މިހާރު ކުރިއަށްދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގައި ސްޕެއިންއާ ޕޯޗުގަލް ވާދަކުރަން ޖެހިއްޖެއެވެ. މީގެ ކުރިން، މި ދެ ޓީމު ވޯލްޑްކަޕްގެ ނޮކްއައުޓް މެޗެއްގައި ވާދަކޮށްފައެއް ނުވެއެވެ.
ޔޫރަޕިއަން ޗެމްޕިއަން ސްޕެއިންއާ ޕޯޗުގަލްގެ ކުރިމަތިލުން ކަށަވަރުވެގެން ދިޔައީ ރޭ މުބާރާތުގެ ދެވަނަ ބުރުގައި މި ދެޓީމުން ވެސް ކުޅުނު ދެ މެޗުން މޮޅުވުމުންނެވެ.
މި ގޮތުުން، ސްޕެއިން ވަނީ 3-0ގެ ސްކޯލައިނަކުން އޮސްޓްރިއާ ބަލިކޮށްފައެވެ. ސްޕެއިންއިން މިމެޗު މުޅިހެން ކޮންޓްރޯލްކޮށްގެން ކުޅުނު އިރު މިމެޗުގެ ފުރަތަމަ ލަނޑު އެޓީމުން ޖެހީ މެޗުގެ 36 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މިކެލް އަޔާޒަބާލްއެވެ. މެޗުގެ ފުރަތަމަ ހާފް ސްޕެއިން ކުރީގައި އޮވެގެން ނިމުނު އިރު ދެވަނަ ހާފްގައި ސްޕެއިން ވަނީ އިތުރު ދެލަނޑު ޖަހާފައެވެ. މީގެ ތެރެއިން ފުރަތަމަ ލަނޑު ޖެހީ މެޗުގެ 66 ވަނަ މިނެޓްގައި ޕެޑްރޯ ޕޯރޯއެވެ.
ސްޕެއިން ތިން ވަނަ ލަނޑު ޖެހީ ވެސް އޮޔާޒަބާލްއެވެ. މިއީ މިމުބާރާތުގައި އޭނާ ޖެހި ހަތަރު ވަނަ ލަނޑަށް ވީ އިރު ސްޕެއިން މެޗު ނިންމާލީ ބައިކޮޅަށް ގޯލެއް ނުވައްދައެވެ. އެހެން ކަމުން، އެޓީމު ވެފައިވަނީ މިމުބާރާތުގައި ހަތަރު މެޗު ކުޅުނު އިރު ބައިކޮޅަށް ގޯލަށް ވަނަ ނުދީ ހިފަހައްޓާލާފައިވާ ދެވަނަ ޓީމަށެވެ. އަނެއް ޓީމަކީ މުބާރާތުގެ އެއް ކޯ-ހޯސްޓް ކަމަށްވާ މެކްސިކޯއެވެ.
ސްޕެއިން ވޯލްޑްކަޕްގެ ގަދަ 16 އަށް ގޮސްފައި މިވަނީ 16 އަހަރުގެ ދިގު އިންތިޒާރަކަށް ފަހުއެވެ. އެންމެ ފަހުން އެޓީމު ގަދަ 16 އަށް ދިޔައީ 2010 ވަނަ އަހަރުއެވެ. އެއަހަރު ވޯލްޑްކަޕް ތަށި އުފުލާލީ ވެސް ސްޕެއިންއެވެ.
ޕޯޗުގަލް ގަދަ 16 އަށް ދިޔައީ ކްރޮއޭޝިޔާއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗަކަށް ފަހު
މިއަހަރުގެ ވޯލްޑްކަޕްގެ ގަދަ 16 އިން ޖާގައެއް ޕޯޗުގަލް ވެސް ކަށަވަރުކޮށްފައިވާ އިރު ދެވަނަ ބުރުގައި އެޓީމުން ވަނީ 2-1 އިން ކްރޮއޭޝިޔާ ބަލިކޮށްފައެވެ.
މިމެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް އާދައިގެ ކުޅުމެއް ފެނިގެން ދިޔަ އިރު ދެވަނަ ހާފްވެގެން ދިޔައީ ފޯރިގަދަ 45 މިނެޓަށެވެ. މިގޮތުން، މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ކްރޮއޭޝިޔާއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އިވާން ޕެރަސިޗްއެވެ.
އެހެން ނަމަވެސް، ޕޯޗުގަލްއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ލިބުނު ޕެނަލްޓީ އަކުން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
ޕޯޗުގަލްއިން މެޗުގެ ލީޑު ނެގީ މެޗުގެ 90 މިނެޓް ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 10 މިނެޓްގެ ތެރެއިން ހަތަރު ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ފަހު ހާފްގައި ކުޅެން ނިކުތް ގޮންޒާލޯ ރާމޯސްއެވެ.
ރާމޯސްގެ ލަނޑަށް ފަހު ކްރޮއޭޝިޔާއިން އިތުރު ލަނޑެއް ޖަހާ ނަތީޖާ އެއްވަރު ކުރި ނަމަވެސް ވީއޭއާރުން ވަނީ އެލަނޑު އޮފްސައިޑް ކަމަށް ނިންމާފައެވެ. އަދި މެޗު ނިމުނީ 2-1 އިން ޕޯޗުގަލް މޮޅުވެގެންނެވެ.
