މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް މުބާރާތުގައި މިއަދު ބްރެޒިލްއާ ހައިޓީ ވާދަކުރި މެޗު 3-0 އިން ބްރެޒިލް ކާމިޔާބުކޮށްފިއެވެ. މިއާއެކު، މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވާ ހައިޓީ މިވަނީ މުބާރާތުން ކަޓާފައެވެ. ހައިޓީ ވެގެންދިޔައީ 48 ޓީމު ވާދަކުރާ މި މުބާރާތުން ކެޓި ފުރަތަމަ ޓީމަށެވެ.
މިއަދު ފަތިހު ރާއްޖޭ ގަޑިން 5:30 ގައި ކުޅުނު މިމެޗުގައި ބްރެޒިލްގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ މެޗުގެ 23 މިނެޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މެންޗެސްޓާ ޔުނައިޓެޑްގެ ފޯވަޑް މަތާއިސް ކުންޔާއެވެ. މިއީ ކުންޔާ ވޯލްޑްކަޕް މުބާރާތެއްގައި ގައުމީ ޓީމަށް ޖަހާ ދިން ފުރަތަމަ ލަނޑެވެ.
އޭނގެ އިރުކޮޅެއް ފަހުން އޭނާ ވަނީ ދެވަނަ ލަނޑެއް ޖަހާ ބްރެޒިލްގެ ލީޑު ފުޅާކޮށްދީފައެވެ.
މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ބްރެޒިލްއިން އިތުރު ލަނޑެއް ޖަހާ ނަތީޖާ 3-0 އަށް ހެދިއެވެ. މިލަނޑ އެޓީމަށް ޖަހާ ދިނީ ރިއާލް މެޑްރިޑްގެ ފޯވަޑް ވިނީސިއަސް ޖޫނިޔާއެވެ. މިއީ ވިނީ މިމުބާރާތުގައި ޖެހި ދެވަނަ ލަނޑެވެ.
މި ސްކޯލައިންގައި އޮވެގެން މެޗު ނިމުނު އިރު މިއީ މިމުބާރާތުގައި ބްރެޒިލް ކާމިޔާބުކުރި ފުރަތަމަ މެޗެވެ. އެޓީމުން ވޯލްޑްކަޕް 2026 ގައި ކުޅުނު ފުރަތަމަ މެޗުގައި މޮރޮކޯއާ ވާދަކޮށް 1-1 ވީ އެއްވަރެވެ.
މިއަދުގެ މި ނަތީޖާއާއެކު ބްރެޒިލް މިވަނީ ގްރޫޕް ސީގެ ތާވަލުގެ ދެވަނައަށް އަރާފައެވެ. އެއީ ދެ މެޗު ކުޅެ އެއް މެޗުން މޮޅުވެ އަނެއް މެޗުން އެއްވަރުވުމުން ލިބުނު 4 ޕޮއިންޓާއެކުއެވެ. ތާވަލުގެ ދެވަނައިގައި ޖެހި ގޯލުގެ ތަފާތުން އޮތީ މޮރޮކޯއެވެ. މޮރޮކޯ ރޭ ވަނީ 1-0 އިން ސްކޮޓްލޭންޑް ބަލިކޮށްފައެވެ. ތާވަލުގެ ތިން ވަނައިގައި އޮތީ ސްކޮޓްލޭންޑެވެ. އެއީ އެޓީމުން ފުރަތަމަ ކުޅުނު މެޗުގައި ހައިޓީ ބަލިކޮށް ލިބުނު ތިން ޕޮއިންޓާއެކުއެވެ.
ކޮންމެ ގްރޫޕެއްގެ ފުރަތަމަ ދެ ޓީމަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވާނެ އިރު ހުރިހާ ގްރޫޕްތަކުގެ ތިން ވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ މޮޅު 8 ޓީމެއް ވެސް ދެވަނަ ބުރަށްދާނެއެވެ.
