ކޮންމެ ވޯލްޑްކަޕެއްގައި ވެސް އާދިޔާ ހިލާފް ހިތްވަރެއް ދައްކާ، ބެލުންތެރިންގެ ލޯބި ހޯދާ ޓީމެއް ކުޅެއެވެ. ފަހުގެ ތާރީހަށް ބަލާ ނަމަ 2018 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލަށް ގޮސް ބަލިވި ކްރޮއޭޝިޔާ އަދި 2022 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ސެމީއަށް ދަތުރުކުރި މޮރޮކޯ ފުޓްބޯޅައަށް ލޯބިކުރާ އެންމެހާ ސަޕޯޓަރުންގެ ހިތްތައް އަތުލިއެވެ.
މި ފަހަރު އެޓީމަކީ މުޅިން އަލަށް ވޯލްޑްކަޕްގައި ވާދަކުރި ގައުމެއް ކަމަށްވާ ކާބޯ ވާޑޭއެވެ. އެފްރިކާ ބައްރު ތަމްސީލު ކުރި ކާބޯ ވާޑޭއަކީ ވޯލްޑްކަޕްގެ ތާރީހުގައި ވެސް މުބާރާތުގައި ވާދަކުރި އެންމެ ކުޑަ ގައުމެވެ. އެހެން ނަމަވެސް މުބާރާތުގައި ބައިވެރިވި 48 ގައުމުގެ ތެރެއިން އެންމެ ދުނިޔޭގެ ފުޓްބޯޅައަށް އެންމެ ބޮޑު ލޮޅުމެއް މި ގެނައި އެންމެ ކުޑަ ގައުމެވެ.
ގްރޫޕް ސްޓޭޖްގައި ސްޕެއިން އަށް ކާބޯ ވާޑޭ ކޮޅަށް ގޯލެއް ނުޖެހުނު އިރު އުރުގުއޭ ވެސް ކާބޯ ވާޑޭއާ ކުޅެ ވީ އެއްވަރެވެ. ސައުދީ އަށް ވެސ ކާބޯ ވާޑޭގެ ކައިރިން މޮޅެއް ނުހޯދުނެވެ.
އެޓީމުގެ ޖާޒީގައި ދުނިޔޭގެ ފެންވަރު އެއްވެސް ކުޅުންތެރިއަކު ނެތް ކަމުގައި ވެސް ކާބޯ ވާޑޭއިން ދެއްކި ހިތްވަރާ މަސައްކަތް ރޭ ޗެމްޕިއަންސް އާޖެންޓީނާއަށް ހަމަ ގައިމުވެސް ފެންނާނެއެވެ.
ދެވަނަ ބުރުގެ 15 ވަނަ މެޗުގައި އާޖެންޓީނާ ކާބޯ ވާޑޭއާ ދެކޮޅަށް ނިކުތް އިރު ވޯލްޑްކަޕްގެ ތާރީހުގައި ވެސް ކުރިމަތިވާނެ އެންމެ ބޮޑު ލަދުވެތި ބަލިން އާޖެންޓީނާ ސަލާމަތްވީ ހަމަ ކިރިއާއެވެ.
އިތުރު ވަގުތު ވެސް ކުޅުނު މިމެޗުގެ ފުރަތަމަ ހާފްގައި އާޖެންޓީނާ ލަނޑެއް ޖަހާ ލީޑު ނެގިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ކެޕްޓަން ލައިނަލް މެސީއެވެ. މިއީ މެސީ މިމުބާރާތުގައި ޖެހި 7 ވަނަ ލަނޑެވެ. އަދި އޭނާ ވޯލްޑްކަޕް މުބާރާތްތަކުގައި ޖެހި ޖުމްލަ 20 ވަނަ ލަނޑެވެ. ވޯލްޑްކަޕްގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަކީ މެސީއެވެ.
މެސީގެ ލަނޑާއެކު މެޗުގައި ކުރީގައި އޮވެގެން އާޖެންޓީނާ ނިންމާލި ނަމަވެސް ކާބޯ ވާޑޭ ވަނީ ދެވަނަ ހާފް ފެށިތަނާ ހެން ލަނޑެއް ޖަހާ ދުނިޔޭގެ ޗެމްޕިއަންސް ސިއްސުވާލާފައެވެ. މެޗުގެ 59 ވަނަ މިނެޓްގައި މިލަނޑު ކާމިޔާބުކޮށް ދިނީ ޑުއާޓޭއެވެ.
މެޗުގެ 90 މިނެޓް ހަމަވީ އިރު ނަތީޖާ 1-1 ގައި އޮތުމުން އިތުރު ވަގުތުގެ 30 މިނެޓް ކުޅުނު އިރު އިތުރު ވަގުތުގެ 2 ވަނަ މިނެޓްގައި އާޖެންޓީނާއިން ލަނޑެއް ޖަހާ ލީޑު ނެގިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޑިފެންޑަރު ލިސާންޑްރޯ މާޓީނޭޒްއެވެ. މާޓިނޭޒް މިލަނޑު ޖެހިތާ 5 މިނެޓް ނުވެ ކާބޯ ވާޑޭއިން އަނެއްކާވެސް ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކުރިއެވެ. ސިޑްނީ ލޯޕޭޒް ކަބްރާލް ފޮނުވާލި މިލަނޑާކީ މި މުބާރާތުގައި ފެނުނު އެންމެ ރީތި އެއް ލަނޑެވެ.
އިތުރު ވަގުތުގެ ދެވަނަ ހާފްގައި މެޗުގެ ލީޑު ނަގާނެ ފުރުސަތުތައް ކާބޯ ވާޑޭއަށް ވެސް ލިބުނެއެވެ. އެހެން ނަމަވެސް، ގޯލު ޖަހާ މެޗުން މޮޅުވީ އާޖެންޓީނާއެވެ. އަދި ހިތްދަތިވާ ގޮތަކަށް އެއީ ކާބޯ ވާޑޭގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
މި ނަތީޖާއާއެކު ގަދަ 16 ގައި އާޖެންޓީނާއާ އިޖިޕްޓްގެ ކުރިމަތިލުމެއް ކަށަވަރުވެފައިވާ އިރު މުބާރާތަށް އަލްވަދާއު ކީ ކާބޯ ވާޑޭ ދެއްކި ހިތްވަރާ ހުނަރަށް ތައުރީފު ހައްގެވެ. އެޓީމު މި ދައްކުވައިދިނީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް އެކުވެރިކަމާ އެއްބައިވަންތަކަމާއެކު ދުނިޔޭގެ ފުޓްބޯޅައިގެން އެންމެ ޝަރަފުވެރި މުބާރާތަށް ވެސް ވަރުގަދަ ލޯޅުމެއް އަރުވާލެވިދާނެކަމެވެ.
