އިޖްޕްޓް ވޯލްޑްކަޕް މުބާރާތެއްގެ ގަދ 16 އިން ފުރަތަމަ ފަހަރަށް ޖާގަ ހޯދައިފިއެވެ. އިޖްޕްޓް މުބާރާތުގެ ތިން ވަނަ ބުރުން ޖާގަ ހޯދީ މިރޭ ދެވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން އޮސްޓްރޭލިޔާ ބަލިކުރުމަށް ފަހުއެވެ.

އެމެރިކާގެ ޑަލާސްގައި ކުޅުނު މެޗު ޕެނަލްޓީއަށް ދިޔައީ މެޗުގެ 90 މިނެޓް ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދިން 30 މިނެޓަށް ފަހު ވެސް 1-1 އިން ދެ ޓީމު އެއްވަރުވެފައި އޮތުމުންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އިޖްޕްޓުންނެވެ. މެޗުގެ 13 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އިމާމް އަޝޫރެވެ. މިއީ އޭނާ މިމުބާރާތުގައި ޖެހި ދެވަނަ ލަނޑެވެ.

އިޖްޕްޓްގެ އަޝޫރް ލަނޑު ޖަހާފައި އުފާ ފާޅުކުރަނީ/ފޮޓޯ: އެކްސް

މިސްރުގެ ލަނޑަށް ފަހު އޮސްޓްރޭލިޔާއިން ކުޅުން ވަރުގަދަ ކުރި ނަމަވެސް ފުރަތަމަ ހާފް ނިމުނީ އިޖްޕްޓު ކުރީގައި އޮވެގެންނެވެ. އެހެން ނަމަވެސް ދެވަނަ ހާފް ފަށައިގެން މާ ގިނަ އިރުތަކެއް ނުވަނީސް އޮސްޓްރޭލިޔާއިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ. މިލަނޑަކީ މިސްރުގެ ކުޅުންތެރިއެއްގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލެކެވެ. މިލަނޑު ވަނީ އިޖްޕްޓްގެ މުހައްމަދު ހާނީގެ ބޮލުގައި ޖެހިފައެވެ.

މިއީ މިމުބާރާތުގައި ހާނީ ޖެހި ދެވަނަ އޯން ގޯލް/ފޮޓޯ: އެކްސް

އޮސްޓްރޭލިޔާގެ ގޯލަށް ފަހު ދެން މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ އިޖްޕްޓުންނެވެ. އަދި މެޗުގެ 90 މިނެޓްގެ އެންމެ ފަހު މިނެޓްގައި ޑިފެންޑަރު ރަމީ ރާބިއާ ބޮލުން ޖަހާ ގޯލަށް ފޮނުވާލި ހަމަލާއެއްގެ ގޯލަށް ވަދެ ވަދެ އޮއްވާ އޮސްޓްރޭލިޔާގެ ކީޕަރު ޕެޓްރިކް ބީޗް ހުޝިޔާރު ކަމާއެކު ސޭވް ކުރިއެވެ.

އޮސްޓްރޭލިޔާގެ ކީޕަރު ބީޗް މެޗުގެ ފަހު މިނެޓްގައި ކުރި މޮޅު ސޭވް/ފޮޓޯ: އެކްސް

އިތުރު ވަގުތުގެ ގޮތުގައި 15 މިނެޓްގެ ދެ ހާފް ކުޅުނު އިރު ވެސް ދެ ޓީމަށް މެޗުން މޮޅުނުވެވުނީމަ ދެން ދިޔައީ ޕެނަލްޓީއަށެވެ. ޕެނަލްޓީއަށް ދިއުމުގެ ކުރިން އޮސްޓްރޭލިޔާގެ ކޯޗު ވަނީ ބީޗްގެ ބަދަލުގައި ތަޖުރިބާކާރު ކީޕަރު މެޓް ރަޔަން އަރުވާފައެވެ.

ޕެނަލްޓީ ޝޫޓް އައުޓް އިޖްޕްޓުން ކާމިޔާބުކުރީ 4-2 އިންނެވެ. މިގޮތުން އޮސްޓްރޭލިޔާއިން ފޮނުވާލި 4 ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ބޭރަށް ޖަހާފައިވާ އިރު އިޖްޕްޓުން ވަނީ އެޓީމުގެ ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކޮށްފައެވެ.

މިމުބާރާތަކީ އިޖްޕްޓް ވޯލްޑްކަޕްގެ މެޗަކުން މޮޅުވި ފުރަތަމަ މުބާރާތަށް ވީ އިރު މި ފަހަރުގެ މުބާރާތުގެ ގަދަ 16 އަށް ދަތުރުކުރުމަކީ ވެސ އިޖްޕްޓުގެ ފުޓްބޯޅައަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.

މުބާރާތުގެ ގަދަ 16 ގައި އިޖްޕްޓް ވާދަކުރާނީ ދެވަނަ ބުރުގައި މިހާރުގެ ޗެމްޕިއަން އާޖެންޓީނާ އަދި ކާބޯ ވާޑޭ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.