ރާއްޖޭގެ ރަށްތަކުގެ ތަރައްގީއާއި ރައްޔިތުންގެ ދުޅަހެޔޮކަމަށް ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ތެރެއިން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ރ. ކިނޮޅަހުގައި ކުރިއަށްގެންދިޔަ އައުޓްޑޯ ޖިމް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ނިންމާލައިފިއެވެ.

ރާއްޖޭގެ ރަށްތަކުގައި ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށާއި، ކަސްރަތު ކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން ހަވާލުކުރި މި މަޝްރޫއުގެ ދަށުން، ކިނޮޅަހުގައި ވަނީ ޒަމާނީ ފެންވަރުގެ ކަސްރަތު ކުރާ ސާމާނު ހިމެނޭ އައުޓްޑޯ ޖިމެއް ގާއިމުކޮށްފައެވެ.

މިކަމާ ގުޅިގެން އެމްޓީސީސީން ވަނީ ކިނޮޅަހުގެ މަޝްރޫއުގެ ފިޒިކަލް މަސައްކަތްތައް މުޅިން ނިމިފައިވާ ކަމަށް ބުނެފައެވެ. މީގެ ކުރިން ކިނޮޅަހުގެ ރައްޔިތުންނަށް ކަސްރަތު ކުރާނެ ހާއްސަ މާހައުލެއް ރަށުގައި ގާއިމުވެފައި ނެތުމުން، މި ޖިމާއެކު ރަށުގެ އިޖުތިމާއީ ދިރިއުޅުމަށާއި ދުޅަހެޔޮކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

ރ. ކިނޮޅަހުގެ އައުޓްޑޯ ޖިމް މަޝްރޫއަކީ ރާއްޖޭގެ 18 ރަށެއްގައި ކުޅިވަރާއި ފިޓްނަސް ވަސީލަތްތައް ގާއިމުކުރުމަށް މިނިސްޓްރީ އޮފް ސްޕޯޓްސް އާއި އެމްޓީސީސީއާ ދެމެދު 6 އޮކްޓޯބަރު 2025 ގައި ސޮއިކުރެވުނު ބޮޑު އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.

މި އެއްބަސްވުމުގެ ދަށުން އެކި ރަށްރަށުގައި ފުޓްސަލް ދަނޑުތަކާއި، ވޮލީ ކޯޓުތަކުގެ އިތުރުން ކިނޮޅަސް ހިމެނޭހެން ގިނަ ރަށްތަކެއްގައި އައުޓްޑޯ ޖިމްތައް އެޅުމަށް ވަނީ ހަވާލުކޮށްފައެވެ.

މި މަޝްރޫއަކީ ރަށްރަށުގެ ޒުވާނުންނާއި، އުމުރުން ދުވަސްވީ މީހުން ހިމެނޭހެން މުޅި މުޖުތަމައުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، "ނޭޝަނަލް ފިޓްނަސް ޕްލޭން" ގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.