އައްޑޫ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، ސ. މަރަދޫފޭދޫ / އުއްމީދުގެ ބަންދުކުރަން މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ކޮށްފިއެވެ.
މި އަމުރު ނެރެފައިވަނީ 2026 ޖޫން 15 ވަނަ ދުވަހުން ފެށިގެން 90 ދުވަހަށެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރުމަށް މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރެވެ.
ފުލުހުން ބުނި ގޮތުގައި ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ގާނޫނީ ކުށެކެވެ. އަދި މިފަދަ ތަންތަނަށް ހުއްދަނެތި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މިދިޔަ މެއި މަހު ވަނީ ފުވައްމުލައް ސިޓީގައި ހިންގަމުން ދިޔަ ޑްރަގް ކެފޭއެއްވެސް ބަންދުކޮށްފައެވެ. މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކޮށް، ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތަށް ފުވައްމުލަކު މެޖިޓްރޭޓްކޯޓުގެ އަމުރަކުން ބަންދުކުރީ ފުނާޑު، ގުލިސްތާނުގޭގައި ހުރި ތަނެކެވެ.
ފުލުހުން ބުނީ އެތަން ބަންދުކުރުމުގެ އަމުުރު ނެރުނީ މެއި 28އިން ފެށިގެން 85 ދުވަހަށެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރުކަމުގައިވާއިރު މިއީ ޑްރަގް ކެފޭއެއް ކަމަށް ތުހުމަތުކުރެވިގެން، މާލެ ނޫން ރަށަކުން ތަނެއް ބަންދުކުރި ފުރަތަމަ ފަހަރެވެ.
