ފީފާ ވޯލްޑްކަޕް 2026 ގެ ދެވަނަ ބުރަށް މިހާރުގެ ޗެމްޕިއަން އާޖެންޓީނާ ދަތުރުކޮށްފިއެވެ. އާޖެންޓީނާ ދެވަނަ ބުރަށް ދިޔައީ މިރޭ ގްރޫޕް ޖޭގައި އޮސްޓްރިއާއާ ވާދަކޮށް 2-0 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

މިމެޗުގައި އާޖެންޓީނާއިން ޖެހި ދެ ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށް ދިނީ ކެޕްޓަން ލައިނަލް މެސީއެވެ. މިގޮތުން، އާޖެންޓީނާއިން ޖެހި ފުރަތަމަ ލަނޑު ގޯލުގެ ތެރެއަށް މެސީ ވައްދާލީ މެޗުގެ 38 ވަނަ މިނެޓްގައެވެ. މިލަނޑު ޖެހީ މެޗުގެ 8 ވަނަ މިނެޓްގައި އާޖެންޓީނާއަށް ލިބުނު ޕެނަލްޓީއެއް މެސީގެ އަތުން ނާކާމިޔާބުވުމަށް ފަހު އެވެ.

މެސީގެ މިލަނޑަކީ ވޯލްޑްކަޕްގައި އެންމެ ގިނަ ގޯލު ޖަހާ ޖާމަނީގެ ކުރީގެ ފޯވަޑް މިރޮސްލާވް ކްލޯސޭ ހެދި ރިކޯޑް މުގުރާލި ލަނޑެވެ.

މެސީ މިވަނީ ވޯލްޑްކަޕް މުބާރާތްތަކުގައި ޖުމްލަ 17 ގޯލު ޖަހާފައި/ފޮޓޯ: އެކްސް

ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި އޮސްޓްރިއާއަށް ވެސް ނުރައްކާތެރި ހަމަލާތައް އުފެއްދުނެވެ. އެހެން ނަމަވެސް، މެޗު ނިމެން ދަނިކޮށް އަނެއްކާވެސް ލަނޑެއް ޖަހާ ލީޑު ފުޅާ ކުރީ އާޖެންޓީނާއިންނެވެ. މިލަނޑު ވެސް ޖެހީ ކެޕްޓަން މެސީއެވެ. މި ލަނޑާއެކު މި މުބާރާތުގައި މެސީ ޖެހި ލަނޑުގެ އަދަދު 5 އަރާފައިވާ އިރު އާޖެންޓީނާއިން މި މުބާރާތުގައި ޖެހި ހުރިހާ ލަނޑެއް ޖަހާފައިވަނީ މެސީއެވެ.

މީގެ އިތުރުން، މެސީ މިވަނީ އެންމެ ގިނަ ގޯލު ޖެހި ރިކޯޑް އާކޮށް ވޯލްޑްކަޕްގެ 28 މެޗުގައި 18 ލަނޑު ޖަހާފައެވެ.

މިރޭގެ މެޗުން މޮޅުވެ އާޖެންޓީނާ މިވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވި އޮސްޓްރިއާއަށް ދެވަނަ ބުރުގެ ފުރުސަތު އަދި ނުގެއްލެއެވެ.