ފީފާ ވޯލްޑްކަޕްގެ ގްރޫޕް އޭގައި ޗެކިއާއާ ސައުތް އެފްރިކާ ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެއެވެ. މިއީ މިމުބާރާތުގައި މި ދެ ޓީމުން ވެސް ކުޅުނު ދެވަނަ މެޗެވެ. މުބާރާތުގައި މި ދެޓީމުން ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފައެވެ.

މިރޭ ރާއްޖޭ ގަޑިން 9 ޖެހި އިރު ފެށި މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޗެކިއާއިންނެވެ. މެޗުގެ 6 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މިކެލް ސަޑިލެކްއެވެ.

ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ގިނައިން ހަމަލާތައް އުފެއްދީ ސައުތް އެފްރިކާއިންނެވެ. އެހެން ނަމަވެސް މެޗުގެ ސްޓެޓްތަކަށް ބަލާ އިރު ގޯލަށް އަމާޒުވި ގިނަ ހަމަލާތައް އުފައްދާފައިވަނީ ޗެކިއާއިންނެވެ.

މިއީ ސައުތް އެފްރިކާއިން 16 އަހަރުގެ ތެރޭގައި ވޯލްޑްކަޕެއްގައި ޖެހި ފުރަތަމަ ލަނޑު/ފޮޓޯ: އެކްސް

މެޗުގައި ސައުތް އެފްރިކާއިން އެއްވަރު ކުރި ލަނޑު ޖެހީ މެޗު ނިމެން ދަނިކޮށް 83 ވަނަ މިނެޓްގައެވެ. މިލަނޑަކީ ޗެކިއާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ސައުތް އެފްރިކާއަށް ލިބުނު ޕެނަލްޓީއަކުން މޮކޮއޭނާ ކާމިޔާބުކޮށް ދިން ލަނޑެކެވެ.

މިއަށް ފަހު މެޗުން މޮޅުވާނެ ނުރައްކާތެރި ހަމަލާތައް ދެ ޓީމުން ވެސް އުފެއްދި ނަމަވެސް މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި ވޯލްޑްކަޕްގައި ޖުމްލަ 25 މެޗު ކުޅެފައިވާ އިރު އޭނގެ ތެރެއިން 10 މެޗު މިވަނީ އެއްވަރުވެފައެވެ.

މިރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ދެޓީމަށް ވެސް އަދި އެބޮތެވެ. އެހެން ނަމަވެސް އެފުރުސަތު އެންމެ ބޮޑީ ގްރޫޕް ސްޓޭޖްގައި ކުޅޭ އެންމެ ފަހު މެޗުން މޮޅުވެގެންނެވެ.

ދެން މިރޭ ކުޅޭނީ ގްރޫޕް ބީގެ މެޗެކެވެ. ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާ އިރު ސުވިޓްޒަލޭންޑާ ބޮސްނިއާ ބަައްދަލުކުރާ އިރު ގްރޫޕްގެ ހަތަރު ވަނަ މެޗުގައި ވާދަ ކުރާނީ ކެނެޑާއާ ގަތަރެވެ. އެމެޗު ކުޅޭނީ ރާއްޖޭ ގަޑިން ދަންވަރު 3 ޖަހާ އިރެވެ.

މާދަމާ ހެނދުނު ރާއްޖޭ ގަޑިން 6 ޖަހާ އިރު ވެސް މެޗެއް އެބައޮތެވެ. މިމެޗުގައި ވާދަކުރާނީ ގްރޫޕް އޭގެ ތާވަލުގައި އޮތް މެކްސިކޯއާ ސައުތް ކޮރެއާއެވެ.