މިހާރު ކުރިއަށްދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 އިން ޖާގައެއް އިންގްލޭންޑް ހޯދައިފިއެވެ. އިންގްލޭންޑް މުބާރާތުގެ ތިން ވަނަ ބުރަށް ދިޔައީ ދެވަނަ ބުރުގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ 2-1 އިން ބަލިކޮށްގެންނެވެ.

މުޅި މެޗުހެން އިންގްލޭންޑުން ބޯޅަ ކޮންޓްރޯލްކޮށްގެން ގިނަ ހަމަލާތައް އުފެއްދި ނަމަވެސް އިންގްލޭންޑް ސިއްސުވާލާ ކޮންގޯއިން މެޗުގެ 7 ވަނަ މިނެޓްގައި ލަނޑެއް ޖެހިއެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ސިޕެންގާއެވެ.

ކޮންގޯގެ ބްރައިން ސިޕެންގާ ލަނޑު ޖެހީ މެޗު ފެށިތަނާހެން/ފޮޓޯ: އެކްސް

މިލަނޑަށް ފަހު ކޮންގޯއަށް ލީޑު ފުޅާ ކުރާނެ ބައެއް ފުރުސަތުތައް ލިބުނު އިރު އިންގްލޭންޑަށް ނަތީޖާ ހަމަހަމަކޮށް ލީޑު ނަގާނެ ފުރުސަތުތައް ވެސް ލިބުނެވެ. އެހެން ނަމަވެސް ކޮންގޯ ޑިފެންސް އަދި ގޯލު ކީޕަރު ލައިނަލް އެމްޕާސީ ވަނީ ހުޝިޔާރު މޮޅު ސޭވްތަކެއްކޮށްފައެވެ. ހާއްސަކޮށް އިންގްލޭންޑްގެ މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް ބޮލުން ޖަހާ ގޯލަށް ފޮނުވާލި ދެ ޝޮޓެއް އެމްޕާސީ ސޭވްކުރި އިރު މިއީ މުޅި މުބާރާތުގައި ވެސް މިހާތަނަށް ފެނުނު އެންމެ މޮޅު ސޭވްތަކެވެ.

މެޗުގެ ފުރަތަމަ ހާފް ކޮންގޯ ކުރީގައި އޮވެގެން ނިމުނު އިރު ދެވަނަ ހާފަށް އިންގްލޭންޑްގެ ކޯޗު ވަނީ ޓީމަށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލުތަކާއެކު އިންގްލޭންޑްގެ ކުޅުން އިތުރަށް ވަރުގަދަވީ އިރު މެޗުގައި އިންގްލޭންޑްގެ ފުރަތަމަ ލަނޑު އެސިސްޓްކޮށް ދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އެންތޮނީ ގޯޑަންއެވެ.

ކޭން ލަނޑު ޖެހީ ފުލުފުލުގައި/ފޮޓޯ: އެކްސް

ގޯޑަންގެ ރީތި ހުރަހެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލައިގެން އިންގްލޭންޑަށް ނަތީޖާ ހަމަހަމަކޮށް ދިނީ ކެޕްޓަން ހެރީ ކޭންއެވެ.

މެޗުގައި ދެން ވެސް ލަނޑު ޖަހާ އިންގްލޭންޑަށް ލީޑު ނަގާ ދިނީ ވެސް ކޭންއެވެ. ކޭންގެ ދެވަނަ ލަނޑަކީ އޭނާގެ ހުނަރު ދައްކުވައިދިން މޮޅު ލަނޑެކެވެ. އިންގްލޭންޑް މެޗުގެ ނަތީޖާ އަނބުރާލިތާ މާ ގިނައެއް އިރެއް ނުވެ މެޗު ނިމުނު އިރު ގަދަ 16 ގައި އިންގްލޭންޑް ކުޅެން ޖެހޭނީ މުބާރާތުގެ އެއް ކޯ-ހޯސްޓް ކަމަށްވާ މެކްސިކޯއާއެވެ.