މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް ބައްވާ އެއްގައުމު ކަމަށްވާ ކެނެޑާ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. އެހެން ނަމަވެސް، ރޭ ކުޅުނު މެޗުން ސުވިޓްޒަލޭންޑް އަތުން 1-2 އިން ބަލިވުމުން ކެނެޑާއަށް މިވަނީ މުބާރާތުގައި ދެން ކުޅޭ ހުރިހާ މެޗެއް އަމިއްލަ ފަސްގަނޑުގައި ކުޅުމުގެ ފުރުސަތު ގެއްލިފައެވެ.

ވޯލްޑްކަޕްގެ ދެވަނަ ބުރަށް އަލަށް ދިޔަ ކެނެޑާ ގްރޫޕް ސްޓޭޖްގައި ކުޅުނު ފުރަތަމަ މެޗުން ބޮސްނިއާ ކުޅެ 1-1އިން އެއްވަރުވި އިރު ދެވަނަ މެޗުގައި އެޓީމުން ވަނީ 6-0 އިން ގަތަރު ބަލިކޮށްފައެވެ.

އެހެން ނަމަވެސް، ރޭ ސުވިޓްޒަލޭންޑާ ކުޅުނު މެޗުގައި އެޓީމު ކޮޅަށް ފުރަތަމަ ލަނޑު ޖެހީ ސުވިޓްޒަލޭންޑުންނެވެ. ސުވިޓްޒަލޭންޑްގެ ރޫބިން ވާގަސް މި ލަނޑު ޖެހީ ދެވަނަ ހާފް ފެށުނު ތަނާހެންނެވެ.

އޭނގެ މާ ގިނަ އިރުތަކެއް ނުވެ ސުވިޓްޒަލޭންޑުން އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑު ފުޅާ ކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޔޯހާން މަންޒަމްބީއެވެ.

ސުވިޓްޒަލޭންޑަށް ލަނޑު ޖަހާ ދިން މަންޒަމްބީ/ފޮޓޯ: އެކްސް

މިމެޗުގައި ކެނެޑާއިން ވަނީ ލަނޑެއް ޖަހާ ލީޑުގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ޕްރޮމިސް ޑޭވިޑްއެވެ. މިމެޗުން މޮޅުވި ސުވިޓްޒަލޭންޑް 7 ޕޮއިންޓާއެކު ގްރޫބީގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދިޔަ އިރު ކެނެޑާއަށް ލިބިފައިވަނީ ޖުމްލަ 4 ޕޮއިންޓެވެ.

މި ގްރޫޕްގައި ދެން އޮތް ބޮސްނިއާ ރޭ ގަތަރު ބަލިކުރި އިރު އެޓީމަށް ވެސް ޖުމްލަ ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އެހެން ނަމަވެސް، ކެނެޑާ އަށް ތާވަލުގެ ދެވަނަ ލިބުނީ ޖެހި ގޯލާ ބައިކޮޅަށް ވަތް ގޯލުގެ ފަރަގުންނެވެ.

ދެވަނަ ބުރުގައި ކެނެޑާ ކުޅެން ޖެހެނީ ގްރޫޕް ބީގެ ދެވަނަ ޓީމު ސައުތް އެފްރިކާއާއެވެ. އަދި މުބާރާތުގެ ފަހު 32 ޓީމުގައި ހިމެނުމުގެ ފުރުސަތު ބޮސްނިއާއަކަށް އަދި ނުގެއްލެއެވެ. އެހެން ނަމަވެސް، ގްރޫޕްތަކުގެ ތިން ވަނަ ޓީމުތަކުގެ ތެރެއިން އެންމެ މޮޅު 8 ޓީމަށް ދެވަނަ ބުރުގެ ފުރުސަތު އޮތް އިރު މި ޓީމުތައް އެނގިގެންދާނީ ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ނިމުމުންނެވެ.