ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ (ޔޫކޭ) ދެމެދު ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އަދި އިނގިރޭސިވިލާތުގެ ޕާލިމަންޓަރީ އަންޑާ ސެކްރެޓަރީ އޮފް ސްޓޭޓް އެންޑް މިނިސްޓަރު ފޯ ދަ އިންޑޯ ޕެސިފިކް، ސީމާ މަލްހޯތުރާއާ އެކު މިއަދު ވާޗުއަލް ބައްދަލުވުމެއް ބާއްވަވައިފިއެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ ދެ ގައުމުން އިސްކަންދޭ މުހިންމު ކަންތައްތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވާކަމަށެވެ. އެގޮތުން ދެ ގައުމުގެ ދެމެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ 3 ވަނަ ބުރުގެ "ސްޓްރެޓީޖިކް ޑައިލޮގް" ބޭއްވުމާ ގުޅޭގޮތުން ވާހަކަދައްކަވާފައިވާކަމަށް އިރުތިޝާމް ވަނީ ވިދާޅުވެފައެވެ.
މި މަޝްވަރާތަކުގައި ދެ ގައުމުގެ ދެމެދުގައި ތައުލީމީ ފުރުސަތުތައް އިތުރުކުރުމާއި، ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތައް ފުޅާކުރުމުގެ އިތުރުން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމަށް މަޝްވަރާކުރެވިފައިވާކަމަށް އިރުތިޝާމް ވަނީ ވިދާޅުވެފައެވެ.
އަދި ތިމާވެށި ހިމާޔަތްކުރުމަށާއި މޫސުމީ ނުރައްކާތަކުން ސަލާމަތްވުމަށް ކުރާ މަސައްކަތްތައް ވަރުގަދަކުރުމަށް ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
އިނގިރޭސިވިލާތަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއަކަށްވާއިރު، ފަހަކަށް އައިސް ދެ ގައުމުގެ ދެމެދުގައި އޮންނަ ސިޔާސީ އަދި އިގްތިސާދީ ގުޅުންތައް ދަނީ ހަލުވިކަމާއެކު ބަދަހިވަމުންނެވެ.
އެގޮތުން ދާދިފަހުން ޔޫކޭއިން ވަނީ ރާއްޖޭގެ ކަނޑުމަހުގެ ބާވަތްތަކުން ނަގަމުން އައި ޓެރިފް (ޑިއުޓީ) ވެސް ކަނޑާލާފައެވެ.
އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުން އުފައްދާ ބާވަތްތަކުން ނަގަމުން އައި ވިހި އިންސައްތައިގެ އިމްޕޯޓް ޑިއުޓީ، 2028 ވަނަ އަހަރުގެ ނިޔަލަށް އެ ގައުމުން މިހާރު ވަނީ މެދުކަނޑާލާފައެވެ. މިނިންމުމުގެ ސަބަބުން ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރުމަށް ދައްކަމުން އައި 20 އިން ސައްތައިގެ ޓެރިފް 2028 ވަނަ އަހަރުގެ ނިޔަލަށް މެދުކެނޑިގެންދާނެއެވެ.
