2018 ވަނަ އަހަރު އޮތް ވޯލްޑްކަޕް މުބާރާތުގެ ޗެމްޕިއަން އަދި 2022 ވަނަ އަހަރުގެ މުބާރާތުގެ ރަނަރަޕް ފްރާންސް މިފަހަރުގެ ވޯލްޑްކަޕްގެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ.
ފްރާނަސް ގަދަ 16 އަށް ދިޔައީ ދެވަނަ ބުރުގައި ސުވިޑަންއާ ވާދަކޮށް 3-0 އިން މެޗުން ކާމިޔާބުކޮށްގެންނެވެ. މުޅި މެޗުހެން ފްރާންސްއިން ކޮންޓްރޯލްކޮށް ގިނަ ހަމަލާތައް އުފައްދަމުން ކުޅެމުން ދިޔަ ނަމަވެސް މެޗުގައި ފްރާންސްގެ ފުރަތަމަ ލަނޑު ޖެހުނީ ފުރަތަމަ ހާފް ނިމެން ދަނިކޮށެވެ.
މި ލަނޑު ޖަހާ ދިނީ ކެޕްޓަން ކިލިއަން އެމްބާޕޭއެވެ. ފްރާންސްގެ ލަނޑަށް ފަހު ނަތީޖާ ހަމަހަމަ ކުރާނެ ފުރުސަތެއް ސުވިޑަންއަށް ލިބުނެވެ. އެހެން ނަމަވެސް، ގޯލާ ކައިރިން އެލިއަޓް ސްޓްރައުޑަށް ލިބުނު ފުރުސަތު ޖެހީ ބޭރަށެވެ.
ދެވަނަ ހާފް ފެށިތަނާ ހެން ފްރާންސުން ލީޑު ފުޅާ ކުރިއެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ މައިކަލް އޮލީސްގެ އެސިސްޓަކުން ޕީއެސްޖީގެ ބްރެޑްލީ ބާކޮލާއެވެ.
މެޗުގެ ނަތީޖާ ކަށަވަރުކުރީ އެމްބާޕޭއެވެ. މިގޮތުން، އޭނާ ވަނީ މެޗުގެ ތިން ވަނަ ލަނޑު އަދި މެޗުގައ އޭނާ ޖެހި ދެވަނަ ލަނޑު 74 ވަނަ މިނެޓްގައި ކާމިޔާބުކޮށްފައެވެ. މިއާއެކު، އެމްބާޕޭ މިވަނީ 6 ލަނޑާއެކު މި މުބާރާތުގެ ލަނޑު ޗާޓުގެ އެއްވަނައިގައި އުޅޭ އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީއާ އެއްވަރުކޮށްފައެވެ.
އެމްބާޕޭގެ ދެ ލަނޑާއެކު އޭނާ މިވަނީ ވޯލްޑްކަޕްގެ ނޮކްއައުޓް މެޗުތަކުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށްވެފައެވެ.
ޖެހިޖެހިގެން ދެ ފައިނަލްގައި ކުޅެފައިވާ ފްރާންސުން ގަދަ 16 ގައި ވާދަކުރަން ޖެހޭނީ ޕެނަލްޓީ ޖަހައިގެން ގަދަ ފަދަ ޖާމަނީ ބަލިކުރި ޕެރަގުއޭއާއެވެ.
