އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި މިހާރު ކުޅެމުންދާ ފީފާ ވޯލްޑްކަޕްގެ ގްރޫޕް ޑީގައި ރޭ އެމެރިކާއާ އޮސްޓްރޭލިޔާ ވާދަކުރި މެޗު 2-0 އިން ކާމިޔާބުކޮށްގެން މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރި ދެވަނަ ޓީމަކަށް އެމެރިކާ ވެއްޖެއެވެ. މިމުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރި ފުރަތަމަ ޓީމަކަށް މުބާރާތުގެ އަނެއް ކޯ-ހޯސްޓް މެކްސިކޯއެވެ.

އެމެރިކާގެ ސިއާޓެލްގައި ކުޅުނު މިޗުގައިަ އެމެރިކާއިން ޖެހި ފުރަތަމަ ލަނޑަކީ އޮސްޓްރޭލިޔާގެ ކުޅުންތެރިއެއްގެ ފައިގައި ޖެހި ބައިކޮޅަށް ވަތް ގޯލެކެވެ. މިގޯލް އޮސްޓްރޭލިޔާގެ ގޯލަށް ވަނީ މެޗުގެ 11 ވަނަ މިނެޓްގައެވެ.

އެމެރިކާގެ ކެޕްޓަން އަދި އެގައުމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ ކްރިސްޓިއަން ޕުލިސިކްއާ ނުލާ އެމެރިކާއިން ކުޅުނު މިމެޗުގައި ގިނަ ހަމަލާތަކެއް އުފައްދާ އޮސްޓްރޭލިޔާއަށް ގިނަ ފިއްތުންތައް ކުރިމަތިކުރުވިއެވެ. އަދި ނަތީޖާއަކަށްވީ މެޗުގެ ފުރަތަމަ ހާފް ނުނިމެނީސް އެމެރިކާއިން އިތުރު ގޯލެއް ޖަހާ ލީޑު ފުޅާކުރުމެވެ.

އެމެރިކާގެ ލަނޑު ޖަހާ ދިން އެލެކްސް ފްރީމަން/ފޮޓޯ: އެކްސް

އެލެކްސް ފްރީމަން ޖެހި މި ލަނޑަކީ އޮފްސައިޑް ލަނޑެއް ކަމަށް މެޗުގެ ލައިންސްމަނުން ނިންމި ނަމަވެސް މެޗުގެ ވީޑިއޯ އެސިސްޓަންޓް ރެފްރީ ވަނީ މި ލަނޑު ރަނގަޅުމަކަށް ނިންމާފައެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި 2-0 އިން ތުރުކީ ބަލިކުރި އޮސްޓްރޭލިޔާއަށް މިމެޗުގައި މާ ގިނަ ހަމަލާތަކެއް ނުއުފެއްދެވެ. އެހެން ނަމަވެސް މިމެޗުން ބަލިވި ނަމަވެސް އެޓީމަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އަދި ވެސް އެބައޮތެވެ.