ވޯލްޑްކަޕް މުބާރާތަކުން މިފަހަރު އަލަށް ފެނިގެން ދިޔަ ކާބޯ ވާޑޭ ވޯލްޑްކަޕް 2026 ގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. ކާބޯ ވާޑޭ ދެވަނަ ބުރަށް ދިޔައީ ކުޅުނު ތިން މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިނުވެއެވެ.
މި ގޮތުން، ރޭ ފަތިހު ސައުދީ އަރަބިއްޔާއާ ވާދަކުރި މެޗު 0-0 އިން އެއްވަރުވުމުން ކާބޯ ވާޑޭއަށް ވަނީ ޖުމްލަ ތިން މެޗު ކުޅެ ތިން ޕޮއިންޓް ލިބިފައެވެ. އެ ޓީމުން، ގްރޫޕް ސްޓޭޖުގައި ކުޅުނު އަނެއް ދެ މެޗުން ވެސް ވީ އެއްވަރެވެ. މިގޮތުން، ފުރަތަމަ މެޗުގައި ސްޕެއިން 0-0 އިން ހިފަހައްޓާލި އިރު ދެވަނަ މެޗުގައި އުރުގުއޭއާ ކުޅެ 2-2 އިން މެޗު އެއްވަރުކުރިއެވެ.
ކާބޯ ވާޑޭ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް އެޗްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މި ގްރޫޕްގެ އެއްވަނަ ނެގީ ރޭ އުރުގުއޭ 1-0 އިން ބަލިކުރި ސްޕެއިންއެވެ. އުރުގުއޭ އެއް މެޗުން ބަލިނުވެ ދެ މެޗުން އެއްވަރުވި އިރު އެޓީމު އޮތީ ތިން ވަނައިގައެވެ. ތާވަލުގެ ފުލުގައި އޮތީ ސައުދީ އަރަބިއްޔާއެވެ.
މިފަހަރުގެ މުބާރާތުގައި އެންމެ އާދިޔާ ހިލާފު ނަތީޖާތަކެއް ދައްކަމުން އަންނަ ޓީމު ކަމަށްވާ ކާބޯ ވާޑޭ ދެވަނަ ބުރުގައި ވާދަކުރަން ޖެހޭނީ މިހާރުގެ ޗެމްޕިއަން އާޖެންޓީނާއެވެ.
