ވޯލްޑްކަޕްގެ ގަދަ 16 ގައި މިރޭ ފޯރިގަދަ ދެ މެޗު ކުޅޭނެއެވެ. މިގޮތުން ފުރަތަމަ ބްރެޒިލް ނޯވޭއާ ދެކޮޅަށް ނިކުންނަ އިރު އިންގްލޭންޑް ކުޅޭނީ މުބާރާތުގެ އެއް ކޯ-ހޯސްޓް ކަމަށްވާ މެކްސިކޯއާއެވެ. މިރޭގެ މެޗުތަކަށް ފަހު ކުއާޓާ ފައިނަލަށް ދާ އިތުރު ދެ ޓީމު ކަށަވަރުވެގެންދާނެއެވެ. މޮރޮކޯ އަދި ފްރާންސް މިހާރު ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.
ދަންވަރު 1 ޖަހާ އިރު ބްރެޒިލް ކުޅޭނީ ނޯވޭއާ
ދެވަނަ ބުރުގެ ތިން ވަނަ މެޗުގައި މިރޭ ފުރަތަމަ ކުޅޭނީ ބްރެޒިލް އަދި ނޯވޭއެވެ. ބްރެޒިލް ގަދަ 16 އަށް އައި ދެވަނަ ބުރުގައި ފަހަތުން އަރާ ޖަޕާން 2-1 އިން ބަލިކޮށްގެންނެވެ. އެމެޗުގައި ބްރެޒިލްއިން މޮޅުވި ލަނޑު ޖެހީ މެޗުގެ އެންމެ ފަހު މިނެޓްގައި ކަހަލަ ގޮތަކަށެވެ. އެމެޗުގެ ފުރަތަމަ ހާފްގައި ޖަޕާނުން ވަރުގަދަ ޑިފެންސިވް ކުޅުމެއް ދެއްކި އިރު ބްރެޒިލްއަށް ފުރަތަމަ ހާފްގައި ޖަޕާނުގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. މިރޭގެ މެޗުގައި ނޯވޭ ފަރާތުން ވެސް ފެނިގެންދާނީ މިފަދަ ޑިފެންސިވް ކުޅުމެއް ކަމަށް ބެލެވެއެވެ.
ނޯވޭ މިރޭ ބްރެޒިލްއާ ދެކޮޅަށް ނިކުންނާނީ ތާރީހު ބަދަލުކުރަންށެވެ. އެއީ އެޓީމު މީގެ ކުރިން ދުވަހަކު ވެސް ވޯލްޑްކަޕްގެ ކުއާޓާ ފައިނަލްއަށް ކޮލިއަފައިވެފައެއް ނުވެއެވެ. ދެވަނަ ބުރުގައި އައިވަރީ ކޯސްޓް 2-1 އިން ބަލިކޮށްގެން ގަދަ 16 އަށް އައި ނޯވޭ ވެސް މޮޅުވީ މެޗުގެ ފަހު ވަގުތު ލަނޑު ޖަހައިގެންނެވެ. މިރޭގެ މެޗުގައި ނޯވޭއަށް އެންމެ މުހިއްމު ކުޅުންތެރިއަކަށް ވާނީ ފޯވަޑް އާލިންގް ހާލެންޑެވެ. އެހެން ނަމަވެސް ބްރެޒިލްގެ ޑިފެންސްގައި ތިބީ ހާލަންޑަށް ބީރައްޓެހި ކުޅުންތެރިންތަކެއް ނޫނެވެ. މިގޮތުން ގޯލުގައި ހުންނަ އެލިސަން ބެކާ އަދި އާސަނަލްގެ ޑިފެންޑަރު ގެބްރިއަލް އަކީ ޕްރިމިއާ ލީގުގައި ހާލަންޑާ ދެކޮޅަށް ވާދަކުރާ ކުޅުންތެރިންނެވެ.
ކޯ-ހޯސްޓް މެކްސިކޯ އަދި އިންގްލޭންޑް މެޗު ފަތިހު 5 ޖަހާ އިރު
މެކްސިކޯ މުބާރާތުގެ ގަދަ 16 އަށް ގޮސްފައިވަނީ ބައިކޮޅަށް ގޯލެއް ނުވައްދާ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އަމިއްލަ ގައުމުގައި ކުރިއަށްދާ މިމުބާރާތުގައި މެކްސިކޯގެ ފޭނުން ފަރާތުން ލިބެމުންދާ ހިތްވަރާ ސަޕޯޓުގެ ބަދަލު ޓީމުން ދެނީ ދަނޑުމަތީގައެވެ. އަދި މިރޭ އިންގްލޭންޑާ ދެކޮޅަށް ނިކުންނާނީ ތާރީހު ތަކުރާރުކުރާށެވެ. އެއީ އެންމެ ފަހުން އެގައުމު ވޯލްޑްކަޕްގެ ކުއާޓާ ފައިނަލަށް ދިޔައީ 1986 ވަނަ އަހަރު ކަމަށްވާ އިރު އެއަހަރަކީ މެކްސިކޯއިން ވޯލްޑްކަޕް ހޯސްޓްކުރި އަހަރު ވެސްމެއެވެ.
ގަދަ 16 ގެ ޖާގަ އިންގްލޭންޑް ކަށަވަރު ކުރީ ހަމަ ކުރިއާއެވެ. ކޮންގޯގެ ވަރުގަދަ ޑިފެންސަކާ ދެކޮޅަށް ކުޅެ މެޗު ނިމެން ދިޔަ އިރު ވެސް 1-0 އިން ފަހަތުގައި އޮތް އިރު ކެޕްޓަން ހެރީ ކޭންގެ ދެލަނޑާއެކު އިންގްލޭންޑް ބޮޑު ލަދަކުން ސަލާމަތްވިއެވެ. މިރޭ ފަތިހުގެ މެޗު ވާނީ މިމުބާރާތުގެ މިހާތަނަށް އައި އިރު އިންގްލޭންޑް ކުޅޭނެ އެންމެ އުނދަގޫ މެޗަށެވެ. އަދި މިރޭގެ މެޗު ކުޅޭ އެޒްޓެކާ ސްޓޭޑިއަމްއަކީ އިންގްލޭންޑްގެ ފުޓްބޯޅައިގެ ތާރީހާ ހިތާމަވެރި ގޮތަކަށް ގުޅިފައިވާ ސްޓޭޑިއަމްއެކެވެ.
މިއީ 1986 ވަނަ އަހަރުގެ ވޯލްޑްކަޕްގައި އިންގްލޭންޑާ އާޖަންޓީނާ ކުޅުނު މެޗުގައި އާޖެންޓީނާގެ މެރަޑޯނާ އަތުން ޖަހާ ގޯލު ވައްދާލާ އިނގިރޭސި ހިތްތައް ހަލާކުކޮށްލި ދަނޑެވެ.
