްގައި އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީއާ ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭއާ ލަނޑު ޗާޓުގައި އަރާ ހަމަކޮށްފައެވެ.

މެޗުގެ ބާކީ އޮތް ވަގުތުގައި ބްރެޒިލް އަށް އަނެއްކާވެސް ޕެނަލްޓީއެއް ލިބުނެވެ. ފަހު ހާފްގައި ކުޅެން ނިކުތް ނޭމާ ބްރެޒިލްއަށް މި ޕެނަލްޓީ ކާމިޔާބުކޮށް ދިން ނަމަވެސް ނަތީޖާ ހަމަހަމަ ކުރާނެ ވަގުތު ނުލިބި ބްރެޒިލް ކަޓައިގެން ދިޔައީއެވެ. މިއީ 1990 ވަނަ އަހަރުގެ ފަހުން ވޯލްޑްކަޕްގެ ކުއާޓާ ފައިނަލަށް ނުގޮސް ބްރެޒިލް ކެޓި ފުރަތަމަ ފަހަރެވެ.

ނޯވޭގެ މުޅި ޓީމަށް މި ކާމިޔާބީގެ ތައުރީފު ހައްގުވާ އިރު އެޓީމުގެ ފުރަތަމަ ކުއާޓާ ފައިނަލްގައި ކުޅެން ޖެހޭނީ އިންގްލޭންޑާ މުބާރާތުގެ އެއް ކޯ-ހޯސްޓް ކަމަށްވާ މެކްސިކޯ ކުޅޭ މެޗުން މޮޅުވާ ޓީމަކާއެވެ.