ވޯލްޑްކަޕް 2026 ގައި ވާދަކުރާ 48 ޓީމުގެ ތެރެއިން 40 ޓީމުން މުބާރާތުގައި ފުރަތަމަ މެޗެއް ކުޅެފައިވާ އިރު މިރޭ ބާކީ އޮތް ދެ ގްރޫޕްގެ ފުރަތަމަ މެޗުތައް ކުޅޭނެއެވެ. މިގޮތުން، މިރޭ ރާއްޖޭ ގަޑިން 12 ގެ ފަހުން ގްރޫޕް އެލްގެ ދެމެޗު ކުޅޭ އިރު ފުރަތަމަ މެޗުގައި 1 ޖަހާ އިރު ވާދަކުރާނީ އިންގްލޭންޑް އަދި ކްރޮއޭޝިޔާއެވެ. އަދި ދެވަަނަ މެޗު ރާއްޖެ ގަޑިން ފަތިހު 4 ޖަހާ އިރު ކުޅޭ އިރު މިމެޗުގައި ވާދަކުރާނީ ގާނާ އަދި ޕެނަމާއެވެ.
އިންގްލޭންޑާ ކްރޮއޭޝިޔާގެ މެޗަކީ ގްރޫޕް ސްޓޭޖްގެ އެންމެ ވަރުގަދަ އެއް ކުރިމަތިލުން
ދުނިޔޭގެ ރޭންކިންގްގައި ހަތަރު ވަނަ އަށް އޮތް އިންގްލޭންޑް 2026 ވަނަ އަހަރުގެ ވޯލްޑްކަޕްއަށް އައި ފޮނި ހުވަފެންތަކަކާ އެހުވަފެންތައް ހަގީގަތަކަސް ހެދޭނެ ފެންވަރުގެ ސްކޮޑެއް ވެސް ގޮވައިގެންނެވެ. މި ސްކޮޑްގައި ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ އިރު ޒުވާން އަދި ހުނަރުވެރި ކުޅުންތެރިންތަކެއް ވެސް މި ސްކޮޑްގައި ހިމެނެއެވެ. އިންގްލޭންޑްގެ ތާރީހުގައި ވެސް އެގައުމަށް ލިބިފައިވަނީ އެންމެ ވޯލްޑްކަޕެކެވެ. އެއީ 1960 ވަނަ އަހަރު އިންގްލޭންޑްގައި ބޭއްވި މުބާރާތުގެ ތައްޓެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ލީގު އޮންނަ ގައުމު ކަމަށް ދައުވާ ކުރާ އިންގްލޭންޑަށް އޭނގެ ފަހުން އެއްވެސް ބޮޑު މުބާރާތެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އިނގިރޭސި ޓީމާ މިހާރު ހަވާލުވެގެން ހުރި ތޯމަސް ޓުކުލްގެ އަމާޒަކީ މިކަން ބަދަލުކުރުމެވެ. އަދި މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި މި ވޯލްޑްކަޕަށް އައި އިންގްލޭންޑަށް ތަށި ހޯދައިދިނުމެވެ.
މިރޭ އިންގްލޭންޑާ ވާދަކުރާ ކްރޮއޭޝިޔާ އޮތީ ދުނިޔޭގެ ރޭންކިންގްގެ 11 ވަނައިގައެވެ. އެހެން ނަމަވެސް އެޓީމަކީ ވޯލްޑްކަޕްގެ ސްޕެޝަލިސްޓުންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. 2018 ވަނަ އަހަރުގެ ވޯލްޑްގެ ފައިނަލްގައި ބޮޑު ތަފާތަކުން ބަލިވި ކްރޮއޭޝިޔާ އޭނގެ 4 އަހަރު ފަހުން ގަތަރުގައި އޮތް މުބާރާތުގެ 4 ވަނަ ހޯދިއެވެ. މި ކާމިޔާބީތަކުގެ ފަހަތުގައި ތިބި ކްރޯއޭޝިޔާގެ ކުޅުންތެރިން ގައުމީ ޓީމާ ދުރަށް ގޮސްފައިވާ އިރު ވެސް ކްރޮއޭޝިޔާގެ ކުޅުމަށް އޭނގެން އަސަރުކޮށްފައެއް ނުވެއެވެ. އެހެން ކަމުން، އިންގްލޭންޑް މިރޭ ކުރިމަތިލާން ޖެހޭނީ ގްރޫޕް ސްޓޭޖްގައި އެޓީމުން ކުރިމަތިލާނެ އެންމެ ވަރުގަދަ އިމްތިހާނާއެވެ.
ޕެނަމާ އަދި ގާނާގެ މެޗުން މޮޅުވާ ޓީމަކަށް ގްރޫޕްގެ އެޑްވާންޓެޗް
މި ގްރޫޕްގައި ދެން އޮތް ދެ ޓީމު ކަމަށް ޕެނަމާ އަދި ގާނާ ވެސް މިރޭ ކުޅޭ އިރު މިރޭގެ މެޗަކީ މި ދެޓީމު ވެސް މިގްރޫޕްގައި ކުޅޭނެ ފަސޭހަ މެޗެވެ. އެހެން ކަމުން، އެކަމުގެ ފައިދާ ނަގާ މިރޭގެ މެޗުން މޮޅުވާން ދެ ޓީމުން ވެސް މަސައްކަތްކުރާނެއެވެ.
މިއީ ޕަނަމާ ވޯލްޑްކަޕެއްގައި ކުޅޭ ދެވަނަ ފަހަރެވެ. އެގައުމު ވޯލްޑްކަޕަށް އައި ކޮލިފައިންގްގައި 7 މެޗުން މޮޅުވެ 3 މެޗުން އެއްވަރުވެގެންނެވެ. މިއީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ޕެނަމާ ދެއްކި ކުޅުމާ ބަލާ ހާސް ގުނަ ތަފާތު ކުޅުމެކެވެ. އެފަހަރު ޕެނަމާ ކުޅުނު ހުރިހާ މެޗަކުން ބަލިވި އިރު އެޓިމުން ވަނީ ބައިކޮޅަށް 11 ގޯލު ވައްދާފައެވެ. އަދި ޕެނަމާ ވެގެން ދިޔައީ ބައިކޮޅަށް އެންމެ ގިނަ ގޯލު ވެއްދި ޓީމަށެވެ.
ގާނާއަށް ބަލާ އިރު މިއީ އެގައުމު ވޯލްޑްކަޕްގައި ކުޅޭ 6 ވަނަ ފަހަރެވެ. އެހެން ނަމަވެސް އެގައުމުން އެންމެ ފަހުން ވޯލްޑްކަޕް މުބާރާތެއްގައި ކުޅުނު 7 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއް މެޗުން އެއްވަރުވީ އިރު އަނެއް 5 މެޗުން ވީ ބައްޔެވެ.
އެހެން ނަމަވެސް ގާނާ ސްކޮޑް މިފަހަރު މިވަނީ ވަރުގަދަކޮށްފައެވެ. ހާއްސަކޮށް މެންސިޓީގެ ކުރިއަށް ކުޅޭ އެންޓޯނިއޯ ސެމެނިޔޯ ފަދަ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.
