ވޯލްޑްކަޕްގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ސައުތް އެފްރިކާ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. ސައުތް އެފްރިކާ ދެވަނަ ބުރަށް ދިޔައީ މިއަދު ހެނދުނު ކުޅުނު މެޗުގައި 1-0 އިން ސައުތް ކޮރެއާ ބަލިކޮށްގެންނެވެ.
މިމުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މެކްސިކޯ އަތުން ބަލިވި ސައުތް އެފްރިކާ ދެވަނަ މެޗުގައި ވަނީ ޗެކިއާއާ އެއްވަރުކޮށްފައެވެ. އެހެން ކަމުން، މިއަދުގެ މެޗުން މޮޅުވެގެން ނޫނީ ސައުތް އެފްރިކާއަށް މުބާރާތުގައި ކުރިއަށް ނުދެވޭނެ ކަން ޓީމަށް އެނގެއެވެ.
މެޗުގެ ފުރަތަމަ ކަށިގަނޑާއެކު ވެސް ސައުތް އެފްރިކާގެ ފަރާތުން ފެނުނީ ވަރުގަދަ ޑިފެންސިވް ކުޅުމެކެވެ. އަދި ކައުންޓާގައި ލިބޭ ހަމަލާތައް ވެސް އުފައްދާ އެ ޓީމުން މުޅި މެޗުގައި ވެސް ދެއްކީ ހިތްވަރުގަދަ ކުޅުމެކެވެ. މި މެޗުން އެއްވަރުވެގެން ވެސް ދެވަނަ ބުރުގެ ޖާގަ ކަށަވަރު ކުރެވޭނެ ސައުތް ކޮރެއާއިން ވެސް ގިނަ ހަމަލާތައް އުފެއްދިއެވެ. އެހެން ނަމަވެސް، ސައުތް އެފްރިކާގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.
މެޗުގެ ފުރަތަމަ ހާފް ދެ ޓީމު އެއްވަރުވެގެން ނިމުނު އިރު މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލު ޖެހީ މެޗުގެ 63 ވަނަ މިނެޓްގައެވެ. ކައުންޓާ އެޓޭކިންގް މި ހަމަލާ ސައުތް އެފްރިކާއަށް ނިންމާލަ ދިނީ ޓަޕެލޯ މޮސޭކޯއެވެ. ކޮރެއާއިން ދެން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު އުފެއްދި ނަމަވެސް ސައުތް އެފްރިކާގެ ޑިފެންސުން ގޯލާ ހިސާބަށް ގިނަ ހަމަލާތައް އައުމުގެ ކުރިން ހުއްޓުވިއެވެ.
0-1 އިން ސައުތް އެފްރިކާ ކުރީގައި އޮވެގެން މެޗު ނިމުނު އިރު މުބާރާތުގެ ގަދަ 32 ޓީމު ކުޅޭ ނޮކްއައުޓް ރައުންޑްގައި އެޓީމުން ވާދަކުރާނީ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާއާއެވެ.
ގްރޫޕް އޭގެ ތިން ވަނަ ލިބުނު ސައުތް ކޮރެއާ އަދި މުބާރާތުން ނުކަނޓައެވެ. އެއީ ބާރަ ގްރޫޕްގެ އެންމެ މަތިން ޕޮއިންޓް ލިބުނު 24 ޓީމުގެ އިތުރުން ހުރިހާ ގްރޫޕެއްގެ ތިން ވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ގިނައިން ޕޮއިންޓް ލިބޭ 8 ޓީމެއް ވެސް އަނެއް ބުރަށްދާނެތީއެވެ. އެއް މެޗުން މޮޅުވެ، އަނެއް ދެ މެޗުން ބަލިވި ކޮރެއާ އޮތީ ގްރޫޕް އޭގެ ތާވަލުގެ ތިން ވަނައިގައެވެ.
މި ގްރޫޕްގެ އެއްވަނަ ހޯދީ މުބާރާތުގެ ކޯ-ހޯސްޓެއް ކަމަށްވާ މެކްސިކޯއެވެ. މެކްސިކޯ ދެވަނަ ބުރަށް މިދިޔައީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.
