އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕް މުބާރާތުގެ އެންމެ ފަހު ގްރޫޕް ކަމަށްވާ ގްރޫޕް އެލްގެ ފުރަތަމަ މެޗުގައި އިންގްލޭންޑާ ކްރޮއޭޝިއާ ވާދަކޮށް 4-2 އިން އިންގްލޭންޑް މެޗު ކާމިޔާބުކޮށްފިއެވެ.
އެމެރިކާގެ އާލިންގްޓަންގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އިންގްލޭންޑުންނެވެ. ލިބުނު ޕެނަލްޓީއަކުން އިންގްލޭންޑަށް މިލަނޑު ޖަހާ ދިނީ ކެޕްޓަން ހެރީ ކޭންއެވެ. ކޭން ޖެހި ފުރަތަމަ ޕެނަލްޓީ ކްރޮއޭޝިޔާގެ ކީޕަރު ސޭވް ކުރި ނަމަވެސް މެޗުގެ ރެފްރީ ވަނީ ޕެނަލްޓީ އަލުން ޖަހަން އަންގާފައެވެ. އެއީ އެސޭވް ކުރުމުގެ ކުރިން ކީޕަރު ގޯލު ލައިންމަތިން ދުރަށް ދިއުމުންނެވެ. ދެވަނަ ފަހަރަށް ޖެހި ޕެނަލްޓީ އިންގްލޭންޑުން ކާމިޔާބުކުރިތާ މާ ގިނަ އިރު ތަކެއް ނުވެ ކްރޮއޭޝިޔާ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކުރިއެވެ.
މުބާރާތުގައި ކްރޮއޭޝިއާއިން ޖެހި ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މާޓިން މަޓުރީނާއެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން އިންގްލޭންޑުން އަނެއްކާ ލަނޑެއް ޖަހާ މެޗުގައި ލީޑު ނެގިއެވެ. މިލަނޑު ވެސް އެޓީމަށް ޖަހާ ދިނީ ކޭންއެވެ.
އިންގްލޭންޑަށް މާ ގިނަ އިރަކު ލީޑުގައި ނޮވެވުނެވެ. މެޗުގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ކްރޮއޭޝިއާއިން ލަނޑެއް ޖަހާ މެޗުގެ ސްކޯ 2-2 އަށް ހެދިއެވެ.
ދެ ޓީމު އެއްވަރުވެގެން އޮވެ ފުރަތަމަ ހާފް ނިންމި ނަމަވެސް ދެވަނަ ހާފް ފެށިތަނާ ހެން އިންގްލޭންޑްގެ މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް ޖެހި ލަނޑާއެކު މެޗުގައި ތިން ވަނަ ފަހަރަށް އިންގްލޭޑުން ލީޑު ނެގިއެވެ.
އަނެއްކާވެސް ނަތީޖާ ހަމަހަމަކުރުމަށް ކްރޮއޭޝިޔާއިން މަސައްކަތް ކުރި ނަމަވެސް މެޗުގައި ދެން ވެސް ލަނޑު ޖެހީ އިންގްލޭންޑުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ފަހު ހާފްގައި ކުޅެން ނިކުތް މާކަސް ރަޝްފޮޑެވެ.
މިމޮޅާއެކު އިންގްލޭންޑް ވަނީ ގްރޫޕް އޭލްގެ އެއްވަނައަށް އަރާފައެވެ. ދެވަނައިގައި އޮތީ މި ގްރޫޕްގައި މިއަދު ކުޅުނު އަނެއް މެޗުގައި ޕެނަމާ ބަލިކުރި ގާނާއެވެ.
