އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕްގައި މިފަހަރު ކުޅޭ 48 ޓީމުގެ ތެރެއިން 32 ޓީމުގެ ކުޅުން ފެނިފައިވާ އިރު އަދި ބާކީ ނުކުޅޭ 16 ޓިމެއް އެބައޮތެވެ.
މިރޭ 12 ގެ ފަހުން މީގެ ތެރެއިން 8 ޓީމެއް މުބާރާތުގެ ފުރަތަމަ މެޗުތައް ކުޅޭ އިރު އޭނގެ ތެރޭގައި ގްރޫޕް އައިގެ ހަތަރު ޓީމު ވެސް ހިމެނެއެވެ. ގްރޫޕް އައިގައި ހިމެނެނީ ފްރާންސް، ސެނެގާލް، އިރާގް އަދި ނޯވޭއެވެ.
ފްރާންސް
2018 އަހަރުގެ ވޯލްޑްކަޕް ޗެމްޕިއަނުން އަދި 2022 ވަނަ އަހަރު އޮތް ވޯލްޑްކަޕްގެ ރަނަރަޕުން ކަމަށްވާ ފްރާންސްއަކީ މިފަހަރުގެ މުބާރާތް ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު ބުނާ އެއް ޓީމެވެ. 2012 ވަނަ އަހަރުން ފެށިގެން އެޓީމުގެ ކޯޗުކަން ކުރަމުން އަންނަ ފްރާންސްގެ ކުރީގެ ކެޕްޓަން ޑިޑިއޭ ޑިޝޯމްޕްގެ ބެލުމުގެ ދަށުން ފްރާންސްގެ ޓީމު ކޮންމެ މުބާރާތަކަށް ވެސް ދަނީ ފޭވަރިޓުންންގެ ގޮތުގައެވެ. އަދި ކޮންމެ މުބާރާތަކުން ވެސް ރަނގަޅު ނަތީޖާއަކާ ހަމައަށް އެޓީމު ދާ އިރު މިފަހަރުގެ އަމާޒަކަށްވާނީ ޖައްސަ ޖައްސައިގެން ތިން ވަނަ ފައިނަލަށް ގޮސް އަނެއްކާ މުބާރާތް ކާމިޔާބުކުރުމެވެ.
ފްރާންސްގެ ސްކޮޑްގެ ކޮންމެ ދިމާލެއްގައި ވެސް ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ކުޅުންތެރިން ތިބި އިރު އެގައުމުގެ އެޓޭކްގައި ތިބީ އެހެން ޓީމުތައް ޖެހިލުންވާނެފަދަ ހުނަރުވެރި ކުޅުންތެރިންނެވެ. މިގޮތުން، ބަޔާން މިއުނިކްއަށް ކުޅޭ މައިކަލް އޮލީސް، އަދި ޕީއެސްޖީގެ ޑިސައަރީ ޑޫއޭ އާއި ބްރެޑްލީ ބާކޮލާގެ އިތުރުން ސިޓީގެ ރަޔަން ޗާކީ އަދި ރިއާލްގެ ކިލިއަން އެމްބާޕޭ ހިމެނެއެވެ.
ސެނެގާލް
މިއަހަރުގެ ޖެނުއަރީ މަހު އޮތް އެފްކޯންސްގެ ތަށި އުފުލާލި ސެނެގާލްއަށް މިއީ ލިބޭ ރަނުގެ ފުރުސަތެކެވެ. ފައިނަލްގައި ރެފްރީގެ ނިންމުމާ މެދު ހިތް ހަމަނުޖެހި ދަނޑުން ފައިބައިގެން ގޮސް އައި މެޗުގެ ފަހު ބައިކުޅުމުން އެފްރިކަން ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ސެނެގާލްއާ ދެކޮޅަށް ފިޔަވަޅު އަޅާފައެވެ. މިގޮތުން، އެޓީމަށް ލިބުނު ތަށި އަލުން އަތުލާ ޗެމްޕިއަން ޓީމަކީ ފައިނަލްގައި ސެނެގާލްއާ ވާދަކުރި މޮރޮކޯ ކަމަށް ނިންމާފައިވާ އިރު މި މުބާރާތުގައި ކާމިޔާބީ ހޯދައިގެން ސެނެގާލްގެ ހުރި ވަރު ދައްކާލަން އެޓީމުން ބޭނުންވާނެއެވެ.
މިވަގުތު ޓީމުގައި ހުރި އެންމެ މުހިއްމު އެއް ކުޅުންތެރިއަކީ ކެޕްޓަން ސާޑިއޯ މާނޭއެވެ. އެފްކޯންސް ފައިނަލްގައި ސެނެގާލްގެ ކުޅުންތެރިން އަނބުރާ ދަނޑަށް ގެނެސް މައްސަލަ ހަމަޖައްސާ ހެދީ މާނޭއެވެ. މިކަމަށް އޭނާއަށް ގިނަ ބައެއްގެ ތާއީދު ލިބުނު އިރު މިއީ އުމުރުން 34 އަހަރުގެ މާނޭގެ ފަހު ވޯލްޑްކަޕަށް ވުން ގާތެވެ.
އިރާގު
މިއީ އިރާޤު ވޯލްޑްކަޕެއްގައި ކުޅޭ ދެވަނަ ފަހަރެވެ. އެޓީމުން މީގެ ކުރިން ވޯލްޑްކަޕެއްގައި ކުޅެފައިވަނީ 1986 ވަނަ އަހަރެވެ. އެފަހަރު ގްރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗަކުން ވެސް އިރާގު ބަލިވި އިރު މިފަހަރުގެ މުބާރާތުގައި އަވަށްޓެރި އީރާނު، ސައުދީ އަދި އިޖިޕްޓް ފަދަ ޓީމުތަކުގެ ފުރަތަމަ މެޗުތަކުން އީރާގަށް ހިތްވަރު ލިބޭނެއެވެ. މި ތިން ޓީމުން ވެސް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުތަކުން ވަނީ އެއްވަރުވެފައެވެ.
އިރާޤުގެ ޓީމުގައި ހިމެނޭ އެންމެ މުހިއްމު އެއް ކުޅުންތެރިއަކީ ސްޓްރައިކަރު އައިމަން ހުސައިންއެވެ. އޭނާ ގައުމީ ޓީމަށް ކުޅެފައިވާ 93 މެޗުގައި ވަނީ 33 ގޯލު ޖަހާފައެވެ. އަދި ވޯލްޑްކަޕް ކޮލިފައިންގްގެ ޕްލޭއޮފްގައި ވޯލްޑްކަޕްގެ ޖާގަ ކަށަވަރު ކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ އައިމަންއެވެ.
ނޯވޭ
މިއީ 1998 ވަނަ އަހަރުގެ ފަހުން ނޯވޭ އިން ވޯލްޑްކަޕް މުބާރާތެއްގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. އެފަހަރުގެ މުބާރާތުގެ ގަދަ 16 އަށް ނޯވޭ ދަތުރުކުރި އިރު އެޓީމުން މިހާތަނަށް ހަތަރު ވޯލްޑްކަޕެއްގައި ވަނީ ކުޅެފައެވެ.
ނޯވޭ ޓީމުގައި ވެސް ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ކުޅޭ ގިނަ ކުޅުންތެރިން ހިމެނޭ އިރު މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ދެ ނަމަކީ އިންގްލޭންޑްގެ ޗެމްޕިއަންސް އާސަނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް އަދި މެން ސިޓީގެ ގޯލް މެޝީން އާލިންގް ހާލެންޑެވެ. ކޮލިފައިންގްގައި އެކަނި ވެސް ހާލެންޑް 16 ލަނޑު ޖެހި އިރު ހާލެންޑް ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 49 މެޗުގައި ވަނީ 55 ގޯލު ޖަހާފައެވެ.
ގްރޫޕް އައިގެ ފުރަތަމަ މެޗުތައް
- ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާ އިރު ފްރާންސްއާ ސެނެގާލް
- ރާއްޖޭ ގަޑިން މެންދަމު 3 ޖަހާ އިރު އިރާގުއާ ނޯވޭ
