މިހާރު ކުރިއަށްދާ ވޯލްޑްކަޕް 2026 ގެ ދެވަނަ ބުރަށް ދިޔަ ފުރަތަމަ ޓީމަކަށް މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ މެކްސިކޯ ވެއްޖެއެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައިވާ މެކްސިކޯއަށް ދެވަނަ ބުރު ކަށަވަރުވީ މިއަދު ހެނދުނު އެޓީމުގެ ދެވަނަ މެޗުގައި ސައުތް ކޮރެއާ 1-0 އިން ބަލިކުރުމުންނެވެ.

މިމެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމަށް ވެސް މާ ރަނގަޅު ފުރުސަތުތަކެއް ނުއުފުފެއްދުނު އިރު މެޗުގެ ފުރަތަމަ 45 މިނެޓް ނިމުނީ 0-0 އިން ދެ ޓީމު އެއްވަރުވެގެންނެވެ. ހާފް ޓައިމްއަށް ރެފްރީ ކަށިގަނޑު ފުމުމާއެކު މެކްސިކޯގެ ސަޕޯޓަރުން ނުރުހުން ފާޅުކޮށް އަޑުގަދަކޮށްފައިވާ އިރު މެޗުގެ ދެވަނަ ހާފްގައި މެކްސިކޯއިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ.

މެކްސިކޯގެ ލަނޑަކީ ސައުތް ކޮރެއާގެ ކީޕަރުގެ މިސްޓޭކެއް/ފޮޓޯ: އެކްސް

އަދި މެޗުގެ 50 ވަނަ މިނެޓްގައި އެޓީމުން ލަނޑެއް ޖަހާ ލީޑު ނެގިއެވެ. މިލަނޑަކީ ސައުތް ކޮރެއާގެ ކީޕަރަށް ހެދުނު ގޯހަކުން ވަތް ލަނޑެކެވެ. މިލަނޑު މެކްސިކޯއަށް ކާމިޔާބުކޮށް ދިނީ ލުއިސް ރޯމޯއެވެ.

މެޗުގެ ނަތީޖާ ހަމަހަމަކުރަން ސައުތް ކޮރެއާއަށް ފުރުސަތު ލިބުނެވެ. ހާއްސަކޮށް މެޗުގެ 87 ވަނަ މިނެޓްގައި މެކްސިކޯގެ ޕެނަލްޓީ އޭރިއާގެ ތެރެއަށް އައި ބޯޅައެއް ގޯލާ ކައިރިން ފޮނުވާލި ނަމަވެސް މެކްސިކޯގެ ކީޕަރު ރައޫލް ރެންގޭލް ވަނީ ހުޝިޔާރު ކަމާއެކު އެ ހަމަލާ ސޭވްކޮށްފައެވެ.

މިމެޗުން މޮޅުވެ މުބާރާތުގެ ގަދަ 32 ޓީމުގެ ލިސްޓުގެ ފުރަތަމަ ނަމެއްގެ ގޮތުގައި މެކްސިކޯ ކުރިއަށް ގޮސްފައިވާ އިރު މި ގްރޫޕްގެ ދެވަނަ ހޯދައިގެން މެކްސިކޯއާއެކު ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ސައުތް ކޮރެއާއަށް އެބައޮތެވެ. އެއީ އެޓީމުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޗެކިޔާ 2-1 އިން ބަލިކުރުމުން ލިބިފައިވާ 3 ޕޮއިންޓާއެކު ފަހިވި ފުރުސަތެކެވެ. ގްރޫޕް އޭގެ އެންމެ ފަހު ދެ މެޗުގައި ސައުތް ކޮރެއާއިން ސައުތް އެފްރިކާއާ ވާދަކުރާނެ އިރު ހަމަ އެވަގުތު މެކްސިކޯ ކުޅޭނީ ޗެކިއާއެވެ.