މިހާރު ކުރިއަށްދާ ވޯލްޑްކަޕް 2026 ގައި އެންމެ ފަހުގެ ޗެމްޕިއަންސް އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި އެޓީމުގެ ކެޕްޓަން ލައިނަލް މެސީ ތިން ގޯލު ޖަހާ މިމުބާރާތުގެ ފުރަތަމަ ހެޓްރިކް ހަދައިފިއެވެ.
މެސީ ހެޓްރިކް ހެސީ އަލްޖީރިއާ ކުޅެ 3-0 އާޖެންޓިނާ މޮޅުވި މެޗުގައެވެ.
އަވަސް ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ފުރަތަމަ ލަނޑެއް ޖެހީ އަލްޖީރިއާއިންނެވެ. އެހެން ނަމަވެސް މެޗުގެ 8 ވަނަ މިނެޓްގައި ޖެހި މިލަނޑު އޮފްސައިޑް ކަމަށް ވަނީ ނިންމާފައެވެ.
އާޖެންޓީނާގެ ފުރަތަމަ ލަނޑު މެސީ ޖަހާ ދިނީ މެޗުގެ 17 ވަނަ މިނެޓްގައެވެ. މި ގޯލް އެސިސްޓްކޮށް ދިނީ އެމެރިކާގެ އިންޓާ މަޔާމީގައި މެސީއާއެކު ކުޅޭ ރޮޑްރީގޯ ޑި ޕޯލްއެވެ.
މި ގޯލަށް ފަހު ފުރަތަމަ ހާފްގައި އިތުރު ގޯލެއް ޖަހާފައި ނުވާ އިރު ދެވަނަ ހާފް ފެށިގެން މެޗުގެ 60 މިނެޓްގައި މެސީ ވަނީ އާޖެންޓީނާގެ ދެވަނަ ލަނޑު ޖަހާފައެވެ. އެއީ އެޓީމުގެ މިޑްފީލްޑަރު އެލެކްސިސް މެކްއެލިސްޓާ ދުރުން ފޮނުވާލި ޝޮޓެއް އަލްޖީރިއާގެ ކީޕަރު ސޭވްކުރުމުން ދެން ނިކުތް ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.
އޭނގެ 16 މިނެޓް ފަހުން މެސީ ވަނީ ތިން ވަނަ ލަނޑެއް ޖަހާ ހެޓްރިކް ހަދާފައެވެ. މިއީ މެސީގެ ހަޔާތުގައި ވެސް ވޯލްޑްކަޕް މެޗެއްގައި އޭނާ ހެދި ފުރަތަމަ ހެޓްރިކްއެވެ. މިއީ އޭނާ ވޯލްޑްކަޕް މުބާރާތެއްގައި ކުޅޭ 6 ވަނަ ފަހަރެވެ.
މިއަދުގެ މެޗުގައި މެސީ ޖެހި ތިން ވަނަ ލަނޑަކީ އެހެން ގޮތުން މާ ތާރިޙީ ލަނޑެކެވެ. އެއީ ވޯލްޑްކަޕްގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިންގެ ލިސްޓުގައި އޮތް ޖާމަނީ މިރޮސްލާވް ކޮލޭސޭއާ މެސީ އަރާ ހަމަކޮށްދިން ލަނޑެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ ވޯލްޑްކަޕްގައި 16 ލަނޑު އެމީހުންގެ ޓީމުތަކަށް ޖަހާ ދީފައެވެ. ތަފާތަކީ ކްލޯސޭ ކުޅުން ހުއްޓާލިތާ އެތަށް ދުވަހެއް ވެފައިވާ އިރު މެސީއަށް މި ރިކޯޑް ފުޅާ ކުރުމަށް މިމުބާރާތުގައި މަދުވެގެން އަދި ދެ މެޗު އޮތް ކަމެވެ.
